ވެމްކޯގެ މުވައްޒަފަކު މަސައްކަތުގައި: ޔޫޓިލިޓީ ނިޒާމްގެ އޮނިގަނޑު ބަދަލު ކުރަން ވިސްނަމުންދާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނި - ފޮޓޯ: މިހާރު
02 ނޮވެމްބަރ 2023 - 14:41
ރާއްޖޭގައި ޔުޓިލިޓީ ހިދުމަތް ދޭ ނިޒާމް ބަދަލު ކުރުމަށް ވިސްނުންތަކެއް ގެންގުޅޭ ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެވެ.
ޔުޓިލިޓީ ހިދުމަތްތައް ދެނީ ސަރުކާރުގެ ހަތަރު ކުންފުންޏެއް ކަމަށްވާ ސްޓެލްކޯ، ފެނަކަ، އެމްޑަބްލިއުއެސްސީ އަދި ވެމްކޯ މެދުވެރިކޮށެވެ. އެ ކުންފުނީގެ މާލީ އަދި ދަރަނީގެ ހާލަތާ ގުޅިގެން އިންތިހާބީ ރައީސް އޮފީހުން މިއަދު ކަންބޮޑުވުން ފާޅުކޮށް، ހައްލު ކުރަން ގެންގުޅޭނެ ވިސްނުންތައް ހާމަކުރި އެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ޔުޓިލިޓީ ނިޒާމްގެ އޮނިގަނޑު ބަދަލު ކުރަން ވިސްނަމުންދާ ކަމަށާއި އެކަން ކުރާނީ ހިދުމަތްތައް ރައްޔިތުންނަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ ގޮތެއް ހޯދައި، ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަށް ކަމަށެވެ.
ނަމަވެސް، އޭގެ ތަފްސީލެއް އަދި ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ފިރުޒުލް ވިދާޅުވީ އޮނިގަނޑަށް ބަދަލު ގެންނަން ވިސްނަމުން ދިޔަ ނަމަވެސް، އޭގެ ތެރޭގައި އެއްވެސް ކުންފުންޏެއް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ފިރުޒުލް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ކުންފުނިތަކެއްގެ ގޮތުގައި ހިިންގަންޖެހޭ ތަންތަން ކަމަށާއި ދައުލަތުގެ ބަޖެޓަށް ބަރޯސާވުމުގެ އިތުރުން ލިބޭ އާމްދަނީ އިން މެނޭޖް ކުރެވޭނެ ތަންތަނަށް ހަދަން ޖެހޭ ކަމަށެވެ.
ކުންފުނިތަކުގެ މާލީ އަދި އިދާރީ އެޑްމިނިސްޓްރޭޝަން ރަނގަޅު ކުރެވިއްޖެނަމަ، ކުންފުނިތަކުގެ ހާލަތަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ. އެހެންކަމުން، ކުންފުނިތަކުން އެކި ކަންކަމުގައި ގެންގުޅޭ ހަމަތައް ހަރުދަނާ ނިޒާމެއްގެ ތެރެއަށް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް: ޔޫޓިލިޓީ ނިޒާމްގެ އޮނިގަނޑު ބަދަލު ކުރަން ވިސްނަމުންދާ ކަމަށް ވިދާޅުވި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި ބޮޑުކަން ފާހަގަކުރައްވައި، ހާއްސަކޮށް އާންމު ކުދި ވިޔަފާރިތަކަށް އަދާކުރަންޖެހޭ ފައިސާ ގިނަ ކަން ފިރުޒުލް ފާހަގަކުރެއްވި އެވެ. އެ ފައިސާ ވީ އެންމެ އަވަހަކަށް އަދާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
- ފެނަކަ: 4.1 ބިލިއަން ރުފިޔާ
- ސްޓެލްކޯ: 3.7 ބިލިއަން ރުފިޔާ
- އެމްޑަބްލިއުއެސްސީ: 1.4 ބިލިއަން ރުފިޔާ
- ވެމްކޯ: 226 މިލިއަން ރުފިޔާ
ފިރުޒުލް ވިދާޅުވީ ކުންފުނިތައް ހިންގަމުންދާ މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމުމަށް ވެސް ވަރަށް އިސްކަންދޭނެ ކަމަށެވެ. މަޝްރޫއުތައް މުއްދަތަށް ނުނިމުމަކީ މަޝްރޫއުތަކުގެ އަގު އިތުރުވެ، އޭގެ ބުރަ ކުންފުނިތަކުން އުފުލަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މާބޮޑަށް އިތުރަށް މުވައްޒަފުން ނަގާފައި އޮތުމަކީ ވެސް ކުންފުނިތަކުގައި އޮތް ބޮޑު މައްސަލައެއްގެ ގޮތުގައި ފިރުޒުލް ފާހަގަ ކުރެއްވި އެވެ. އެކަމުގެ ހާލަތު އެންމެ ގޯހީ، ގިނަ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އެވެ.
