އަސްކަރީ ރޯލެއް އަދާކުރުމަށް ބޭރުގެ އެއްވެސް ބަޔަކު ރާއްޖޭގައި ހަރަކާތްތެރިވަމުން ނުދާ ކަމުގެ ޔަގީންކަން އެމްއެންޑީއެފްގެ ޖެނެރަލުން ދެއްވައިފި އެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށް ކަމަށް ބުނެ ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށް "އިންޑިއާ އައުޓް" ގެ ނަމުގައި ދަނީ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ރާއްޖޭގެ ބައެއް އަސްކަރީ މަރުކަޒުތަކުގައި އިންޑިއާ ސިފައިން އެބަ ތިއްބެވެ. އޭގެ ތެރެއިން ބައެއް ތަންތަނުގައި ދިވެހި ސިފައިންގެ ބާރު ނެތް ކަމަށް އިދިކޮޅުން ތުހުމަތުކުރިޔަސް އެކަން އެމްއެންޑީއެފުން ދޮގުކުރެ އެވެ.
އެމްއެންޑީއެފް ޖެނެރަލުން ދައުލަތުގެ މީޑިއާއަށް ދެއްވި ސިލްސިލާ އިންޓަވިއުތަކެއްގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ބޭރުގެ ބަޔަކަށް ރާއްޖޭގައި ތިބީ ޑޯނިއާ ދުއްވާ މީހުންނާއި ޑޮކްޓަރުންނާއި ޓެކްނީޝަނުން ކަމަށެވެ. އެކަމަކު އަސްކަރީ ރޯލެއް އަދާކުރަން އެއްވެސް ގައުމެއްގެ ބަޔަކު ނެތް ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސްކަމެއް ބަޔަކު ކުރާނަމަ، އެކަމާ ދެކޮޅަށް ތެދުވާނެ އެންމެ ފުރަތަމަ ބޭފުޅަކަށް އޭނާ ވާނެ އެވެ.
"މިވަގުތު މި ދެންނެވި ހެން އެއްވެސް ގައުމެއްގެ އެއްވެސް މީހަކު އަސްކަރީ ރޯލެއް ރާއްޖޭގައި އަދަކުރަމަކުން ނުދޭ،" އޭނާ ވިދާޅުވި އެވެ.
އެ އިންޓަވިއުގައި މޭޖާ ޖެނަރަލް ވައިސް ވަހީދު ވިދާޅުވީ ސިފައިން ތަމްރީނު ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަމްރީނު މަރުކަޒުތައް ހުރިއިރު މިއިން އެއްވެސް ތަނެއްގައި ބޭރުގެ އެއްވެސް އަސްކަރިއްޔާއެއްގެ މީހަކު ގާއިމުވެ ނުތިބޭނެ ކަމަށެވެ. އޭނާ ވެސް ދެއްވި ޔަގީންކަމަކީ ރާއްޖޭގައި އަސްކަރީ ރޯލެއް އަދާކުރަން އެހެން ބަޔަކު ރާއްޖޭގައި ނެތް ކަމެވެ،
ޕީއެސްއެމުން މިއަދު ވަނީ ބޭރުގެ ސިފަައިން ރާއްޖޭގައި ތިބި ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް ދެއްވި އިންޓަވިއު ވެސް ގެނެސްދީފަ އެވެ. އޭގައި ޝަމާލް ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް އަދި އުޅަނދެއް ވެސް ރާއްޖޭގައި ނެތް ކަމަށެވެ.