ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން ލަސްކުރާ ކަމަށް ބުނެ މެންބަރުން ނުރުހުން ފާޅުކޮށް އަޑުގަދަކުރުމާ ގުޅިގެން ޖަލްސާ މެދުކަނޑާލަން ޖެހިއްޖެ އެވެ.
މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފެއްޓެވީ އިތުބާރު ނެތް ކަމަށް ގިނަ މެންބަރުންތަކެއް ސޮއި ކުރައްވައި މަޖިލީހަށް ހުށަހެޅުއްވި ނަޝީދު ރިޔާސަތުގައި އިންނަވައިގެންނެވެ.
ޖަލްސާ ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް މައްސަލަތަކާއި އެހެނިހެން މަސައްކަތް ކުރިޔަށް ގެންދެވޭނީ ކޮމިޓީތައް އެކުލަވާލައިގެން ކަމަށެވެ. އެ މަސައްކަތް ހަލުވި ކަމާއެކު ކުރިޔަށް ގެންދަން ޑިމޮކްރެޓްސްގެ މެންބަރުން މަޖިލީހުގެ ދަފްތަރުގައި ހިމެނުމަށް މަޖިލީހުގެ އިދާރާ އަށް ސިޓީ ފޮނުވުމަށް ނަޝީދު އެދިވަޑައިގަތެވެ.
ނަމަވެސް ޑިމޮކްރެޓްސްގެ ދަފްތަރުގައި ހިމެނުމަށް މިއަދު މަޖިލީހަށް ސިޓީ ފޮނުވާފައި ވަނީ އެ ޕާޓީގެ އެންމެ ތިން މެންބަރެކެވެ.
އެ މައްސަލާގައި އެމްޑީޕީގެ މެންބަރުން ނަޝީދު ވާހަކަފުޅު ކުރިޔަށް ގެންދަވަނި ކޮށް އަޑުގަދަ ކުރަން ފެށި އެވެ. އަދި "ރިޔާސަތުގައި ނީނދެވޭނެ" ކަމާއި "ގަވައިދާ ހިލާފަށް ހިންގާ" ކަމަށް ވިދާޅުވެ އެ މެންބަރުން ގެންދެވީ ނަޝީދަށް ފާޑު ވިދާޅުވަމުންނެވެ.
މެންބަރުން ކޮންޓްރޯލް ނުވުމުން ނަޝީދު ވަނީ އެމްޑީޕީގެ ބައެއް މެންބަރުންގެ ނަންތައް އިއްވައިފަ އެވެ.
ނަޝީދު ވަނީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީގެ ނަން އިއްވައިފަ އެވެ.
މީގެ އިތުރުން ނަޝީދު ވަނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަޝީދު ނަސޭހަތްތެރިވި އެވެ.
ނަޝީދުގެ އަމުރަށް އެއްވެސް މެންބަރަކު އަމަލު ނުކުރުމުން އެމަނިކުފާނު ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި އެއްވެސް މެންބަރަކު ނުނިކުތުމުން ނަޝީ ދު ވަނީ އެ މެންބަރުން ވަޑައިގަންނަވަން ދެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފަ އެވެ.