ޚަބަރު / ބަލިތައް

މަދުވެގެން 100 ރަށުން ލެޕްރަސީ ނައްތާލަން ކުރާ މަސައްކަތަށް އެއްބާރުލުން ދޭން އެޗްޕީއޭ އިން އެދިއްޖެ

ލެޕްރަސީއަށް ބޭނުންކުރާ ބޭހެއް މީހަކު ދައްކާލަނީ.- ފޮޓޯ: ދަ ލެޕްރަސީ މިޝަން

29 އޯގަސްޓް 2023 - 14:50

މަދުވެގެން 100 ރަށަކުން ލެޕްރަސީ ނައްތާލުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެދިއްޖެ އެވެ.

އެ އެޖެންސީން ކުރި އިއުލާނުގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ އެކު "ޒީރޯ ލެޕްރަސީ" ގެ ގައުމުތަކުގެ ގޮތުގައި ކަނޑައެޅުމަށް 2019 ވަނަ އަހަރު ފެށި މަސައްކަތް ކާމިޔާބުވެއްޖެ ނަމަ ރާއްޖެ ވެގެންދާނީ މުޅި ދުނިޔެއިން އެ ބަލި އެންމެ ފުރަތަމަ ނައްތާލި ގައުމުތަކުގެ ތެރޭގައި ކަމަށެވެ.

ރާއްޖޭގެ ގިނަ ރަށްރަށުން ލެޕްރަސީގެ ބަލި މީހަކު ނުފެންނަތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމަށް ބުންޏެވެ. މަދުވެގެން 100 ރަށެއްގައި ލެޕްރަސީ ނެތްކަން ކަނޑައެޅުމުގެ މަސައްކަތް ފެށިޔަސް ކޮވިޑާ ހެދި މެދުކެނޑުނީ އެވެ.

އެކަމަކު، އަލުން މަސައްކަތް ފަށައި މިހާރު ކަނޑައަޅާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އެކަން ނިންމުމަށެވެ. އަމާޒަމީ ބަލި ޖެހިފައި ހުރިކަން އަވަހަށް ދެނަގަނެ، ބަލި ހުރި އެންމެންނަށް އަވަހަށް ފަރުވާ ފަށައި ބަލި ފަސޭހަކުރުމެވެ.

އެޗްޕީއޭއިން ބުނީ މެލޭރިއާ އަދި ފައިލޭރިޔާ ފަދަ ބަލިތައް ނައްތާލެވުނީ އާއްމުންނާއި ސިއްހީ ހިދުމަތްތެރިން އަދި ކަމާގުޅުންހުރި އެކި އިދާރާތަކުގެ ބައިވެރިވުމާއި އެއްބާރުލުމާއެކު ކަމަށެވެ. ރާއްޖެއިން ލެޕްރަސީ ނައްތާލުމަށް ކަނޑައަޅާފައިވާ މި ޕްރޮގްރާމުގައި ވެސް ފަރުދީ ގޮތުން ހުރިހާ އެންމެން އަމިއްލައަށް އިސްނަގައިގެން ބައިވެރިވެ، އެކަމަށް ކަނޑައަޅާފައިވާ ގޮތަށް 100 އަށްވުރެ ގިނަ ރަށްރަށުގައި ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް އެންމެންގެ އެއްބާރުލުމަށް އެދިފައިވެ އެވެ.

ލެޕްރަސީގެ އަލާމާތްތައް

- ބައްޔަށް ޓެސްޓުކޮށްގެން ޖަރާސީމު ހުރިކަން އެނގުން

- ހަށިގަނޑުގެ ބައެއް ނާރުތައް ދުޅަވުން

- ހަމުގައި ދަދު، ފެތުރި ލައްފަދަ ތަންތަން އައްސިވެފައި ނުވަތަ އިހުސާސް ކެނޑިފައި ހުރުން

ލެޕްރަސީ ފެތުރެނީ ބަލި ޖެހިފައި ހުރިކަން ނޭނގި ހުރެ އަދި ފަރުވާ ނުކޮށް ހުންނަ މީހަކާއެކު ގިނަ ދުވަހު އުޅުމުންނެވެ.

ރާއްޖޭގައި މީގެ ކުރިން ލެޕްރަސީ ޖެހިގެން ގިނަ ބަޔަކު ތަހައްމަލުކުރި އެވެ. އެކަމަކު، 1982 ވަނަ އަހަރު އެ ބައްޔަށް ބޭސް ތައާރަފްކޮށް، ރަނގަޅު އިންތިޒާމެއްގެ ދަށުން ފަރުވާ ފެށުމާއެކު ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ދިޔަ އެވެ. އެއާއެކު، 1997 ވަނަ އަހަރު ލެޕްރަސީ އަކީ ރާއްޖޭގެ އާއްމުން ސިއްހަތަށް ނުރައްކަލެއް ނޫން ކަމަށް ކަނޑައެޅި އެވެ.

މި ތަނުގައި ވެސް ލެޕްރަސީ ކޭސްތައް ފެންނަނީ އަހަރަކު 7-10 ދެމެދުގެ އަދަދަށް، ވަރަށް މަދު ރަށެއްގަ އެވެ. މި އަހަރުގެ މިހާތަނަށް އެއްވެސް ކޭހެއް އަދި ނުފެނެ އެވެ. އެ ބަލި ޖެހިފައިވާ މީހުން ގަވައިދުން ޑޮކްޓަރަށް ދައްކައި މޮނީޓާކުރުމާއި ފަރުވާގައި ކުރަންޖެހޭ ޓެސްޓުތައް ކުރުމާއި އަދި ބަލި މީހުންނަށް ސީދާ ބެލުމުގެ ދަށުން ފަރުވާ ދިނުމުގެ މަސައްކަތް ވިލަރެސްކޮށް ކުރިއަށް ގެންދަނީ އައިޖީއެމްއެޗްގެ ޑާމެޓްލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ރަށްރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާ ގުޅިގެންނެވެ.

ބަލި ޖެހޭ ގޮތް

- ލެޕްރަސީއަކީ މައިކޯބެޓީރިއަމް ލެޕްރައި ނުވަތަ ހެންސަށް ބެސިލައި ނަމަކަށް ކިޔާ ޖަރާސީމެއްގެ ޒަރީއާއިން ޖެހޭ ގައިންގަޔަށް އަރާ ބައްޔެއް

- މި ބަލި އާއްމު ގޮތެއްގައި ޖެހެނީ ހަމާއި ނާރުތަކަށާއި ނޭވާލުމުގެ ނިޒާމަށާއި އެތެރެހަށީގެ ބައެއް ގުނަވަންތަކަށް

- ލެޕްރަސީގެ ޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހު ބަލީގެ އަލާމާތްތައް ފެނުމަށް އާއްމުކޮށް ފަސް އަހަރުވަރު ނަގަ އެވެ. އެކަމަކު ބައެއް މީހުންނަށް އަލާމާތްތައް ފެނުމަށް އެއަށްވުރެ ދިގު މުއްދަތެއް ވެސް ނަގާފާނެ

- މި ބަލި ޖެހި ގަވައިދުން ފަރުވާ ކުރާނަމަ އެކުގައި އުޅޭ މީހުންނަށް ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ

- ލެޕްރަސީއަކީ ސަލާމްކުރުމާއި އެއް ސުފުރާ މަތީ ކެއުން އަދި އެކުގައި ދަތުރުކުރުން ފަދަ ކަންކަމުން ފެތުރޭ ބައްޔެއް ނޫން

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454