ފެނަކައިގެ މުވައްޒަފުންގެ އަދަދު 2018 ވަނަ އަހަރު ހުރީ 2000ގަ އެވެ. މިހާރު މުވައްޒަފުންގެ އަދަދު ވަނީ 8،000 އަށް އަރައިފަ އެވެ. މި އަދަދު އެންމެ ބޮޑަށް އިތުރުވެފައި ވަނީ މި އަހަރުގެ މާޗް މަހުން ފެށިގެންނެވެ.
ފިރުޒުލް ވިދާޅުވީ ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ތިބި ނަމަވެސް، މުވައްޒަފުން ވަކި ކުރުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާނެ އުސޫލެއް ނޫން ކަމަށެވެ. އެ މައްސަލަ ހައްލު ކުރާނީ ވެރިކަމަށް އައިސް ކުންފުނިތަކުގެ ހިއުމަން ރިސޯސް އޮޑިޓެއް ހަދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިމަތީގައި އޮތީ އުއްމީދުތަކެއް. ގޮންޖެހުންތަކާ ކުރިމަތިލާ ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދިނުމުގެ ފުރިހަމަ އިތުބާރު އެބަ އޮތް،" ފިރުޒުލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
05 November 2023
ކުންފުނިތަކުގައި ހިއްސާވަނީ ދިވެހި ދައުލަތެވެ. އެއީ އެވަގުތަކު އޮންނަ ސަރުކާރުގެ ހިއްސާއެއް ނޫނެވެ. ގިނަ ސަރުކާރު ތަކަށް މިކަން އޮންނަނީ އޮޅިފައެވެ.
ސައުދީ
03 November 2023
ބޭކާރު ޚަރަދު ހުއްޓުވަންޖެހޭ މިސާލަކަށް ފެންކުންފުނި ހަމަ، ހަމަ އެ ވަރަށް އިސްތިހާރުކުރަންޖެހޭބާ، މާރކެޓިންގ ނަމުގަ ތާކުންތާކު ނުޖެހޭ ކަންކަމަށް ކުރާޚަަރަދު ހުއްޓަންޖެހޭ. ކުންފުނި ބަނގުރޫޓް ވެފައިއޮތަސް ކޮންމެހެންވެސް ބޮޑުޚަރަދުކޮށް މުބާރަތްތަކުގަ ބައިވެރިވާ މައްސަލަ، ސްޓާފް ރެކްރިއޭޝަން ކަންތައްތައް ނުކުރާށެކޭނޫން، އެކަމަކު ކުރާޚަަރަދު ކޮންޓްރޯލްކުރަންޖެހޭ، އަދި ސީއެސްއާރު ސޮޕޮންސާރޝިޕް ކެޓަގަރީވެސް ލިމިޓް ކުރަންޖެހޭ.
ޒަންޖަބީލު
02 November 2023
ސްޓެލްކޯ، އެމްޑަބްލިއު އެސްސީ ދެންވެސް ހުރި ކުންފުނިތައް މިވަރަށް ދަރާފަ ހުންނައިރުވެސް އަހަރީ ފައިދާގެ ބޯނަހޭ ކިޔާފަ މުވައްޒަފުންނަށް ބަހާލަނީ ކޮންގޮތަކުންހޭ؟ ރައްޔިތުންގެ ފައިސާއިން ސަބްސިޑީ ދީގެން ހިންގާ ކުންފުނިތަކުގެ މުވައޒަފުންނަށް ފައިދާއިން ބޯނަސްދެނީ ކުންފުނި ދަރުވާލާފަ
މެލޭސިޔާހުސޭނު
04 November 2023
އެމްޑަބްލިއު އެސްސީ އަކީ ސަރުކާފރުން ސަބްސިޑީ ދޭ ކުންފުންޏެއްނޫން. މިހާލު ޖެހުނީ މިސަރުކާރުން ނުކަތާވަރަށް ފެނާ ނަރުދަމާގެ މަސައްކަތް ކުންފުނީގެ އަމިއްލަ ޚަރަދުގަ ކުރަން މިސަރުކާރުން މަޖުބޫރުކުރީމަ. މަސައްކަތް ނިމުނީމަ ކިހާރު ސަރުކާރުން ބިލްތަކަށް ފައިސާއެއްނުދޭ. އެގިގެން ކޮމެންޓްކުރުން އެދެން.
މިއަައު
02 November 2023
ހުރިހާ ކުންފުންޏެއް އެއްކޮށްލާ. އެހެން ނޫނީ ނުވާނެ. މަތިބަރު ވާނީ
ހިސާބު
03 November 2023
އެއްކުރިޔަސް، ގުނަކުރިޔަސް، ވާނީ އެކައްޗެއް.
