ވިލިމާލެ ހޮސްޕިޓަލް.
27 ޑިސެމްބަރ 2023 - 23:25
ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަން ނިންމައި، އެކަމުގެ ސާވޭ ހަދަން ފަށައިފި އެވެ.
އެ ހޮސްޕިޓަލްގެ ކަންތައް ބަލަހައްޓާ، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު" މިރޭ ވިދާޅުވީ ހޮސްޕިޓަލްގެ ނަމުގައި ހިންގިއަސް، މިހާރު ވިލިމާލޭ ހޮސްޕިޓަލުން އެކަށީގެންވާ ހިދުމަތެއް ނުލިބޭ ކަމަށެވެ. އެހެންވެ، އެކަންކަން ރަނގަޅުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށާއި އެކަމަކު، ހިދުމަތްތައް ރަނގަޅުކުރުމަށް އެ އިމާރާތަކީ އެކަށީގެންވާ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް، އެ ތަންތަނުގައި މީހުން އާބާދުކޮށް ވިލިމާލެއަށް ބްރިޖުން ގުޅާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނާތީ ވިލިމާލޭގައި ފެންވަރު ރަނގަޅު އާ ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ސާވޭ ހެދުމަށް ފަހު، އަންނަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ އަމާޒަކީ ދެ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތްތައް ނިންމައި ބޭނުންކުރަން ފެށުން ކަމަށެވެ.
"...އެކަށީގެންވާ ކޮންސަލްޓޭޝަން ރޫމާއި ލެބޯޓްރީއެއް ނެތް މި ވަގުތު. އިމަޖެންސީ ކޭސްތައް އެކަނި ބެލެނީ. އީއާރުގައި ވެސް އެންމެ ފަސް އެނދު މި ހުރީ. ސިއްހީ ހިދުމަތް ލިބޭ ރަނގަޅު ތަނެއް އެޅުމަކީ ކުރަންޖެހޭ ކަމެއް. ކުރިއަށް އޮތް 2-3 އަހަރަށް ކަންކަން ކުރުމުގެ ބަދަލުގައި ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ އާ ހޮސްޕިޓަލެއް އަޅަން ނިންމީ. އެ ތަން ނިމުނީމާ ޓާޝަރީ ހޮސްޕިޓަލަކުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ." ހަލީމް ވިދާޅުވި އެވެ.
ވިލިމާލެގައި 100 އެނދުގެ ހޮސްޕިޓަލް ތަރައްޤީ ކުރެވިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާނެ ހޮސްޕިޓަލެއްގެ ގޮތުގައި ކަން ސަރުކާރުން ކަށަވަރު ކުރާނެ. އަދި މި ހޮސްޕިޓަލް ތަަރައްޤީ ކުރެވިގެންދާނީ ތިމާވެއްޓާއި ވެސް… pic.twitter.com/PErYtPeEzE
— Abdulla Khaleel (@abkhaleel) December 27, 2023
އޭނާ ވިދާޅުވި ގޮތުގައި، ސާވޭ ކުރާއިރު، އެ ހޮސްޕިޓަލް މިހާރު ހިންގާ ބިމުގައި އާ އިމާރާތެއް އެޅޭ ނަމަ އެ ތަން ހަދާނީ މިހާރު ވެސް ހޮސްޕިޓަލް ހިންގާ ބިމުގަ އެވެ. އެކަމަކު، އެކަށީގެންވާ ޖާގަ ނުލިބޭ ނަމަ، ޓާޝަރީ ހޮސްޕިޓަލް އަޅާނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ ތަން ތަޅާލުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
ހޮސްޕިޓަލް ތަޅާލާ ނަމަ، ވިލިމާލޭގައި މިހާރު އުޅޭ މީހުން ފަރުވާ ހޯދުމަށް ވަގުތީ ގޮތުން ކްލިނިކެއް ނުވަތަ ސިއްހީ މަރުކަޒެއް ހުޅުވައި ޑޮކްޓަރަށް ދެއްކޭ ގޮތްތައް ހަމަޖައްސާނެކަން ހަލީމް ވިދާޅުވި އެވެ.
"އިމަޖެންސީ ކޭސްއެއްގައި ނަމަ މާލެ ގެނެވޭ ގޮތަށް ސީ އެމްބިއުލާންސެއް ބާއްވާނަން." އޭނާ ވިދާޅުވި އެވެ.
ވިލިމާލެ އަކީ ތިމާވެއްޓާ ރައްޓެހިގޮތަކަށް ތަރައްގީކުރަމުން އަންނަ ތަނަކަށް ވާތީ، އާ ހޮސްޕިޓަލް ވެސް އަޅާނީ އެ ގޮތަށް ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން މިހާރު އަންނަނީ އެ ހޮސްޕިޓަލަށް ބޭނުންވާ ފަންޑު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. ހެލްތު މިނިސްޓަރާ ހަވާލައިދެއްވައި، ހަލީމް ވިދާޚުވީ ވިލިމާލެ ޓާޝަރީ ހޮސްޕިޓަލަށް ޗައިނާގެ ސަރުކާރުގެ އެހީތެރިކަން ވެސް ލިބޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫން
28 December 2023
ބްރިޖްގެ މެދުތެރޭ ވެސް ރަނގަޅުދޯ ޓާޝަރީ ހޮސްޕިޓަލެއް އަޅަން. ކޮންމެ ދެމިނިޓަކުން ދެވޭ ހިސާބުގަ ޓާޝަރީ ހޮސްޕިޓަލެއް ހުންނަންވާނެ.
