ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ހޯދަން އެދުނު އެންމެންނަށް ގޯތި ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާ ޕްރެސް ކޮންފަރެންސްގައި އަސްލަމް ވިދާޅުވީ މިއަދު އިއުލާން ކުރަނީ ބިންވެރިޔާ ޕްރޮގްރާމަށް ކުރިމަތިލީ ވަގުތީ ލިސްޓެއް ކަމަށެވެ.

"އެ ލިސްޓް މިއަދު ގެޒެޓްކުރާނެ. އޭގައި ވާނެ އެޕްލިކޭޝަން ލީ މީހުންނާއި ލައިފައި ވަނީ ކިތައް އެޕްލިކޭޝަން ވެސް. ރައީސް ވެސް އިއުލާން ކުރައްވާފައި ވަނީ 5000 ގޯތި. މި ވަގުތަށް އެ 5000 އެޕްޕިކަންޓަކީ ކޮބައިކަން ވެސް އެނގެން އޮންނާނެ. އަދި ޑިސްކޮލިފައިވީ ކޮން ބައެއް ކަން ވެސް ޕޯޓަލް އިން އެނގެން އޮންނާނެ،" އަސްލަމް ވިދާޅުވި އެވެ.

ފުރަތަމަ ދޭނީ މިހާރު އިއުލާނުކޮށްފައިވާ 5،000 ގޯތި ކަމަށާއި މި ސްކީމަށް 15،164 ފޯމް ހުށަހެޅި ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ގެޒެޓް ކުރަނީ އޭގެ ތެރެއިން 10،314 މީހަކަށް ލިބޭ ގޯއްޗެވެ.

އަސްލަމް ވިދާޅުވީ މި ވަގުތަށް އިއުލާން ކުރާ 5000 ގޯތި ލިބޭ މީހުންގެ އިތުރުން މި މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

"ކެބިނެޓްގެ ހާއްސަ ބައްދަލުވުމެއް ބާއްވާފައި އޮތީ ކޮލިފައިވީ އެންމެންނަށް ގޯތި ދޭން. ސަރުކާރުގެ ސިޔާސަތެއް އެބައޮތް މި ލިސްޓް ލައިވްކޮށް ބާއްވައިގެން ދެން ގޯތި ލިބޭ މީހުންގެ ކަންކަން ވެސް ކުރިއަށް ގެންދަން،" އަސްލަމް ވިދާޅުވި އެވެ.

"މިއަދު މިއީ މާލޭގެ ރައްޔިތުންނަށް އުފާވެރި ދުވަހަކަށް ވާނެ ދުވަހެއް. ރާއްޖޭގެ ބޯހިޔާވަހި ކަމުގެ ފުރިހަމަ ސިޔާސަތެއް އެބައޮތް. މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ ދަތިތައް އެބަހުރި. އެކަމަކު ޖުމްލަ ހައްލެއް ލިބިގެން ދާނީ މުޅި ރާއްޖޭގެ ތަރައްގީ ގެނެވިގެން."

އަސްލަމް ވިދާޅުވި ގޮތުގައި މި ގޯތިތައް ދޭނީ ހުޅުމާލެއިންނާއި ގިރާވަރު ފަޅުން ކަމަށެވެ. ގިރާވަރު ފަޅު ހިއްކަން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި ކަމަށާއި އެކަން ނިމި މި ދައުރު ތެރޭ ގޯތި ހަވާލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓަކީ "ލައިވް ލިސްޓެއް" ކަމަށާއި އިތުރު ފުރުސަތު ދީ އެ ލިސްޓުން މިފަހަރު ނުހިމެނޭ މީހުންނަށް ވެސް ފުރުސަތު. ދީ އެ މީހުންނަށް ވެސް ގޯތި ލިބޭނެ މަގު ފަހިކޮށްދޭނެ ކަމަށެވެ.