ނުވަ ކިލޯގެ ޑްރަގް އެތެރެކުރި ބަޔަކު ބަންދުކުރަން ހައި ކޯޓުން އަންގައިފި

ގިނަ ބަޔަކު ބައިވެރިވެގެން ނުވަ ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި ބަޔަކު ކޯޓުން ގޭ ބަންދަށް ބަދަލުކޮށްފައި ތިއްބާ އެ މީހުން ފުލުހުންގެ ބަންދުގައި ބައިތިއްބަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.


ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އެ މީހުން ހައްޔަރުކުރީ ކޮން އިރަކު ކަމެއްް އަދި އެތަކެތި އަތުލައިގަތީ ކޮން އިރަކު ކަމެއް ސާފެއް ނުވެއެވެ. އޭގެ ތެރެއިން ބަޔަކު ގޭ ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނިކޮށް އޭގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބަންދަށް ބަދަލުކުރަން ހައި ކޯޓުން އެންގީ އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ.

އެ ތިން މީހުންގެ ތެރެއިން އެކަކީ މަސްތުވާތަކެތި ހުރި ފޮށިގަނޑާ ހަވާލުވާން އެއާޕޯޓަށް ދިޔަ މީހާ އެވެ. ދެވަނަ މީހާއަކީ އެ މީހާ އަތުން އެ ފޮށިގަނޑު އަތުލި މީހާ އެވެ. ތިން ވަނަ މީހާއަކީ އެ މަސްތުވާތަކެތި އެތެރެކުރި ފަރާތްތަކަށް ފައިސާ ފޮނުވި ކަމަށް ބުނެ ހައްޔަރުކުރި މީހެކެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ މަސްތުވާތަކެއްޗަކީ ނުރައްކާތެރިކަން ބޮޑު ކުށުގެ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށާއި އެފަދަ ބޮޑު ތުހުމަތެއް ކުރެވޭ ބަޔަކު ދޫވެފައި ތިބުމަކީ މުޖްތަމައަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އެ ތިން މީހުންގެ މައްޗަށް ތުހުމަތު އުފެދޭ ވަރުގެ ހެކިތަކެއް އެބަހުރި ކަމަށް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން އެންގީ އިއްޔެއިން ފެށިގެން 15 ދުވަސް ވަންދެން އެ މީހުން ފުލުހުންގެ ބަންދުގައި ބޭތިއްބުމަށެވެ.

އެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ވެސް ގޭ ބަންދަށް ބަދަލުކޮށްފައިވާތީ އެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.