ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލުކުރި ޖަލްސާ، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދިވެސް އާލާސްކަންފުޅާ އުޅުއްވާތީ ބޭއްވޭ ގޮތެއް ނުވި އެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، މިއަދަދު ޖަލްސާއެއް ބާއްވައި އެ ގަރާރު ވަނީ އެޖެންޑާކޮށް މެމްބަރުންނަށް އަންގައިފަ އެވެ.
ނަމަވެސް، މިދިޔަ ހަފްތާ އިން ފެށިގެން އީވާ އާލާސްކަންފުޅާ އުޅުއްވާ އިރު، މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވޭކަން އަންގާފައިވާކަން މަޖިލީހުގެ އިދާރާއިން ކަށަވަރުކޮށްދިނެވެ.
"އާލާސްކަންފުޅާ އުޅުއްވަތީ އީވާ ވަނީ ސަލާމް ފޮނުއްވާފައި،" މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާއިން ފެށިގެން ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތާ ޓެސްޓު ހެއްދެވި އިރު، އީވާ ވަނީ ޑެންގީއަށް ޕޮޒިޓިވްވެފަ އެވެ.
މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.
އީވާ ވަޑައިނުގަންނަވާތީ، ނަޝީދު ވަކިކުރުމުގެ ގަރާރު މިއަދު ކުރިއަށް ނުގެންދެވިފައިވާ އިރު، އެކަން އެ ގޮތަށް ކުރަން މާ ކުރިން ރާވައިގެން އުޅޭ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިދިޔަ ހަފްތާގައި ވަނީ ތުހުމަތުކޮށްފަ އެވެ.
އަދި އީވާ ވަޑައިނުގަންނަވާ ހާލަތެއްގައި ނަޝީދުގެ ގަރާރު ކުރިއަށް ގެންދެވޭނެ ހައްލު އެބަ އޮތް ކަމަށް ވެސް އެމްޑީޕީގެ ޕީޖީން ބުންޏަސް އޭގެ ތަފްސީލެއް ދީފައެއް ނުވެ އެވެ.
މީގެ ކުރިން ނަޝީދު ވަކި ކުރަން ހުށަހެޅި މައްސަލަ ވެސް ކުރިއަށް ނުގެންދެވުނީ އެހެންވެ އެވެ. އެ ފަހަރު ނަޝީދާ އެކު އީވާ ވަކިކުރަން ވެސް ގަރާރެއް ވެއްދުމުން، ދެ ބޭފުޅުން ވެސް ރިޔާސަތާ ހަވާލުވާން އުޒުރުވެވަޑައިގެންނެވި އެވެ. އެއާ އެކު، އެ ދެ ގަރާރު އަނބުރާ ނެގުމާ ހަމައަށް ވެސް ގަވާއިދުން އަންނަ "ހުސްކަމަށް" އޮތީ ހައްލެއް ނުހޯދި އެވެ.
ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ބުނެފަ އެވެ.
ނަޝީދު ރިޔާސަތުގައި އިންނަވައިގެން، އަންނަ މަހު 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ސައްހަ ނުވާނެ ކަމަށާއި، އެ މަނިކުފާނުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީން ވަނީ ދީފަ އެވެ.