ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން ރިޔާސަތުން ލަސްކުރާ ކަމަށް ވިދާޅުވެ، މެންބަރުން ނުރުހުން ފާޅުކުރައްވައި، އަޑުގަދަކުރުމާ ގުޅިގެން ނަން އިއްވި މެންބަރުން ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން ދެކޮޅު ހައްދަވައި، މަޖިލިހުގައި ވަޒީރުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިތަކުގައި މިއަދު އިށީނދެވަޑައިގެންފި އެވެ.

އިތުބާރު ނެތް ކަމަށް ގިނަ މެންބަރުންތަކެއް ސޮއި ކުރައްވައި މަޖިލީހަށް ހުށަހަޅުއްވާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތާ ދެކޮޅަށް އަޑު އުފުއްލަވަން ފެއްޓެވުމުން ނަން އިއްވެވީ އެމްޑީޕީގެ ތިން މެމްބަރުން ކަމަށްވާ ކެލާ ދާއިރާގެ އިބްރާހިމް ޝަރީފާއި ދާންދޫ ދާއިރާގެ ޔައުގޫބް އަބްދުﷲ އަދި ތިނަދޫ އުތުރު ދާއިރާގެ އަބްދުލް މުޣުނީގެ އެވެ.

ނަން އިއްވި ނަމަވެސް، އެ މެންބަރުން ތަޅުން ދޫކުރައްވަން ދެކޮޅު ހައްދަވައި ތަޅުމުގައި މަޑުކުރެއްވީ އެވެ. އެކަމާ ގުޅިގެން، ރިޔާސަތުގެ އަމުރަށް މެންބަރުން ބޯނުލަނބާ ކަމުގެ ކަންބޮޑުވުން ނަޝީދު ފާޅުކުރެއްވުމަށް ފަހު ޖަލްސާ މެދުކަނޑާލެއްވި އެވެ.

"ދާންދޫ ދާއިރާގެ މެންބަރާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ތި ހުރަސް އަޅުއްވަނީ ހުރިހާ ރައްޔިތުންގެ ހައްގަށް،" ބާރުގެ ބޭނުން ކޮށްގެން އެ މެންބަރުން ނުނެރޭނެ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.

މަޖިލިހުގެ ޖަލްސާ މެދުކަނޑާލެއްވުމަށް ފަހު، ނަން އިއްވި މެންބަރުން ތަޅުމުގައި ނެތް ކަމަށް ބައްލަވައިގެން ޖަލްސާ އަލުން ފެށިތާ މާ ގިނަ އިރެއް ނުވެ، މުޣުނީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ހެއްދެވި ގޮތަކީ އަޑުގަދަ ކުރައްވައި، ވަޒީރުންނަށް ހާއްސަ ގޮނޑިތަކުގައި އިށީނދެވަޑައިގަތީ އެވެ. އެއާ އެކު، ޣަފޫރުގެ ނަން ރިޔާސަތުން އިއްވައި މަޖިލިހުގެ ތަޅުން ދޫކުރައްވަން ނަޝީދު އެދިވަޑައިގަތެވެ. އޭރު ޣަފޫރު ވެސް އިށީނދެވަޑައިގެން އިންނެވީ ވަޒީރުންނަށް ހާއްސަ ގޮނޑިއެއްގަ އެވެ.

"މަޖިލީހުގެ އެއްވެސް ބޭފުޅަކު ވަޒީރުންގެ ބޭފުޅުންގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެން ބޭނުންވާ ނަމަ އެ ނިޒާމަކީ ބަރުލަމާނީ ނިޒާމު،" މެންބަރުން ގޮނޑިކޮޅުން ތެދުވުމަށް ނަސޭހަތްތެރިވަމުން ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުން ނެރުމަށް ނަން އިއްވުމުން މެންބަރުން ވަނީ އެކަމަށް ދެކޮޅު ހައްދަވައި ވަޒީރުންގެ ގޮނޑިކޮޅުގައި އިށީންނަވާފައި---
މަޖިލީހުން ނެރުމަށް ނަން އިއްވުމުން މެންބަރުން ވަނީ އެކަމަށް ދެކޮޅު ހައްދަވައި ވަޒީރުންގެ ގޮނޑިކޮޅުގައި އިށީންނަވާފައި---

ނަޝީދުގެ އެތައް އާދޭހަކަށް ފަހުގައި ވެސް މެންބަރުން އެ ގޮނޑިކޮޅުތައް ދޫކުރައްވާފައި ނުވާތީ، މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބައްލަވައި ޖަލްސާ ނިންމާލެއްވިކަން އެ މަނިކުފާނު އިއުލާން ކުރެއްވީ އެވެ.