ސަރުކާރުތަކުން ހާވާފައި ހުރި ހަޑި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ފަސް އަހަރުގެ ތެރޭގައި ސާފުކޮށްފައި ކަމަށާއި ދެވަނަ ދައުރަކަށް ހުށަހެޅި މެނިފެސްޓޯގެ ފަސް ސިޔާސަތަކީ "ދުވެލި ބާރު ބޮޑު ބަދަލެއް" ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއާ ގުޅިފައިވާ އިއްތިހާދުގެ މެނިފެސްޓޯގެ އެންމެ ފަހު ބައި "އިގްތިސާދީ ބޮޑު ބަދަލު" އިއުލާންކުރަން ރޭ ބޭއްވި ޖަލްސާގައި ފައްޔާޒް ވަނީ ކުރިއަށް އޮތް ފަސް އަހަރު އިގްތިސާދު ކުރިއަރުވާނެ މިސްރާބު ސާފުކޮށްދެއްވައިފަ އެވެ. މި ފަސް އަހަރު ދަރަނި ބޮޑުވެ ގައުމު ބަނގޫރޫޓްވެދާނެ ކަމަށް އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެއްވައި ވިދާޅުވީ "އަދިވެސް އަޅުގަނޑުމެން ނުދަރާ" ކަމަށެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު މި ސަރުކާރަށް މައިގަނޑު ގޮތެއްގައި ކުރަން ޖެހުނު ކަމަކީ އެތައް ޒަމާނެއް ވަންދެން މި ގައުމުގައި ބަޔަކު ހާވާފައި ހުރި ހަޑި ސާފުކޮށް މި ގައުމު 21 ވަނަ ގަރުނާ ހަމައަށް ގެނައުމުގެ މަސައްކަތެވެ.
"ނުދަރާ އަޅުގަނޑުމެން އަދިވެސް. ކޮވިޑް ވެސް އައިސް ދިޔައީ އަޅުގަނޑުމެން ނުދަރާ. ކުރިއަށް ވުރެން މާވަރުގަދަ އިގްތިސާދަކަށް މިއޮތީ މި އިގްތިސާދު ބަދަލުވެފައި," ފައްޔާޒް
އޭގެތެރޭގައި ގައިން ތާހިރުވާނެ ގޮތްތަކެއް ހޯދައިދިނުމާއި ތައުލީމީ ނިޒާމުގެ ތެރެއިން ފަސޭހަކަމާ އެކު ތައުލީމް ހާސިލްކުރެވޭނެ ގޮތްތަކެއް ހެދުމުގެ އިތުރުން ސިއްހީ ދާއިރާ އޮތް ހާލަތު ކުރިއަރުވައި ރައްޔިތުންނަށް ބޭސްފަރުވާގެ ފަސޭހަކަން ހޯދަިއދިނުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ވޭތުވެދިޔަ ހަތަރު އަހަރު އަޅުގަނޑުމެންނަށް މިކުރެވުނު އިންވެސްޓްމަންޓްގެ ނަތީޖާއަކީ މިއަދު އަޅުގަނޑުމެން މި ހުށަހެޅި ފަސް ސިޔާސަތާ އެކު ދިވެހިރާއްޖެ އެހެން ހިސާބަކަށް ގެންދިއުމަށް ވީ ތައްޔާރީތައް," ފައްޔާޒް ވިދާޅުވި އެވެ.