ހަމަތެދެކޭ
28 December 2023
ބުރިޖު އެޅީމަ ވިލިގިލިން މާލޭގެ ދަރުމަވަންތަ ހޮސްޕިޓަލަށް އާދެވޭނެ މާފަންނުން ހެންވޭރަށް ދިޔުމަށްވުރެ އަވަހަށް. އެހެންވީމަ މިކަމަށް ދާ ޙަރަދުން ސިއްހީ ކޮންމެވެސް އެހެން ކަމެއްކުރިއްޔާ މާ ރަގަޅުވާނެ.
ނިޒާމްް
28 December 2023
ގްރޭޓަރ މާލެ އޭރިޔާ އެއްކޮށް ނިމޭއިރު މިސަރަހައްދުގެ މެދަށް ވާނީ ވިލިމާލެ. އެހެންކަމުން ހުރިހާ ހިސާބަކުންވެސް މީހުން އަންނަން ވަރަށް ބޮޑު ލުޔަކަށް ވާނެ.
ވިއްލާލި
28 December 2023
ހާދަ ސްޓްރެޓަޖީ ނެތޭ ދޯ. 100 އެނދުގެ ހޮސްޕިޓަލެއް އަޅަންވީ ފަހުން ފޭސް ފޭހަށް ބަހައިގެން ނަމަވެސް އެކްސްޕޭންޑް ކިރެވޭ ވަރުގެ ޖާގަ އޮތްތަނަކު ނޫންތަ އަޅެފަހެ. މިހާރުއްސުރެ ކުތިއަށް އޮތް 30 އަހަރަށްވާވަރަޢް އެކްސްޕޭނޝަނަށް ހުސްބިން ރިސާވް ކޮށްފަ ބިންލިބޭތާކު އަޅާބަލަ.
މަސީހްް
28 December 2023
ކެންސަރަށް ފަރުވާކުރުމަށް ލާމަށް ދާނެޖެހުމަކީ ގިނަ ބަޔެއްގެ ޝަކުވާއެއް. މިކަން ހައްލުކުރެއްވީތީ ޝުކުރު އަދާ ކުރަން.
ޖައްބާރޭ.
28 December 2023
ކ.އަތޮޅު މާލޭ މީހާއަށް ޝަކުވާއަކަށް ވާނެ ރާއްޖޭގެ އެހެން އެއްވެސް ރަށަކަށް ދާން ޖެހުން. މާލޭ ސަރުކާރަށް އެމީހުން އެކަހަލަ ޝަކުވާ ކުރަނީ އެމީހުންގެ ގެދޮރު ކުއްޔަށް ހިފާނެ މީހުން މަދުވެ އަގު ތިރިވެދާނެތީ.
ފަރުޒާނާ
28 December 2023
މިހޮސްޕިޓަލަކީ ހަމަ ކޮންމެ ވެރިކަމެއްގައި ވެސް ޓާޝަރީ ކޮށް ހުޅުވާ ހޮސްޕިޓަލެއް.
އައުޝަމް
28 December 2023
ހީވެ ކަމެއްހެން. މިހެންވެ ބުނަނީ ރައީސް މުއިއްޒް ތަފާތުވާނެޔޭ.
ނޫހް އިބްރާހިމް
28 December 2023
މިހާ ރަނގަޅު ނިންމުމެއް ސަރުކާރުން ނިންމީމަވެސް މި ހަބަރަށް ނެގެޓިވް ކޮމެންޓް ކުރާތީ ހަމަ ހައިރާންވޭ.
އިމާދް
28 December 2023
އިއްޔެ އަޑުއިވުނީ ކެންސަރު ހޮސްޕިޓަލް އެއް އަޅަން އުޅޭ ވާހަކަ. މިއަދު މި އަޑުއިވެނީ ވިލިމާލެގަ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަޅަން އުޅޭވާހަކަ. މުއިޒް މި މަސައްކަތް ކުރަނީ ހަމަ ހަގީގަތުގަވެސް އެހެން ލެވެލްއެއްގަ
ކައުސަރު
28 December 2023
ވަރަށް ރަނގަޅުކަމެއް ތީ، އޭރުން އިންޑިޔާ އަށް މިދާން ޖެހޭ ޖެހުން ބޮޑުތަނުން މަދުވެގެން ދާނެ. މި ރާއްޖޭގެ ސިޢްހީ ނިޒާމް އެބަޖެހޭ މިއަށްވުރެ ރަނގަޅުވާން