ސްކޫލް ކުދިންގެ ލަވަ މުބާރާތް އަށް އަަހަރުގެ މެދުކެނޑުމަކަށް ފަހު މިއަދު އަލުން ފަށާނެ އެވެ.

ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ލަވަކިޔުމުގެ ހުނަރު އާލާކޮށް، ލަވަކިޔުމުގެ ދާއިރާ އަށް ކުދިން އުފެއްދުމުގެ މަގްސަދުގައި 1988 ވަނަ އަހަރު ފެށި މި މުބާރާތް އެންމެ ފަހުން ބޭއްވީ 2015 ގަ އެވެ.

އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަދު ފަށާ ލަވަ މުބާރާތުގައި 32 ސްކޫލަކުން ޖުމްލަ 273 ދަރިވަރުން ވާދަކުރެ އެވެ. މުބާރާތް ކުރިއަަށް ގެންދަނީ ހަ އުމުރުފުރައަކަށެވެ.

މުބާރާތުގައި ކުދިން ހުށަހަޅައިދޭ ލަވަތައް ދައްކަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް "ޔެސް ޓީވީ" އިންނެވެ.

މުބާރާތުގެ ފައިނަލް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

މި އަހަރުގެ މުބާރާތް އިންތިޒާމްކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި ނެޝަނަލް ސެންޓަ ފޯ ދަ އާޓްސް އަދި ޕީއެސްއެމް ގުޅިގެންނެވެ.