މަސްހިފަން ގޮސް އުޅުނު ލ. ކުނަހަންދޫ މީހަކަށް ފަޅުރަށަކުން އިންޑިއާ ޖައްވީ އިދާރާގެ ރޮކެޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިއްޖެ އެވެ. 

ދަ އިންޑިއަން ސްޕޭސް ރިސާޗު އޯގަނައިޒޭޝަން (އިސްރޯ)ގެ ރޮކެޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެ އެއްޗެހި މިހާރު ހުރީ ކުނަހަންދޫ ބޯޓުޔާޑު ސަރަހައްދަށް ގެންގޮސްފަ އެވެ. 

ލ. ކުނަހަންދޫ ކައިރި ފަޅުރަށަކަށް ލެއްގި އިންޑިއާގެ ޖައްވީ އިދާރާ އިސްރޯގެ ރޮކެޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް.-- ފޮޓޯ: ކުނަހަންދޫ ކައުންސިލް
ލ. ކުނަހަންދޫ ކައިރި ފަޅުރަށަކަށް ލެއްގި އިންޑިއާގެ ޖައްވީ އިދާރާ އިސްރޯގެ ރޮކެޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް.-- ފޮޓޯ: ކުނަހަންދޫ ކައުންސިލް

ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަކީބް "މިހާރު" އަށް މިއަދު ވިދާޅުވީ އެއީ، އެ ރަށުގައި އާންމުކޮށް މަސްހިފަން އަދި ހިބަރު ނަގަން ގޮސް އުޅޭ ދެބައި އުމުރުގެ މީހަކަށް އެ ރަށާ ކައިރީގައި އޮތް ފަޅުރަށަކުން މީގެ ދުވަސްކޮޅެއް ކުރިން ފެނުނު އެއްޗެހިތަކެއް ކަމަށެވެ.

އެ އެއްޗެހި ކުނަހަންދުއަށް ގެންދިޔައިރު އެއީ ރޮކެޓެއްގެ ބައިތަކެއް ކަމަށް އެ މީހާއަށް ނޭނގޭ ކަމަށް ވެސް ޝަކީބް ވިދާޅުވި އެވެ.

ލ. ކުނަހަންދޫ ކައިރި ފަޅުރަށަކަށް ލެއްގި އިންޑިއާގެ ޖައްވީ އިދާރާ އިސްރޯގެ ރޮކެޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް.-- ފޮޓޯ: ކުނަހަންދޫ ކައުންސިލް
ލ. ކުނަހަންދޫ ކައިރި ފަޅުރަށަކަށް ލެއްގި އިންޑިއާގެ ޖައްވީ އިދާރާ އިސްރޯގެ ރޮކެޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް.-- ފޮޓޯ: ކުނަހަންދޫ ކައުންސިލް

ޝަކީބް ވިދާޅުވި ގޮތުގައި، އެ އެއްޗެހި އެ ރަށަށް ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ. އެ މީހާ، އިތުރު ދެ މީހަކު ގޮވައިގެން ގޮސް އެ ތަކެތި ރަށަށް ގެންދިޔައީ އޭގައި ހުރި އިސްކުރާއި އެހެން ބައިތައް ބޭނުންކުރަން ވެގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެ މީހުން ވެސް އޭގައި ހުރި އިސްކުރުތަކާ އެއްޗެހި ބޭނުންވެގެން މިކޮޅަށް ގެނައީ. ގެނެސް ކުނަހަންދޫ ބޯޓުޔާޑު ސަރަހައްދުގައި ބާއްވައިފައި އޮއްވައި ކުދިންތަކަކަށް ފެނިގެން އެނގުނީ [އިންޑިއާގެ ރޮކެޓެއްގެ ބައިތަކެއްކަން]،" އޭނާ ވިދާޅުވި އެވެ. 

"އޭގައި ހުރި ލިޔުންތަކުން ހީވަނީ ވަރަށް ފަހުގެ އެއްޗެއްހެން، 2025 ގެ އެއްޗެއް އެއީ."

ރޮކެޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެ އެއްޗެހީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. އިސްރޯގެ ނަމާއި އިންޑިއާގެ ދައުލަތުގެ ނިޝާން ވެސް އޭގެން ފެންނަން އެބަހުއްޓެވެ. 

ލ. ކުނަހަންދޫ ކައިރި ފަޅުރަށަކަށް ލެއްގި އިންޑިއާގެ ޖައްވީ އިދާރާ އިސްރޯގެ ރޮކެޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް.-- ފޮޓޯ: ކުނަހަންދޫ ކައުންސިލް
ލ. ކުނަހަންދޫ ކައިރި ފަޅުރަށަކަށް ލެއްގި އިންޑިއާގެ ޖައްވީ އިދާރާ އިސްރޯގެ ރޮކެޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް.-- ފޮޓޯ: ކުނަހަންދޫ ކައުންސިލް

ހަވާލުވާން ސިފައިން ދަނީ

ޝަކީބް ވިދާޅުވީ އެ އެއްޗެއްސާ ހަވާލުވާން އެމްއެންޑީއެފްގެ ސިފައިން މިއަދު އެ ރަށަށް ދާނެ ކަމަށް އެ އިދާރާއިން މިހާރު އޭނާއަށް ގުޅައި ބުނެފައިވާ ކަމަށެވެ. އަދި ފުލުހުން ވެސް މިހާރު އެ ތަކެތި ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އާންމުވެފައިވާ ފޮޓޯތަކުން ބެލެވޭ ގޮތުގައި އެއީ ރޮކެޓްގެ އެންމެ ކުރީކޮޅުގައި ހުންނަ، ސެޓެލައިޓްތައް ހިމާޔަތްކޮށްދޭ ބައި (ޕޭލޯޑް ފެއަރިންގް)ގެ ބައިތަކެކެވެ. 

އިސްރޯގެ މަސައްކަތުގައި ބޭނުންކުރާ އެންމެ އިތުބާރު ހުރި ރޮކެޓް ކަމުގައިވާ ޕޯލާ ސެޓްލައިޓް ލޯންޗް ވެހިކަލް (ޕީއެސްއެލްވީ) އަށް މިފަހުން ވަނީ ބޮޑެތި މައްސަލަތަކެއް ދިމާވެފަ އެވެ. 

މިދިޔަ މަހު 16 އާއި މިދިޔަ އަހަރު މެއި މަހުގެ 16 ވަނަ ދުވަހު އިސްރޯއިން ލޯންޗުކުރި ޕީއެސްއެލްވީގެ ދެ ރޮކެޓެއް ވަނީ ފެއިލް ވެސް ވެފަ އެވެ. އެ ދެ ފަހަރު ވެސް މައްސަލަ ދިމާވީ ރޮކެޓްގެ ތިންވަނަ މަރުހަލާގައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. 

ފޭލްވި މިޝަންތަކުގައި އުފުލީ ބޯޑާ ސަވައިލެންސް އަށް ހާއްސަ ކޮށްފައިވާ ބިން ބަލާ ސެޓެލައިޓްތަކެކެވެ. 

މިދިޔަ މަހު ފެއިލްވި ރޮކެޓުގެ ބައިތައް ވެއްޓިފައި ވަނީ ދެކުނު އިންޑިއާ ކަނޑަށެވެ. އެހެންވެ، ކަނޑުގެ އޮއިވަރާ އެކު އޭގެ ބައިތައް ރާއްޖެ އާއި ލަންކާގެ އައްސޭރިފަށަށް ލެއްގުން އެކަށީގެންވެ އެވެ. މިދިޔަ އަހަރު ވެއްޓުނު ރޮކެޓުގެ ބައިތައް ލަންކާގެ އައްސޭރިފަށުން ވެސް ފެނުނު ކަމަށް މިދިޔަ މަހު ރިޕޯޓުކޮށްފައިވެ އެވެ.  

ރާއްޖެއަށް ލެއްގި ބައިތަކުން ވެސް ބޮޑަށް ބެލެވެނީ އެއީ މިދިޔަ އަހަރު ވެއްޓުނު އިސްރޯގެ ރޮކެޓުގެ ބައިތަކެއް ކަމަށެވެ.