އެމްޑީޕީގެ އިސް އެކްޓިވިސްޓަކު ޕީޕީއެމަށް ސޮއިކުރުމުން މަގުމަތީގައި "މަހާނަ" ހަދައިގެން ރައްޔިތުން ހިތްތަކުގައި ބިރުވެރިކަން އުފެއްދި ކަމަށް ބުނެ އއ. އުކުޅަހުން ހައްޔަރުކުރި ހަ މީހުން މިއަދު ދޫކޮށްލައިފި އެވެ.
ރަސްދު އާއި މާލެ އިން ފުލުހުންގެ ޓީމެއް އުކުޅަހަށް ގޮސް، އެ މީހުން ހައްޔަރުކުރީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭގަ އެވެ. ހައްޔަރުކޮށް، މާލެ ގެނެސް ކްރިމިނަލް ކޯޓުން އެމީހުންގެ ބަންދަށް 15 ދުވަސް ޖެހި އެވެ.
އެކަމަކު ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން ވަނީ އެ މީހުން ދޫކޮށްލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުން ދޫކޮށްލީ، ބަންދުގައި ބައި ތިއްބައިގެން މައްސަލަ ކުރިއަށް ގެންދަން ނުފެންނާތީ ކަމަށެވެ. ނަމަވެސް އަދިވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މޫސާ ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ހައްޔަރުކުރި މީހުން މިއަދު ރަށަށް ދިއުމުން، އެ މީހުންނަށް އުކުޅަހުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.