ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލެއިން ބޭނުންވާ ބިންތައް ބޭނުންކުރަން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތުތައް ދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާއެއް ބާއްވަން މާލޭގެ ބައެއް ބިންތައް ހޯދަން ތަކުރާރުކޮށް އެދުމުން ވެސް އެ ހުއްދަ ސިޓީ ކައުންސިލުން ދީފައިނުވާ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ ބުނެފަ އެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ހުރިހާ ކެންޑިޑޭޓުން ވެސް ބިންތައް ހޯދަން އެދެމުންދާތީ އެކަމުގައި ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް، ހުއްދަ ދިނުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށެވެ. އަދި ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތައް ދިނުމަށްޓަކައި ހުއްދަތައް ދޫކުރަމުންދާ ކަމަށް އެ ޓްވީޓްގައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާއެއް އަންނަ މަހު ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ސިޓީ ކައުންސިލުން މިއަދު ވަނީ ހުއްދަ ދީފަ އެވެ.