އައްޑޫ މޭޔަރު ސޯބެގެ ޝަރީއަތް މިއަދު ފަށަނީ

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ފަށަން ނިންމައިފި އެވެ.


ޝަރީއަތުގެ އަޑުއެހުމަށް އައްޑޫ މެޖިސްޓްރޭޓް ކޯޓަށް ސޯބެ ހާޒިރުވާން އަންގާފައި ވަނީ މިއަދު މެންދުރުފަހު 2:15 އަށެވެ.

ސޯބެގެ އިތުރުން ސ. މީދޫ ކަށިމާވިލާ ހަސަން ޝާހިދުގެ މައްޗަށް ވެސް ހަމަ މި ދައުވާކޮށްފައިވެ އެވެ. އޭނާ އަކީ ހުޅުމީދޫގެ ކުރީގެ ކައުންސިލަރެކެވެ.

އައްޑޫގައި 2011 ގައި ބޭއްވި ސާކް ސަމިޓަށް ބައެއް ހަރަދުތައް ކޮށްފައިވާ ގޮތް ބަލައި، ސޯބެގެ މައްޗަށް ތުހުމަތުކުރާ ބައެއް މައްސަލަތަކުގައި ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ.

ސޯބެ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވެސް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވައިފަ އެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުން ކުށް ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށް ލުމުގެ ހުކުމެއް އަންނާނެ އެވެ.