ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ޕީޕިއެމް/ޕީއެންސީން ވެސް ވަދެއްޖެ އެވެ.

ޕީޕީއެމުން މިއަދު ހަވީރު ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ، އެ މައްސަލައަށް ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން ތަދައްހުލު ވާން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އާދިއްތަ ދުވަހު ފަށާއިރު، މި މައްސަލައަށް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް ޕާޓީން ވެސް ވަނީ ތަދައްހުލުވެފަ އެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރެވެ. ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރުވެވަޑައިނުގަތުމުން މައްސަލަ ކުރިއަށް ނުގެންދެވިގެންނެވެ.

މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ އީވާ ނެތި އެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފަ އެވެ.

އެކަމަކު އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ. އެއީ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ އެވެ.