އައިޖީއެމްއެޗްގެ ބޮޑު ބަޔަކުން މިރޭ ދެ ފަހަރަށް ކަރަންޓު ކެނޑިއްޖެ އެވެ.

އެ ހޮސްޕިޓަލުގައި ހުރި މީހަކު "މިހާރު" އަށް ބުނީ އެންމެ ފުރަތަމަ ކަރަންޓު ކެނޑުނީ 8:35 ހާއިރު ކަމަށެވެ. ކަރަންޓު ދިއުމުން ވަގުތުން އިމަޖެންސީ ލައިޓު ޖެއްސި އެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އަނެއްކާ ވެސް ހޮސްޕިޓަލްގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު ކަމަށް އޭނާ ބުންޏެވެ.

ކަރަންޓު ލިބުނު ފަހުން އަނެއްކާ ވެސް، އޯޕީޑީ ވެއިޓިން އޭރިޔާ ހިމެނޭ ހެން އައިޖީއެމްއެޗްގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނެވެ. އެ ފަހަރު ކަރަންޓު ލިބުނީ ގާތްގަނޑަކަށް ފަސް މިނެޓު ފަހުން ކަމަށް އޭނާ ބުންޏެވެ.

މިކަމުގައި އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެ އެވެ. އެހެންވެ، ފަރުވާގައި އިތުރު އެއްވެސް މައްސަލައެއް ދިމާވި ކަމެއް ނުވަތަ ނޫންކަމެއް ކަށަވަރެއް ނުވެ އެވެ.

ހޮސްޕިޓަލްތަކަކީ އެގޮތަށް ކަރަންޓް ކެނޑިއްޖެ ނަމަ ބެކަޕް ސިސްޓަމެއް ގާއިމްކޮށްފައި ހުންނަ ތަންތަނެވެ. އެކަމަކު، އައިޖީއެމްއެޗްގެ ބެކަޕް ޖަނަރޭޓަރުތައް މިރޭ މަސައްކަތް ކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.

ސްޓެލްކޯއިން ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ އައިޖީއެމްއެޗް ހިމެނޭ ސަރަހައްދުން އެއް ފަހަރު ކަރަންޓު ކެނޑުނު ކަމަށެވެ. އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.