ދެ ވަނަ ދައުރެއްގައި ހައުސިން ބޭންކެއް ގާއިމްކޮށް، ދިގު މުއްދަތު ދައްކަން ޖެހޭ ލުއި ލޯނު ދޫކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
މި މަހުގެ 30 ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގަލޮޅުގައި ބޭއްވި ކަންމަތީ ޖަލްސާގައި ރައީސް ވިދާޅުވީ މާލޭގެ މީހުންނަށް ދޫކުރާ ގޯތިތަކުގައި ގެދޮރު ހަދާނެ ގޮތުގެ ކަންބޮޑުވުން އެބަ އޮތް ކަމަށާއި އެކަމަށް ހައްލުތަކެއް ޕްލޭން ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުރިއަށް އޮތް ދައުރުގައި ހާއްސަކޮށް މި ގޯތިތައް ހެދުމަށްޓަކައި ހައުސިން ބޭންކެއް އުފައްދައި ލުއި ލޯނު ދިގު މުއްދަތެއްގައި ދައްކަންޖެހޭ ގޮތަށް ދޫކުރާނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ހިމެނޭ ގޮތުން 19،000 ގޯތި ދޫކުރަން ނިންމައިފަ އެވެ. އެ ގޯތިތައް ލިބޭ މީހުންގެ ގުރުއަތުން ލާފައިވާއިރު، ބައެއް ގޯތިތައް ހުޅުމާލެ އާއި ގުޅީފަޅުން މިހާރު ވަނީ ދޫކޮށްފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިކަމަކީ މާލޭގެ ރައްވެހިންނަށް ބޯހިޔާވަހިކަމުގެ ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރާ ކަމެކެވެ.
އެ މަނިކުފާނު ވަނީ މިދިޔަ ދެ ދުވަހުގެ ތެރޭގައި މަޝްވަރާކޮށް، ޕްލޭންކޮ ށްގެން ހައުސިންގެ އާ ސިޔާސަތެއް އިއުލާން ކުރަން ނިންމާފައިކަން ވެސް ހާމަކުރައްވައިފަ އެވެ. ދެވަނަ ދައުރަކަށް ކުރިމަތިލައްވައިގެން ހުންނެވި ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށެވެ
"އެބައުޅޭ 20 އަހަރު، 35 އަހަރު މާލޭގައި ދިރިއުޅޭތާ ވެފައިވާ މީހުން. އަޅުގަނޑު ވެސް މި މާލޭގައި އުޅޭތާ 50 އަހަރުވީ. އަޅުގަނޑުމެންގެ ސިޔާސަތުތައް އޮތް ގޮތުން މިހާރު މިފަދަ މީހުންނަށް ގޯއްޗެއް ނުލިބޭ. ރަށުގައި ދިރިނޫޅޭތީ ރަށުން ވެސް ގޯއްޗެއް ހޯދަން ހުރަސްތައް އެބަހުރި. އެހެންވީމާ އަޅުގަނޑުމެން މި އިއުލާން ކުރަނީ އާ ހައުސިން ސްކީމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި މާލޭގެ ދަފްތަރުގައި ޖެހި 20 އަހަރުވީ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާކަން ސާބިތުކޮށްދެވޭ ކޮންމެ މީހަކަށް ވެސް މި ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދެވޭނެ އެވެ.
"މި ސިޔާސަތުތައް ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އެވަނީ ކަނޑައަޅާފައި. މާލޭ ރަށްވެހިންނާއި މާލެ އަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ދާއިމީ ހައްލެއް މި ސިޔާސަތުން ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތިބީ މާގަދަކޮށް ކަމަށް
ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ޓީމް އޮތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ވެސް ތައްޔާރުވެގެން ކަމަށާއި އެކަމަށް ވިސްނައި ޕްލޭން ވެސް ކޮށްގެން ކަމަށެވެ. ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަދި ކުޅެވުނީ އެއް ހާފު. އޮތީ ތިން ގޯލް އެއް ގޯލްގައި، ހާފް ޓައިމްގަ ޗޭންޖިން ރޫމަށް ވަދެ މި ތިބީ އަލަށް ރާވާލައިގެން. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންނާއި ފޯވާޑުން މި ތިބީ. ދެވަނަ ހާފަށް މި ނުކުންނަނީ މާގަދަކޮށް. މާގަދަކޮށް. މި އިންތިހާބު ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން،" ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނާ އެކު އަމާން ރާއްޖެއަކަށް ދާން އަޅުގަނޑުމެން މި ކުރާ ދަތުރު ކާމިޔާބު ވާނެ."