އއ. އުކުޅަހަށް ބަނގުރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ އެންމެފަހުން އެ ރަށުގެ ފަޅުން މިއަދު ނެރެފި އެވެ.
ގެސްޓް ހައުސްގެ ވިޔަފާރިފުޅާ ދާއިރާއެއްގައި ހިންގާ އުކުޅަހުގެ އާއްމުންތަކެއް ވަނީ އެ ސަފާރީން ރާ ވިއްކާ ކަމަށް ބުނެ މިދިޔަ ހަފުތާގައި މުޒާހަރާ ކޮށްފަ އެވެ. އެއީ އެކަން ހައްލުކުރަން އެދުމުން ކައުންސިލުން އަޅާނުލީ ކަމަށް ތުހުމަތު ކޮށެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު "މިހާރު" އަށް ބުނީ ކޯޓު ހުކުމާ އެއްގޮތަށް ސަފާރީ ފަޅުން ނުނެރިގެން މީޑިއާތަކުގައި މިއަދު އެ ޚަބަރު ޖެހުމުން، އޭގެ ވެރިފަރާތުން މިހާރު ސަފާރީ ފަޅުން ބޭރުކޮށްފައިވާ ކަމަށެވެ.
އެ ސަފާރީ އުކުޅަހު ފަޅުގައި އެޅީ މަރާމާތަށް ކައުންސިލްގެ ހުއްދަ ނަގައިގެންނެވެ.
އެކަމަކު ގާނޫނާއި ޚިލާފު އަމަލުތައް ރަށު ތެރޭގައި ހިންގަން މަގުފަހިކުރާ ކަމަށް ތުހުމަތުކޮށް ރައްޔިތުންތަކެއް މުޒާހަރާކުރުމުން، ކައުންސިލުން ވަނީ މައްސަލަ ކޯޓަށް ވައްދައިފަ އެވެ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ 24 ގަޑިއިރު ތެރޭގައި އެ ރަށުގެ ފަޅުތެރެއިން ސަފާރީ ނެރުމަށެވެ.
އެނގިފައިވާ ގޮތުގައި ސަފާރީ ފަޅުން ނުނެރެ މިއަދު އޮތީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އުކުޅަހުގެ ފަޅުން ސަފާރީ ނަގަން ކޯޓުން ދިން މުއްދަތު ގުނަނީ މޫސުން ގޯސްވެގެން ސަމާލުވާން މޫސުމާ ބެހޭ އިދާރާ އިން އެލާޓްތައް ނެރޭ ގަޑިތައް ނުހިމެނޭ ގޮތަށް ކަމަށް އަމުރުގައިވެ އެވެ. އުކުޅަސް ހިމެނޭ ސަރަހައްދަށް މެޓުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ހަ އެލާޓް ނެރުނެވެ.
އެ ސަފާރީން ރަށަށް ރާ ވިއްކާ ކަމުގެ ތުހުމަތުކުރަން ފެށުމުން، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ފުލުހުން ސަފާރީ ބަލައި ފާސްކުރި އެވެ. އެކަމަކު އޭގައި އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.
ގެސްޓް ހައުސް ވިޔަފާރި ހިންގަން ހުއްދަ ދިނަސް މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުން މަނަލެވެ.