ނަގިއްޔާ
02 November 2023
ތިހުރިހާ ޔުޓިލިޓީ ބިލްތައްވެސް މާއަގުބޮޑީ. ހަމަޖެހިން އަރާމުކޮށް ދެތިންދުވަހު ފެންވަރާލިޔަސް ފެންބިލްވެސް ރާސްލާފަ އަރައިގެންދޭ. އެެހެންވީމަ އަހަރުމެން ފެންވަރަނީ އެސްޓީއޯރޭޓުން ކިރިޔަކިރިޔާ ގައިން ބަބުރުވަސް ފިލާވަރަށް. އޭސީވެސް ޖައްސަނީ ވަރަށް ކުޑަކޮށް. ދެން އެބުނާ ނެޓްބިލްގަޑުވެސް އަންނާނެ. ނެޓަށްވަދެވުނަސް ނުވަދެވުނަސް އޭތި ނުބަލާނެ.
ނަގިއްޔާ
02 November 2023
މިވެސް ހަމަ ކުރާކަމެއް. އިންތިޚާބަށް ވޯޓްލާން އޮންނަ އަހަރަކު ތަންތަނަށް މީހުން ވެއްދުމުގައި ހަމައިން ނެއްޓުން. އޮފީސްތަކަށާ މުއައްސަސާތަކަށް ބަރިބަރިއަށް މީހުންވައްދަމުންދާއިރު އަނެއްކޮޅުގެ ދޮރު ހުޅުވި، މިބުނީ ޖަލުގެ ދޮރުހުޅުވޭނެ. ދާބަޔަކު ދުވެ ރައްކާވާންވީ. ދުއްވާއެތިގަޑު ފުރެންދެން ޖަހާފައި ހުރި އިސްޓިކާތަކަށް މާފުވެސް ލިބޭނެ. މިސިސްޓަމަށް ވެރިކަން ކުރާތީ ސަރުކާރު މަތިބަރުވެ ގައުމު ހަލަބޮލިވަނީ. އޭރު ވަގުންނާ ޕާޓޭން އުޅޭނީ އީދެއް އައިސްގެން.
އަޑުބަރޭ
02 November 2023
"ޔުޓިލިޓީ ނިޒާމު" މީ އެގައުމެއްގެ މީހުންނަށް ވަނަން ކިއުމުގައި ހައްދުފަހަނަޅާފައިވާ ގައުމެއްގެ މީހަކަށް ކިޔަން ރީތިނަމެއް.
ޑެބީ
02 November 2023
ތިކިޔާ ކުންފުނިތަކުން ކުޅިވަރުތަކުގަ ބައިވެރިވާން މިލިއަނުން މިލިއަނުން ކުރާ ހަރަދުތައް ހުއްޓާލިޔަސް ދަރިނިވެރިވުން ކުޑަކުރެވޭނެ.
އިންނާ
02 November 2023
"ފެނަކައިގެ މުވައްޒަފުންގެ އަދަދު 2018 ވަނަ އަހަރު ހުރީ 2000ގަ އެވެ. މިހާރު މުވައްޒަފުންގެ އަދަދު ވަނީ 8،000 އަށް އަރައިފަ އެވެ. މި އަދަދު އެންމެ ބޮޑަށް އިތުރުވެފައި ވަނީ މި އަހަރުގެ މާޗް މަހުން ފެށިގެންނެވެ." ސްބްހާނައްﷲ. އޭ ކޮންކަމަކަށް. މިއަހަރު މާޗުން ފެށިގެން ކީއްވެ އެހާ ބޮޑު ޖަންޕެއް،
އެޖެންޑާ-19
02 November 2023
2018 ވަނަ އަހަރު ފެނާއި ނަރުދަމާގެ ޚިދުމަތްނެތް އެތައް ރަށެއްގައި މި ދެ ޚިދުމަތް ދިނުމަށް ގާނޫނަކުން ކަނޑައެޅި އެމަސައްކަތް ކުރަމުންގޮސް ނިމޭ ހިސާބަށް ދިއުމުން އެ މަސައްކަތްތައް އެއީ ފެނަކައިން ކުރަންޖެހޭ މަސައްކަތްކަމށް ނިންމާ އެއަށް ބޭނުންވާ މީހުން ވަޒީފާއަށް ނެގީމަ ވަޒީފާ އިތުރުވާނެ، މިބުނީ ފެނަކައިން ބޭކާރު މުވައްޒަފުން ނުނަގައޭ ނޫން، އެހެން ނަަމވެސް ގިނަ މުވައްޒަފުންނަކީ މިދެންނެވި ގޮތަށ ނެގި މީހުން
އަޅިއަލީ
02 November 2023
ދަރަނި ބޮޑުވާނެ ބޭކާރު ހަރަދު ކުރަންޏ! ކްލަބް މޯޅްޑިވްސް އަށް 15 މިލިއަން ތަޅާލަން ޖެހޭ! މީޑިއާތަކަށް އަހަރަކު 20 މިލިއަން ބަހަމން ޖެހޭ! ހުރިހާ ނޫހެއްގަ އިސްތިހާރު ޖަހަނަ ޖެހޭ!