ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލް މަރުވުމުގެ މަހެއްހާ ދުވަސް ކުރިން އޭނާ އަށް އަނިޔާ ކުރި މައްސަލައެއް ހުށަހެޅުމުން ވެސް، އެ މައްސަލައިގައި އިހުމާލުވުމުގެ ދައުވާ ލިބޭ މީހުން އެކަމަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ޖެނުއަރީ، 2015 ގައި އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކޮށް މަރައިލި މައްސަލައިގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރަނީ އޭރު ވ. އަތޮޅުގެ ފެމިލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރުގައި މަސައްކަތްކުރި އައިމިނަތު ޝިޔާޒާ އާއި އަހުމަދު ޝުޒާދާއި ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ޝަކީބާއި މުހައްމަދު ރަޝީދުގެ އިތުރުން އޭރު ވ. އަތޮޅުގެ ޕޮލިސް ކޮމާންޑްގެ އެކްޓިން ކޮމާންޑަރު ލިސާން އަބޫބަކުރުގެ މައްޗަށެވެ.
އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށައި، ވަކިވަކިން ދައުލަތުން އިއްވި ދައުވާގައިވާ ގޮތުން ޑިސެމްބަރު، 2014 ގައި އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކުރި މައްސަލައެއް ޖެންޑާ ސާވިސް ސެންޓަރަށް ހުށަހެޅުމުން އެ ފަސް މީހުން އެ ކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެއް ނުވެ އެވެ. އޭގެ ސަބަބުން، ޖެހިގެން އައި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އިބްތިހާލަށް އަނެއްކާ ވެސް އަނިޔާ ކުރުމުން އޭނާ މަރުވެފައިވާތީ އެ މީހުންނަށް ދައުވާ ކުރީ ކަމަށް ދައުވާގައިވެ އެވެ.
ދައުވާގައިވާ ގޮތުން ޝަކީބާއި ރަޝީދަކީ ޖެންޑާ މިނިސްޓްރީގައި އެފަދަ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް ދެ މީހުންނެވެ. އެކަމަކު އެ މައްސަލައިގެ މައުލޫމާތު ޖެންޑާ މިނިސްޓްރީ އަށް ލިބުމުން އެ މީހުން އެކަމަށް ފިޔަވަޅު ނާޅާ ކަމަށް ދައުވާގައިވެ އެވެ.
ވ. އަތޮޅުގެ ޖެންޑާ ސާވިސް ސެންޓަރަށް އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލަން ޝިޔާޒާ އާއި ޝުޒާދު ރަކީދޫ އަށް ދިޔަ ކަމަށާއި އެކަމަކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެ ދެ މީހުން އިހުމާލުވެފައިވާ ކަމަށް ދައުވާގައިވެ އެވެ. އަދި ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ލިސާން ނުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވީ ކަމަށް ދައުވާގައިވެ އެވެ.
ވަކިވަކިން ބޭއްވި ތިން އަޑުއެހުމުގައި ދައުވާ އިއްވުމުން ރަޝީދާއި ޝުޒާދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ބާކީ ތިބި ތިން މީހުން ބުނީ ޖަވާބުދާރީވާނީ ވަކީލަކާ އެކު ކަމަށެވެ. އެހެންވެ، ކޯޓުން ވަނީ އެ ފުރުސަތު އެ މީހުންނަށް ދީފަ އެވެ.
ޝުޒާދު މިއަދުގެ އަޑުއެހުމަށް ހާޒިރުވީ ވަކީލަކާ އެކު އެވެ. އޭނާގެ ވަކީލް އަބްދުﷲ ސައީދު ވިދާޅުވީ ޝުޒާދަކީ އޭރު ޕްރޮބޭޝަންގައި ހުރި މުވައްޒަފެއް ކަމަށާއި އޭނާގެ ވަޒީފާގެ އެއްބަސްވުމެއް ވެސް އޭރު ނެތް ކަމަށެވެ. ޝިޔާޒާއާ އެކު ރަކީދޫއަށް ޝުޒާދު ދިޔައީ ޝިޔާޒާ އަންގާ ގޮތަކަށް އަމަލު ކުރުމަށް ކަމަށާއި އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައީ ވެސް ޝުޒާދު އަމިއްލައަށް ކަމަށެވެ.
ގާޒީ އަހުމަދު ޝަކީލް ބައްލަވާ އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުން އަންނަ މަހުގެ ތެރޭގައި ބާއްވާނެ އެވެ. އެދުވަހު އޮންނާނީ ވަކީލަކާ އެކު ޖަވާބުދާރީވެ، ހެކި ހުށަހެޅުމެވެ.
އެ މައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރަނީ ހަތް ވަކީލުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. އެ ޓީމުގައި އިސްކޮށް ހުންނަވަނީ ކުރީގެ ގާޒީ އަދި މިހާރުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތެވެ.
އެ ފަސް މީހުންގެ މައްޗަށް ދައުވާކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.
އިބްތިހާލަށް އަނިޔާކުރި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް މިހާރު ދަނީ ޝަރީއަތް ހިންގަމުންނެވެ. އޭނާ ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ.