ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ މަރުވެއްޖެ

އއ. ތޮއްޑޫގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ފިރިހެން މީހާ ހޭނާރާ އޮވެ މިރޭ މަރުވެއްޖެ އެވެ.


އައިޖީއެމްއެޗުން ބުނިގޮތުގައި އޭނާ މަރުވީ އައިސީޔޫގައި ފަރުވާ ދެނިކޮށް މިރޭ 9:30ގަ އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު އެ އެކްސިޑެންޓް ހިނގީ ތިން މީހަކު އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް ރުކެއްގައި ޖެހިގެންނެވެ. އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނީ ސައިކަލް ދުއްވަން އިން މީހާއަށެވެ.

އެކްސިޑެންޓް ހިނގި އިރު ސައިކަލުގައި ތިބި އަނެއް ދެ މީހުންނަށް ފަރުވާދިނީ އެ އަތޮޅު ރަސްދޫ ހޮސްޕިޓަލުންނެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށްވެ އެވެ. ލ. ލިންކް ރޯޑުގައި ހުކުރު ދުވަހު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 27 އަހަރުގެ ޒުވާން ފިރިހެނަކު ވަނީ މަރުވެފަ އެވެ. މިއީ ލާމު ލިންކް ރޯޑުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދައި މިދިޔަ އަހަރުގެ ޖުލައި ހިސާބުގައި ބޭނުންކުރަން ފެށި ފަހުން، އެ މަގުގައި ހިނގި އެކްސިޑެންޓެއްގައި މަރުވި ފުރަތަމަ މީހާ އެވެ.