ޝަރުއީ ދާއިރާގެ މިނިވަންކަމާއި ރާއްޖޭގެ ތާރީހު ރަމްޒުކޮށްދޭ ގޮތަށް ފުރަތަމަ ފަހަރަށް ހާއްސަ ގައުނެއް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންކުރާ ގޮތަށް އެ ކޯޓުން ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި މިހާރު ތުރުކުރައްވަނީ ރިހި ކުލައިގެ ރޭނދާއެއް އަޅާފައިވާ ކަޅު ކުލައިގެ ގައުނެކެވެ. އަދި އުއްތަމަ ފަނޑިޔާރު ތުރުކުރައްވާ ގައުނުގައި ހުންނަނީ ރަން ކުލައިގެ ރޭނދާއެކެވެ.
ސުޕްރީމް ކޯޓުން މިއަދު ތައާރަފްކުރި ގައުނު ފަރުމާ ކޮށްފައިވަނީ އިސްލާމީ ތާރީހާއި ރާއްޖޭގެ ސަގާފަތާއި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދޭ ގޮތަށެވެ. ގައުނުގެ ރޭނދާގެ ޑިޒައިންގެ އެއްބައި ފަރުމާކޮށްފައިވަނީ މާލޭގެ ހުކުރު މިސްކިތުގައި ހުންނަ ހިރިގަލުގެ ފަރުމާ އަސްލަކަށް ބަލައިގެންނެވެ.
މީގެ އިތުރުން ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށް ދިނުމަށް ތިލަފަތަކާއި ތިން ތަރިއެއް ހިމެނޭ ޑިޒައިނެއް ވެސް ރޭނދާގައި ހިމަނާފައިވެ އެވެ.
އާ ގައުނުގެ ޑިޒައިންގައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ތުރު ކުރައްވާނީ ރަން ކުލައިގެ ދެ ފަށުގެ ރޭނދާއެއް ލާފައިވާ ގައުނެކެވެ. އަދި ސުޕްރީމް ކޯޓުގެ ދެން ތިއްބެވި ފަނޑިޔާރުންގެ ގައުނުގައި ހުންނާނީ އެންމެ ރޭނދާ އެކެވެ.
ސުޕްރީމް ކޯޓުން ބުނިގޮތުގައި ޝަރީއަތުގެ މަޖިލީހާއި ހާއްސަ މުނާސަބަތަކުގައި ވެސް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ގައުނު ތުރު ކުރައްވާނެ އެވެ.