މި ސަރުކާރުން ކ. ގުރައިދޫގައި ހިއްކި ބިމުން ގޯތި ނުދޭތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ރަށު ކައުންސިލަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް، މާލެ އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ، ގުރައިދޫ އަށް ވެސް ވަޑައިގެންފަ އެވެ.
އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން، ރައީސް ވިދާޅުވީ ގުރައީދޫ އަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ހުރިހާ ވައުދެއްހެން ގާތްގަނޑަކަށް ފުއްދައި ދެވި ފުރިހަމަ ވަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ރަށަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު ވައުދަކީ ރަށުގެ ބިން ހިއްކައި ދިނުމަށް ވެވަޑައިގެންވި ވައުދު ކަމަށެވެ. އެ ވައުދު ސަރުކާރުން ފުރިހަމަ ކޮށްދީފައި ވިޔަސް އެ ބިމުން ރައްޔިތުންނަށް ގޯތި ނުދީ އޮތުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ބިން ހިއްކީ ރަށުގައި އުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް. އެނގިވަޑައިގަންނަވާނެ، ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން ރަށްރަށުގެ ބިން ކަނޑައި ރައްޔިތުންނަށް ދިނުމަކީ ކައުންސިލްގެ ޒިންމާގައި އޮތް ކަމެއް. މިހާތަނަށް އައިއިރު ވެސް އެކަން ނުކޮށް ކައުންސިލުން އޮތް އޮތުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން އެ އޮތީ ބޮޑު ބިމެއް ހިއްކައި ދީފައި. ރައްޔިތުން މި ރަށުން ބޯހިޔާވަހިކަން ބޭނުންވޭ. ގޯތި ބޭނުންވޭ. ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް މިހާރު މި ރަށަކު ނެތް."
ރައީސް ވިދާޅުވީ އެކަން ކައުންސިލަށް ނުކުރެވޭ ކަމަށްވަންޏާ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް އެ ރަށުގެ ރައްޔިތުންނަށް އެމަނިކުފާނުގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.
"ރައްޔިތުންނަށް ހުރަސް އަޅާ ބަޔަކަށް ޖާގައެއް ދޭކަށް އަޅުގަނޑުމެން ދެން ނެތިން. އަޅުގަނޑަށް ޔަގީން މި ރަށުގެ ރައްޔިތުން ކުރިއަށް އޮތް އިންތިހާބުތަކުގައި އެކަން ދަންނާނެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށް ވިޔަސް. ރިޔާސީ އިންތިހާބު ކަމަށް ވިޔަސް. ކައުންސިލް އިންތިހާބު ކަމަށް ވިޔަސް. ރައްޔިތުންގެ މުހުތާދުތައް ފުއްދައިދޭ ބަޔަކު ނޫނިއްޔާ ރައްޔިތުންނެއް ދެން މި ރަށަކަށް ނުހޮވާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގުރައީދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ ގޮތުން، އެ ރަށުން ފްލެޓް ނުވަތަ ރޯ ހައުސް ދިނުމަށް، އެމަނިކުފާނުގެ ކުރިއަށް އޮތް ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށެވެ.