އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ފައިދާ ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވިޔަސް ބިދޭސީއަކަށް ލިބޭ ގޮތަކަށް ހިންގުން މަނާ ކަމަށް ކަނޑައަޅައި އެފަދަ ވިޔަފާރިއަކުން ބިދޭސީއެއްގެ އެކައުންޓަށް ފައިސާ ޖަމާކުރާ ނަމަ އެއީ ބިދޭސީއަކަށް މަންފާވުން ކަމަށް ބަލައި ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވައިދުގައި ހިމަނައިފި އެވެ.
ރިޓެއިލް ވިޔަފާރިއަކީ ބިދޭސީންނަށް އަބަދުވެސް މަނާކޮށްފައި އޮންނަ ކަމެކެވެ. އެކަމަކު ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީކޮށްގެން ބިދޭސީން ވަނީ އެތައް ވިޔަފާރިއެއްގެ ކޮންޓްރޯލް ނަގައިފަ އެވެ. މިހެން ހިންގާ ވިޔަފާރިތަކުން ވިޔަފާރިކުރުން ބިދޭސީންގެ ނަންނަމުގައި ހުންނަ އެކައުންޓްތަކަށް ފައިސާ ޓްރާންސްފަކުރަންޖެހޭ ގޮތަށް ހުރުން ވެސް ވަނީ އާންމުވެފަ އެވެ.
އިއްޔެ ގެޒެޓްކުރި ގަވައިދުގައި، އަމިއްލަ ފަރުދުންގެ ވިޔަފާރި ބިދޭސީންނަށް މަނާ ކަމަށް ބަޔާންކުރުމާ އެކު އިތުރު މާއްދާއެއްގައި ބުނެފައިވަނީ ބިދޭސީއަކަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް މަންފާއެއްވާ ގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގުން މަނާ ކަމަށެވެ.
"އަމިއްލަ ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން، ބިދޭސީ ފަރާތެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާ ކަމުގެ ހެކި ހުރެއްޖެ ނަމަ، އެ ވިޔަފާރި އަކީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއް ކަމަށް ކަނޑައަޅައި މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ފިޔަވަޅު އެޅުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންވެ އެވެ." ބިދޭސީއަކަށް ވިޔަފާރީގެ މަންފާ ލިބޭ ކަމަށް ކަނޑައަޅާ ގޮތް ބަޔާންކުރާ މާއްދާގައި ބުނެފައިވެ އެވެ.
މިކަން އެނގިއްޖެ ނަމަ އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ؛
● ފައިސާ ލިބުނު ބިދޭސީއާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުން
● ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ މީހާ 100،000ރ. އިން ޖޫރިމަނާކުރުން
● އާ ވިޔަފާރިއެއް ރަޖިސްޓްރީކޮށްދިނުން ފަސް އަހަރަށް މަނާކުރުން އަދި
● ވިޔަފާރި ރަޖިސްޓްރީ ބާތިލްކުރުން
ގަވައިދުގައިވާ ގޮތުން، މިފަދަ ފިޔަވަޅެއް އެއްވެސް ވިޔަފާރިއަކާ މެދު އަޅައިފި ނަމަ އެކަން އާންމުކޮށް އިއުލާނު ވެސް ކުރަންޖެހެ އެވެ.
ބިދޭސީން އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ކޮށްގެން ހޯދާ ކަމަށް ބެލެވޭ ފައިސާ ރާއްޖޭން ބޭރަށް ގެންދިއުން ހުއްޓުވަން ގަވައިދުގައި ވަނީ ޑިކްލެއާކޮށްފައިވާ، އެ މީހަކަށް ލިބޭ އާމްދަނީއާ ނުބައްދަލު އަދަދެއް ކަމަށް ބެލެވޭ ނަމަ އެކަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ބޭންކުތަކާއި، ރާއްޖޭން ބޭރަށް ފައިސާ ފޮނުވައިދޭ ފަރާތްތަކުން އަންގަން ޖެހޭނެ ކަމަށެވެ.
އިއްޔެ ގެޒެޓްކުރުމާ އެކު އަމަލުކުރަން ފަށާފައިވާ ގަވައިދުގައި، އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގާ ތަންތަން އިންސްޕެކްޓްކުރުމުގައި ބަލާނެ ބައެއް ކަންކަން ބަޔާންކޮށްފައިވެ އެވެ. އަދި ބޮޑެތި ޖޫރިމަނާތައް އަންނާނެ ބައެއް ކަންކަން ވެސް އޭގެ ތެރޭގައި ހިމަނާފައިވެ އެވެ.
ވިޔަފާރިކުރާ ތަނުގެ ނަން ރަޖިސްޓްރީކޮށްފައި ނެތުން، އެހެން ގާނޫނެއްގެ ދަށުން ނަގަންޖެހޭ ހުއްދައެއް ނަގާފައި ނެތުން އަދި ވިޔަފާރިކުރާ ތަނުގެ ބޭރުގައި މުދާ ބަހައްޓާފައި ހުރުމަކީ އިންސްޕެކްޓުކުރާއިރު 1،000ރ. އާއި 100،000ރ. އާ ދެމެދުގެ ޖޫރިމަނާ އަންނާނެ ކަންކަމެވެ.
ގަވައިދުގައިވާ ގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްދޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނަށް އެކަންޏެވެ. އަދި އެ މީހަކީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީއެއް އޮތް މީހަކަށް ވެގެން ވެސް ނުވާނެ އެވެ. މީގެ އިތުރުން ބިދޭސީއަކަށް މަންފާވާ ގޮތަށް މިފަދަ ވިޔަފާރިއެއް ހިންގިކަން ސާބިތުވެ ފިޔަވަޅު އެޅިތާ ފަސް އަހަރު ވެފައިވާ މީހަކަށް ނޫނީ ވެސް އަލުން ރަޖިސްޓްރީއެއް ނުކޮށްދޭނެ އެވެ.