ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރަކު "މިހާރު"އަށް މިކަން ކަށަވަރުކޮށްދެއްވައި ވިދާޅުވީ އިދާރީ ކަންކަން ފުރިހަމަކޮށްފައި ވީހާވެސް އަވަހަކަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ނަޝީދު މަގާމުން ވަކިކުރުމުގެ ޕެޓިޝަންގައި ސޮއިކުރަން ވަނީ ފަށައިފަ އެވެ.

"އިދާރީ ކަންކަން ފުރިހަމަވިހާ އަވަހަކަށް ހުށަހަޅާނެ،" މެމްބަރު ވިދާޅުވި އެވެ.

ނަޝީދު ވަކިކުރަން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ކުރަނީ.
ނަޝީދު ވަކިކުރަން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ކުރަނީ.

"އިތުބާރު ނެތް ކަމަށް ފާސްވާނެ، އަދަދު ހަމަ"

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލިސް ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނީ ރިޔާސަތުގައި އިންނަވައިގެން ނަޝީދު އަމަލުކުރައްވާ ގޮތުން ކަމަށެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ވެސް ނަޝީދު އަމަލުކުރެއްވީ ގާނޫނާ ޚިލާފަށް ކަމަށާއި މުޅި މަޖިލީހުގެ ނިޒާމް ގެއްލުވާލި ކަމަށް ވިދާޅުވި އެވެ.

މިއީ މެމްބަރުންގެ ކަންބޮޑުވުން ހުރި މައްސަލައެެއް ކަމަށާއި މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ޕީޖީ ގްރޫޕުގެ ނިންމުމަކަށް ވީ ނަޝީދު މަގާމުން ވަކިކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެ އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކި ކުރަން ހުށަހަޅަން ފާސްކުރުމަށްފަހު، އެމްޑީޕީ ޕީޖީގެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. -ފޮޓޯ: މަޖިލީހުގެ އިދާރާ
މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކި ކުރަން ހުށަހަޅަން ފާސްކުރުމަށްފަހު، އެމްޑީޕީ ޕީޖީގެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. -ފޮޓޯ: މަޖިލީހުގެ އިދާރާ

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ޕާލަމަންޓްރީ ގްރޫޕުން ފާސްވީ އަސްލަމް ވިދާޅުވި ގޮތުގައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އެމްޑީޕީގެ 36 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އެ ޕާޓީގައި 56 މެމްބަރުން ތިއްބެވިއިރު، އަޣުލަބިއްޔަތު މި މައްސަލައަށް ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"މި ސޮއިތައް 50އިން މައްޗަށް ދާނެ ކަަމަށް ލަފާކުރެވޭ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދު ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ކުރިއަށް ގެންދަވަނީ "ޗަރުކޭހެއްގެ" ގޮތުގަ އެވެ. ރިޔާސަތުން އަމަލުކުރައްވަނީ ހިތުހުރި ގޮތަކަށް ކަމަށާއި ގާނޫނާއި ގަވައިދުތައް މާނަކުރައްވަނީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ، ގާނޫނާ ޚިލާފަށް އެމަނިކުފާނު ރިޔާސަތުގައި އިންނަވައިގެން އަމަލުކުރެއްވުމެވެ.

"ރައްޔިތުންގެ މަޖިލިސް ހިނގަން ޖެހޭނީ ގާނޫނީ ހަމަތަކުގެ ތެރެއިން. ގަވައިދު ނެގެހެއްޓުމުގެ އެންމެ އިސް މަސްއޫލިއްޔަތު ހަވާލުކުރެވިފައި ވަނީ މަޖިލީހުގެ ރައީސްއާ،" މި އުސޫލުން މަޖިލިސް ނުހިނގާ ކަމުގެ ކަންބޮޑުވުންފާޅުކުރައްވައި އަސްލަމް ވިދާޅުވި އެވެ.

"ވަޒީރަކު އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ގެންނަަވައި އެތައް ވަގުތެއް މިތަނުގައި ތާށިކޮށްފައި ބޭންދުމާއި ހިތުހުރިހާ ގޮތަކަށް އަމަލުކޮށް، މައްސަލަ ކުރިއަށް ނުގެންދަވައި ބޮޑު ޗަރުކޭހެއް، ކުޅިވަރުގަނޑެއްހެން މިތަނުގައި މުޅި ހަމަތައް ނަގާލައިގެން ކުރިއަށްގެންދާ ގޮތަށް މަޖިލިސް ތެރޭގައި [ކަންކަން ކުރިއަށް ގެންދެވީ]."

އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީ ކުރިއަރުވައި އިސްލާހަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައި ނަޝީދަށް އިހްތިރާމްކުރެއްވި ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެ ސިފަ ގެއްލިއްޖެ އެވެ. އެމަނިކުފާނުގެ އަމަލުތައް މިހާރު ފެންނަނީ ޑިމޮކްރަސީއާ ދުރު، އަމިއްލަ މަންފާއަށް ގާނޫނުތަކާއި ގަވައިދުތައް މުގުރާލާ ތަން ކަމަށް ވިދާޅުވި އެވެ.