އެކްސިޑެންޓުގައި އަނިޔާވި ކަލައިދޫ ކުއްޖާ މަރުވެއްޖެ

މިިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލ. ކަލައިދޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ކުޑަކުއްޖާ ރޭ މަރުވެއްޖެ އެވެ.


ކަލައިދޫ އިރުމަތީގޭ، އަހުމަދު ވިޝާލް، 14، މަރުވީ އައިޖީއެމްއެޗުގައި ވެންޓިލޭޓަރެއްގެ އެހީގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެކްސިޑެންޓުގައި ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ސިކުނޑި މަރުވުމާ ގުޅިގެން ޑޮކްޓަރުން ވަނީ އޭނާ ރަނގަޅުވާނެ ކަމުގެ އުއްމީދު މާ ކުރިން ކަނޑާލައިފަ އެވެ.

ރޭ ފަތިސް ނަމާދަށް ފަހު ވިޝާލް ވަނީ އާސަހަރާގައި ވަޅުލައިފަ އެވެ.

ކަލައިދޫ ބޮޑު މަގުގައި މި އެކްސިޑެންޓު ހިނގީ ތިން ކުއްޖަކު ދަންވަރު ގަޑީގައި ސައިކަލް ދުއްވަން ނުކުމެ އުޅެނިކޮށެވެ. މި ހާދިސާގައި ބޮޑު އަނިޔާއެއްވީ ވިޝާލް އަށް ކަމަށް ވާއިރު، 13 އަހަރުގެ އަނެއް ދެ ކުދިންނަށް މާ ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް އެ ރަށު ކައުންސިލުން ކުރިން ވަނީ ބުނެފަ އެވެ.