އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމުގައި ހުންނެވި އަލީ ނަޝާތުގެ ފަސް އަހަރުގެ ދައުރު އިއްޔެ ހަމަވެއްޖެ އެވެ.

ނަޝާތު، އީސީގެ މެންބަރު ކަމަށް އައްޔަން ކޮށްފައި ވަނީ ޖުލައި 25، 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ނަޝާތުގެ ދައުރު ހަމަވުމުގެ ކުރިން، އެ މަގާމަށް އޭނާ އަލުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފަ އެވެ.

އީސީގެ މެންބަރު ކަމުގައި ހުންނެވި ނަޝާތު (މެދުގައި)، އޭނާ ދެ ވަނަ ދައުރަކަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ވަނީ ފޮޮނުވާފައި-- ފޮޓޯ: މިހާރު
އީސީގެ މެންބަރު ކަމުގައި ހުންނެވި ނަޝާތު (މެދުގައި)، އޭނާ ދެ ވަނަ ދައުރަކަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ވަނީ ފޮޮނުވާފައި-- ފޮޓޯ: މިހާރު

ނަމަވެސް މަޖިލީހުގެ މިދިޔަ ދައުރު ނިމުނުއިރު އީސީގެ މެންބަރުކަމަށް މީހަކު އައްޔަން ކުރުމުގެ މައްސަލަ އޮތީ މަޑުޖެހިފަ އެވެ. އެ މައްސަލަ އާއި އިތުރު ބައެއް މައްސަލަ ނިންމުމަށް ދައުރު ދިގު ދަންމާލަން ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީން އެދުނަސް އެ ގޮތަށް ރިޔާސަތުން އަމަލުކޮށްފައެއް ނުވެ އެވެ.

އީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއިލް ހަބީބާއި ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފެވެ.

މެންބަރެއްގެ ދައުރު ހަމަވެ، އީސީގެ ގާނޫނީ އަދަދު ގެއްލިފައި ވަނީ އެ ކޮމިޝަނުގެ އެތެރޭގައި ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. ރިޔާސީ އިންތިހާބަށް ދެ މަހަށް ވެފައި ވަނިކޮށް، އީސީގެ ރައީސް ފުއާދުގެ އިތުބާރު ނެތް ކަމަށް އެ ކޮމިޝަންގެ މެމްބަރުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފަ އެވެ.

އެ މައްސަލައިން ފުއާދުގެ މަގާމަށް އަސަރު ނުކުރި ނަމަވެސް، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް "މިހާރު" އަށް ވިދާޅުވީ، ފުއާދު ބައިވެރިވެވަޑައިގަންނަވާ އެއްވެސް ޖަލްސާއެއްގައި ކޮމިޝަންގެ ތިން މެންބަރުން ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި ފުއާދު ވަޑައިގަންނަވާ ތަނަކަށް އަދި ކުރައްވާ ކަމަަކަށް ވެސް އެއްބާރުލުން ނުދެއްވާ ކަމަށެވެ.

އެކަމާ ގުޅިގެން އީސީގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަމުން މިހާރު ގެންދަވަނީމަޖ ހަބީބެވެ.