އިގްތިސާދީ ބަދަލަށް މެނިފެސްޓޯގައި ހިމެނި ބައެއް ކަންކަން
ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުން
ޓޫރިޒަމް އެންމެންނަށް ހުޅުވާލުން
އިގްތިސާދު އަސްދަނޑިން ބޭރަށް ގެންދިއުން
ފައިނޭންސް ހޯދުމާއި އިންވެސްޓްކުރުމުގެ ލުއި
އިންސާނީ ވަސީލަތްތައް ފުޅާކޮށް ދެމެހެއްޓެނިވި ވަޒީފާގެ ބާޒާރެއް ގާއިމްކުރުން
ދަނޑުވެރިކަމާއި މަސްވެރިކަމުގެ ނަފާ އިތުރުކުރުން
ދަތުރުފަތުރާއި އުމްރާނީ ސިނާއަތަށް މާނަވީ އިންވެސްޓްކުރުން
ޑިޖިޓަލް އިންގިލާބް
ފައްޔާޒް ވިދާޅުވީ ރާއްޖެ ގެންދަން ޖެހޭ ތަނަށް ގެންދިއުމުގެ ގާބިލްކަމާއި ހިލްމާއި އިލްމާއި ހަމަ ދެންވެސް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކުގައި ކަމަށް ވިދާޅުވި އެވެ.
"އިއުލާންކުރި މެނިފެސްޓޯގެ އެ ސިޔާސަތުތަކަކީ ރިސޯޓެއްގައި ގްރޫޕެއް އެއްކޮށް ތިބެލާފައި ހުށަހަޅާ އެއްޗެހިތަކެއް ނޫން. އެއީ ސަރުކާރުގައި ވީ ފަސްއަހަރާއި މަގުމަތީގައި ހޭދަކުރި ވިއްސަކަށް އަހަރާއި ރައްޔިތުންނާ އެކު އުޅެ އިހްސާސްތަކާއި ބޭނުންތައް އެނގިގެން ފަސް އަހަރު ސަރުކާރުގައި އެކަންކަން ތަންފީޒުކުރަމުން ގޮސް ލިބިފައި ހުރި ތަޖުރިބާއާ އެކު މި ގައުމު ދެން ގެންދަން ޖެހޭ މިސްރާބަށް ވިސްނައި ފިކުރުކޮށް ކަންކަމާ ބެހޭ ބޭފުޅުންނާ ވާހަކަ ދައްކައިގެން ހުށަހަޅާ ސިޔާސަތުތަކެއް," ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނުދަރާ, އިގްތިސާދު ދެގުނަކުރާނަން"
އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އަމާޒަކީ އިގްތިސާދު ދެގުނަ ކުރުން ކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ ދަރަނީގެ ބޮޑެތި ތުހުމަތުތަކެއް އަޅުވަމުން އައިސް 2026 ގައި ދަރާނެ ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވި އެވެ.
"ނުދަރާ އަޅުގަނޑުމެން އަދިވެސް. ކޮވިޑް ވެސް އައިސް ދިޔައީ އަޅުގަނޑުމެން ނުދަރާ. ކުރިއަށް ވުރެން މާވަރުގަދަ އިގްތިސާދަކަށް މިއޮތީ މި އިގްތިސާދު ބަދަލުވެފައި," ފައްޔާޒް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދަރަނި ބޮޑުވަމުންދާ ވާހަކަ މި ސަރުކާރަށް ނިސްބަތްކޮށް ދައްކަމުންދާ އެއްވެސް ބަޔަކަށް އެ ބައެއްގެ ސިޔާސަތަކީ ކޮބައިކަމެއް ސާފުކޮށެއް ނުދެވެ އެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ތަކުރާރުކުރަމުން އަންނަނީ ދަރަނީގައި ޖެހި ބަނގުރޫޓް ނުވާނެ ކަން ކަމަށާއި އެކަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެކި ކަންކަން ތަންފީޒުކުރަމުން އައިއިރު ކަނޑައެޅިގެން ބޮޑެތި ދޮގުތަކާއި ފިތުނަވެރި ވާހަކަތައް ދިޔައީ ދައްކަމުންނެވެ. ރައްޔިތުން މިހާރު ވިސްނަންވީ އެ ވާހަކަތަކާ އެކު ވެސް ސަރުކާރުން މިހާތަނަށް ކޮށްފައިވާ ކަންކަމާ ދޭތެރޭގައި ކަމަށް ވިދާޅުވި އެވެ.