އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ބައިސްކަލްގައި ކުނިކޮތަޅު އެލުވައިގެން ގެންދިއުމަކީ މަނާ ކަމެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން އާއްމުކޮށްފައިވާ، އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު ބުނާގޮތުން، ކުނި އުފުލާ ގޮތަށް ފަރުމާކޮށްފައި ހުންނަ އުޅަނދު ފިޔަވައި އެހެން އެއްޗެއްގައި ކުނި އުފުލާނަމަ، އެ ކުނި ހުންނަން ޖެހޭނީ ބޭރަށް ވަސް ނުފެތުރޭ ގޮތަށް ރަނގަޅަށް ނިވާކޮށްގެންނެވެ.

ބައިސްކަލުގައި ކުނި އުފުލަންވާނީ، ކުނި އަޅަން ހާއްސަ ފޮށިގަނޑެއް ހަރުކޮށް، އޭގެ ވަހާއި ކުނި ނުފެތުރޭ ގޮތަށް ކަމަށް ގަވައިދުގައި ބުންޏެވެ.

"އެ އުޅަދެއްގެ ފޮށިގަނޑަށް ވުރެ އުސްކޮށް ކުނި ބަރުކުރަން ވާނީ އެ އުޅަނދުގެ ފޮށިގަނޑުގެ ދެ އަރިމަތީ ފިލަ އާއި ފަހަތު ފިލާ އެކުލެވޭ ގޮތަށް ފޮށިގަނޑެއް ހަދައި، އުފުލާ ކުނީގެ އެއްވެސް މިންވަރެއް ބޭރަށް ނޭޅޭގޮތަށް ރައްކާތެރިކަމާ އެކު އެތެރޭގައި ކުނި ހިފެހެއްޓިފައި ހުންނަ ގޮތަށެވެ،" މުދާ އުފުލުމުގެ ގަވައިދުގައި ފާހަގަކޮށްފައި ވެ އެވެ.

މި ގަވާއިދާ ހިލާފަށް އަމަލުކޮށްފިނަމަ 750ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

ބައިސްކަލްގައި ކުނި ކޮަތަޅު އެލުވާލައިގެން ގެންދިއުން މަނާކުރިއިރު، ކުނި މެނޭޖުކުރަން އުފައްދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަނީ މާލޭގެ ގޭގެ އިން ކުނި އުކައިދޭން ފަށައިފަ އެވެ. ކުނި އުފުލަން އެ ކުންފުނިން ބޭނުންކުރަމުން އަންނަނީ އެކަމަށް ހާއްސަ އުޅަނދުތަކެކެެވެ.