އިއްޔެ ސޯޝަލް މީޑިއާގައި ވާހަކައަކަށް އޮތީ ޑިޕްރެޝަން އެވެ. އެކަމާ ގުޅުން ހުރި ހިތާމަވެރި ކޮންމެ ހާދިސާއަކާ އެކު ނަފްސާނީ ބައްޔާ މެދު މުޖުތަމައު ދެކޭ ގޮތާއި އެ ބަލީގައި މީހުން އުޅޭ ހާލުގެ ވާހަކަ އެންމެން ދައްކާއިރު އެންމެން މިކަމަށް ވަރަށް ހޭލުންތެރި ކަމަށް ހީވިޔަސް ހަގީގަތަކީ އެއީ ކަމަކަށް ގަބޫލުކުރަން ދަތި ކަންކަން މާ ގިނަ އެވެ.
މި މައުލޫގައި އެންމެން ވާހަކަ ދައްކަމުން ދާއިރު ބަސް ހުއްޓި "ނަމްބް" ވެފައި އެއް ބަޔަކު މި ވާހަކަ އަޑުއަހަން އެބަ ތިއްބެވެ. އެއީ ޑިޕްރެޗަން ތަހައްމަލުކުރަމުންދާ މީހުންނެވެ.
ޑިޕްރެޝަނާ ގުޅުން ހުރި ހާދިސާތަކުގެ ވާހަކައިން އެ މީހުން "ޓްރިގާ" ވަނީ އެވެ. އެކަހަލަ ކަމެއްގައި ދެން އިވޭނީ ތިމާގެ ވާހަކަ ކަމަށް އަމިއްލައަށް ހީވާ ހިސާބަށް ވެސް ދަނީ އެވެ. އަދި ކޮންމެ ފަހަރަކު ވެސް މި ފަދަ ހަބަރަކާ އެކު ފެތުރޭ ފާޑުކިއުންތަކާއި، ނެގެޓިވް ވާހަކަތަކާ ހެދި މީހުންނަށް ޑިޕްރެޝަންގެ އަސްލު އަސަރު ނޭނގޭހެން ހީވެ، އެކަނިވެރިކަމުގެ އިހުސާސުތައް ގަދަ ވެސް ވަނީ އެވެ.
ނަފްސާނީ ބަލިތަކާ ގުޅޭ ގޮތުން ހިނގާ އެކި ހާދިސާތަކުގެ ވާހަކަތައް ދެއްކުމާއި ރިޕޯޓުކުރުމުގައި ފަރުވާތެރިވުމަށް ނަފްސާނީ ބަލީގެ މާހިރުން ކެނޑިނޭޅި ބާރު އަޅަނީ ވެސް މި ކަމަކީ ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ މީހުންނަށް ބޮޑު ޓްރިގާއަކަށް ވާތީ އެވެ.
ޑިޕްރެޝަން އަކީ އޭގެ މޫތައް ވަރުގަދަ ބައްޔެކެވެ. މިއީ ހަކުރު ބައްޔާއި ލޭ މައްޗައް ދިއުން ފަދަ ބަލިތަކާ ވަކި ތަފާތެއް ހުރި ބައްޔެއް ނޫނެވެ. ސައިކެއެޓްރިސްޓުން ބުނާ ގޮތުގައި ޑިޕްރެޝަނަށް ދަނީ ސިކުނޑީގައި ކެމިކަލް އިމްބެލެންސެއް އުފެދިގެންނެވެ. އޭގެ ސަބަބުން "ހެޕީ" ހޯމޯންތައް މަދުވެ، މާޔޫސްކަން ވަށާލަ އެވެ. މި ބައްޔަކީ ހަމައެކަނި ސައިކޮލޮޖިކަލް ބައްޔެއް ނޫނެވެ. މިއީ ގިނަ ބަޔަކަށް ނޭނގުނަސް ފިޒިކަލް އަލާމާތްތައް ވެސް ގިނަ ބައްޔެކެވެ.
މި ބަލި ތަހައްމަލްކުރާ މީހުންނަކީ އާއްމުކޮށް ވަރުބަލިކަން އިހްސާސްވާ ބައެކެވެ. ގޭސްޓްރިކް ފަދަ އުނދަގޫތަކާއި ބޮލުގައި ރިހުމާއި ގައިގައި ރިހުން ފަދަ މައްސަލަތައް ވެސް ކުރިމަތިވެ އެވެ. އަދި ބައްޔެއް ހުރި ނަމަ އެ ބައްޔެއް ވެސް ޑިޕްރެޝަންގެ ދަށުން އިތުރަށް ގޯސްވެ އެވެ. މި ބައްޔަކީ މެންޓަލީ އަދި ފިޒިކަލީ ވެސް މީހާއަށް ބޮޑެތި އަސަރުތަކެއް ކުރުވާ ބައްޔެކެވެ.
ޑިޕްރެޝަން ހުންނަ ކޮންމެ މީހަކު ފާޅުގައި އެ ވާހަކަ ނުދައްކަފާނެ އެވެ. އެކަމަކު އެ ފަދަ ކަމެއް ތަހައްމަލުކުރާ މީހުންނަށް ތިއީ އެ މީހަކަށް ވާހަކަ ދެއްކޭނެ މީހެއްގެ ގޮތުގައި އިހުސާސްކުރެވިއްޖެ ނަމަ އެ ފަދަ ވާހަކަތައް ދައްކަން ހިތްވަރު ލިބޭނެ އެވެ. ރައްޓެއްސެއްގެ ފަރާތުން ލިބޭ ހިތްވަރުގެ އެންމެ ބަހަކީ ވެސް ކުރިއަށް ދިއުމަށް ލިބޭ ހިތްވަރަކަށް ވެދާނެ އެވެ.
ޑިޕްރެޝަން ހުރިކަން ދަންނަ، ސުއިސައިޑަލް ހިޔާލުތަކާ ސްޓްރަގަލް ކުރާ ރައްޓެއްސެއް ހުރި ނަމަ އެ މީހަކަށް ވަގުތު ދޭށެވެ. މި ފެތުރެމުންދާ ސޯޝަލް މީޑިއާ ޕޯސްޓުތަކާ އެކު ޓްރިގާވެ، އޯވަވެލްމްވެ، އަމިއްލަ ހިޔާލުތަކުގައި ގެނބެމުންދާ ރައްޓެއްސަކަށް އެންމެ ފޯނުކޯލަކުން ވެސް ހިތްވަރު ލިބިދާނެ އެވެ. އެފަދަ މީހުންނަށް މިކަހަލަ އުނދަގޫ ވަގުތުތަކުގައި އިތުރަށް ވަގުތު ދޭށެވެ.