އިމާރާތުގައި އަލިފާން ރޯވެ، މުޅި ތަނުގައި ވަނީ ހުޅު ހިފާފަ އެވެ. އަލިފާން ނިއްވަން ކިތަންމެ ގިނަ މަސައްކަތެއް ކުރިޔަސް، ހުޅުގަނޑު ބޮޑުވެ، އެކި ދިމަދިމާ އަށް ފެތުރެނީ އެވެ. އޭރު އަހަންނަށް ހުރެވުނީ އެ އިމާރާތުގެ ތެރޭގަ އެވެ. އެ ގޭގެ ހަތް ވަނަ ބުރީގެ އެޕާޓްމަންޓެއްގަ އެވެ. އެ ތަނުގައި ވެސް ވަނީ އަލިފާން ރޯވެފަ އެވެ. ސަލާމަތް ވާނެ ގޮތެއް ނެތެވެ. ހަމައެކަނި ފެންނަން ހުރީ މަގުމައްޗަށް ފުންމާލެވޭ ގޮތަށް ހުރި ކުޑަދޮރެކެވެ. އަލިފާނުން ސަލާމަތް ވެވޭނެ އެހެން ގޮތެއް ނެތްކަން ޔަގީން ވުމުން، އެންމެ ފަހުން އަހަރެން އެ ދޮރުން ފުންމާލީ އެވެ.
އެއީ ދެން ވާނެ ގޮތެއް ވިސްނޭ ވަރަށް ވުރެ ބިރުވެރި ވަގުތެކެވެ. އުސް ތަންތަނަށް އަރަން އަހަރެން ބިރު ވެސް ގަނެ އެވެ. އެ އުސް އިމާރާތުން އަހަރެން ފުންމާލީ އެ ބިރު ފިލައި ގޮސްގެންނެއް ނޫނެވެ. އެ ނޫން ގޮތެއް ނެތީމަ އެވެ.
މިއީ މީގެ ތިން މަސްދުވަސް ކުރިން، އެއް ރެއަކު އަހަންނަށް ކުރެވުނު އިހުސާސްތައް ސިފަކޮށްދެވޭނެ ހަމަ ކުޑަ މިންވަރެކެވެ. އެއީ މީގެ ކަމެއް ތަހައްމަލް ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. ކޮންމެ ރެއަކުހެން އެކަހަލަ އެތައް އިހުސާސެއް ކުރެވެ އެެވެ. ކޮޓަރީގައި އެކަނި އޮންނަ ވަގުތު އެކަން އަދި މާ ބޮޑެވެ.
ނަފްސާނީ ބަލިތަކަކީ އަމިއްލަ އަށް ކުރެވޭ ހީއެއް ނޫނެވެ. މިއީ ބައެއްގެ ސަމާލުކަން ހޯދަން އަހަރުމެން ހެދިގެން އުޅޭ ގޮތެއް ވެސް ނޫނެވެ.
ބައެއް ފަހަރަަށް އާދަޔާ ހިލާފަށް ދެރަވެ ދާނެ އެވެ. ކަމަކަށް ނުވާ ކަހަލަ ކަމަކާ ވެސް އަޑުން އަޑު ނަގާ ރޯން ފަށާފާނެ އެވެ. އަނެއް ބައި ފަހަރު އެއްވެސް އިހުސާސެއް ނުކުރެވެ އެވެ. އުފަލާއި ހިތާމަ، ހިތްހަމަޖެހުމާއި ރުޅި އަދި ލޯތްބާއި ނަފުރަތު އެއީ އެނގޭ ކަންކަމެއް ނޫނެވެ. އެ ހާލަތުގައި އެއީ ދުވަހަކު އެނގުނު ކަންކަމެއް ނޫނެވެ. އެއްވެސް މަންޒަރެއްގައި ކުލައެއް ނުހުރެ އެވެ. ދިރުމެއް ވާ އެއްޗެއް ނެތެވެ. ކުރެވެނީ އަޑި ނޭނގޭ، ފުން ވަޅުގަނޑަކަށް ވެއްޓެމުންދާ ކަމުގެ އިހުސާސެވެ. ހީވަނީ ފަތަން ނޭނގޭ މީހަކު ފުން ކަނޑަކަށް ވައްޓާލުމުން ގެނބެމުން ދާ ހެންނެވެ.
ބަލާ ބެލުމަށް އަހަންނަކީ ހަމަ ސިއްހަތު ސަލާމަތުން ހުރި މީހެކެވެ. އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު، ޑިޕްރެޝަން ހުންނަ ކަމަށް ޑޮކްޓަރުން ބުނިތާ މިހާރު ދުވަސްގަނޑެއް ވެއްޖެ އެވެ. މިކަން ފެށުނީ ކާން ބިރު ގަންނަން ފެށި ހިސާބުންނެވެ. ސިއްހަތަށް ކިތަންމެ ފައިދާ ހުރި ކާއެއްޗަކަށް ވިޔަސް އޭރު އަހަންނަށް އެ އެއްޗެހި ފެނުނީ ބޮޑު ބިރެއްގެ ގޮތުގަ އެވެ. އެއްވެސް އެއްޗެއް އަރުން އެތެރެއެއް ނުވެ އެވެ. މުޅި ދުވަސް ހޭދަކުރަނީ ކާއެއްޗެހީގެ ހިޔާލުގަ އެވެ. ކެއުމުން ރެކެވޭނެ ގޮތެއް ހޯދުމުގެ ވިސްނުމުގަ އެވެ. އެ ކަމުގައި އުޅެނިކޮށް މާ ބޮޑަށް ބަލިވެ އެދުމަތި ކުރަން ޖެހުނީ އެވެ. ބަރުދަން ދަށަށް ދަމުން ގޮސް ކުޑަކުއްޖަކާ އެއްވަރުވީ އެވެ.
އެ އަށް ޑޮކްޓަރުން ކިޔާ އުޅެނީ އެނެރޮކްސިއާ އެވެ. ޑޮކްޓަރަށް ދެއްކުމުން ބުނީ އެއީ ނަފްސާނީ ބަލިތަކުގެ ތެރެއިން އެންމެ ގިނައިން މީހުން މަރުވާ ބަލި ކަމަށެވެ. އެ ހިސާބުން ފިތްކަނޑައިގެން ދާ ވަރުވި އެވެ. ދިންހާ ބޭހެއް އެތެރެ ކުރީމެވެ. އެކަމަކު، އެ ބައްޔަށް ފަރުވާ ކުރަނިކޮށް ދެން ބުނީ އަދި މާ ބޮޑު ކަމެއްގެ ވާހަކަ އެވެ. ޑޮކްޓަރުން ބުނީ ހުރިހާ ވެސް މައްސަލައަކީ އޮބްސެސިވް ކޮމްޕަލްސިވް ޕާޒަނަލިޓީ ޑިސްއޯޑާ (އޯސީޕީޑީ) ހުރުން ކަމަށެވެ. ކޮޅެއް މެދެއް ނުފެންނަ ކަހަލަ ހަނގުރާމައެކެވެ.
އޯސީޕީޑީން މީހާގެ މުޅި ހަޔާތަށް އަސަރު ކުރެ އެވެ. ދުވަހުގެ ހުރިހާ ކަމެއް ހުންނަން ޖެހެނީ ތާވަލުކޮށްފަ އެވެ. ރާވާފައިވާ ގޮތާ ކިރިޔާ ވެސް އިދިކޮޅަށް ކަމެއް ހިނގައްޖެ ނަމަ، ހީވަނީ ދުނިޔެ ނިމުނު ހެންނެވެ. މީހަކާ އެއްކޮށް ބޭރަށް ދާން އުޅެ، އެކަން ނުވެއްޖެ ނަމަ އެ މީހަކު ދެކެ ވަނީ އަމަށަކު ފޫއްސެއް ނޫނެވެ. ހިތު އަޅާ އެއްޗެއް ހޯދަން ޖެހެ އެވެ. ނިޔަތް ގަންނަ ކަމެއް ކުރަން ޖެހެ އެވެ. އެ ހުރިހާ ކަމެއް އެންމެ ފުރިހަމަ ވާން ޖެހެ އެވެ. އެއްޗެއް ނުލިބިއްޖެ ނަމަ ނޫނީ ކަމެއް ނުވެއްޖެ ނަމަ އަމިއްލަ ނަފްސަށް ނަފުރަތު ކުރެވެ އެވެ.
މިކަމުގެ ފައިދާ ބައެއް ފަހަރަށް ކުރިޔަސް، ބޮލުގައި ރިހުންތައް މާ ގިނަ އެވެ. ކިތަންމެ ކުޑަ ކަމެއް ވިޔަސް ފާހަގަކުރެވުމާއި އެ ކަންކަން ބޮޑުކޮށްލުމާއި މާ ބޮޑަށް ކަންކަމާ ވިސްނުމުން އަންނަ އެންޒައިޓީއާ ހެދި އެއްވެސް ކަމެއްގެ އުފާ ލިބިގަނެވޭ ވަރެއް ނުވެ އެވެ. ބަޔަކާ އެއްކޮށް ބޭރަށް ގޮސް މަޖާ ކުރަން އުޅުނަސް ވިސްނެނީ މީހުން ހިތަށް އަރާފާނެ އެއްޗަކަށެވެ. މީހަކާ ވާހަކަ ދައްކަން ހިތަށް އަރުވާލާ ކޮންމެ ފަހަރަކު ގަބޫލުކުރެވެނީ ބުނާ އެއްޗަކުން އެ މީހަކު ރުޅި އައިސްފާނެ ކަމަށެވެ. ބަޔަކު ފަހަތުން އަޅުވާލައިގެން ނޫނީ އައިސް ތަޅައިގަނެފާނެ ކަމަށް ހީކުރެވޭތީ އަންނަ ޕެނިކް އެޓޭކްތަކާ ހުރެ ގެއިން ބޭރަށް ނުކުންނަން ވެސް ބައެއް ފަހަރު ޖެހިލުންވެ އެވެ. އެއީ ވެދާނެ ކަމަކަށް ނުވިޔަސް އެކަން ސިކުނޑި އަށް ނަގައެއް ނުގަނެވެ އެވެ.
ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކުގައި އަހަރެން ފަދައިން އެތައް ބަޔަކު އުޅެ އެވެ. އެކި މީހުންނަށް ޖެހެނީ އެކި ކަންކަމެވެ. އެކި މިންވަރަށެވެ. މި ކަންކަން ދިމާވަނީ އަހަރުމެންގެ ފިނޑިކަމުން ކަމަށް މީހުން ގަބޫލުކުރާނެ އެވެ. އެ މީހުންގެ ނަޒަރުގައި އަހަރުމެންނަކީ އެއްވެސް ހިތްވަރެއް ނެތް ބައެކެވެ. މާ ހާލުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންނަށް ނުވާ ވަރު، އަހަރުމެން ކަހަލަ ފުދިގެން އުޅޭ ބަޔަކަށް ކުރަނީ ކީއްވެތޯ ސުވާލު އުފައްދާނެ އެވެ. އެހެންވެ، އަހަރުމެންގެ އީމާންތެރިކަމާ މެދު ސުވާލު އުފައްދާ ހިސާބަށް ވެސް ދާނެ އެވެ. ދިމާލަށް ވެސް އެހެން ބުނާނެ އެވެ.
މި ކަންކަން ދިމާވަނީ އަހަރުމެންގެ ފިނޑިކަމުން ކަމަށް މީހުން ގަބޫލު ކުރާނެ އެވެ. އެ މީހުންގެ ނަޒަރުގައި އަހަރުމެންނަކީ އެއްވެސް ހިތްވަރެއް ނެތް ބައެކެވެ. މާ ހާލުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންނަށް ނުވާ ވަރު، އަހަރުމެން ކަހަލަ ފުދިގެން އުޅޭ ބަޔަކަށް ކުރަނީ ކީއްވެތޯ ސުވާލު އުފައްދާނެ އެވެ. އެހެންވެ، އަހަރުމެންގެ އީމާންތެރިކަމާ މެދު ސުވާލު އުފައްދާ ހިސާބަށް ވެސް ދާނެ އެވެ. ދިމާލަށް ވެސް އެހެން ބުނާނެ އެވެ.
އެކަމަކު، މިއިން ކަމެއް ތަހައްމަލް ކުރަން ނުޖެހޭ މީހަކަށް މިއީ ކިހާ ވޭން ހުރި ކަމެއް ކަމެއް ނޭނގޭނެ އެވެ. މީހުން ދައްކާ ވާހަކަ އިން ކުރާ އަސަރު އަހަންނަށް އެނގެ އެވެ. މުޖުތަމައުން ދެކޭ ގޮތާ އަޅާ ނުލަން ކިތަންމެ މަސައްކަތެއް ކުރިޔަސް، އެއީ ވާނެ ކަމެއް ނޫނެވެ. މި ފަދަ ދަނޑިވަޅުތަކުގައި އަހަންނަށް ކިރިޔާ ވެސް ލުޔެއް ލިބެނީ މި ކަމުގައި އުޅެން ޖެހިފައި ވަނީ އަހަރެން އެކަނި ނޫންކަން ހިތަށް އަރުވައިގެންނެވެ. މިކަހަލަ ކަމެއް ކުރިމަތި ވެފައިވާ އެހެން މީހަކާ ވާހަކަ ދައްކައިގެންނެވެ. އެ މީހެއްގެ އިހުސާސްތައް އަޑުއަހައިގެންނެވެ.
ނަފްސާނީ ބަލިތަކަކީ އަމިއްލަ އަށް ކުރެވޭ ހީއެއް ނޫނެވެ. މިއީ ބައެއްގެ ސަމާލުކަން ހޯދަން އަހަރުމެން ހެދިގެން އުޅޭ ގޮތެއް ވެސް ނޫނެވެ. ސިކުނޑި އަށް ނުކުޅަދާނެ ވާ ވަރު ވެ، އެ ކަމުން އަރައިގަންނަން ކުރެވޭނެ ކަމެއް ނޭނގިފައި ހުންނާކަށް ބޭނުމެއް ނޫނެވެ. ބޭރަށް ގޮސް، ބިރެއް ނެތި މަޖާ ކުރަން ބޭނުމެވެ. ޖެހިލުމެއް ނުވެ މީހުންނާ އަނގަތަޅައި އުޅެވޭނެ ދުވަހެއް އަތުވެދާނެތޯ ހިތާއި ހިތާ ސުވާލު ކުރެވެ އެވެ. ނުނިދިފައި، އެނދުމަތީގައި ފުރޮޅި ފުރޮޅި އޮންނާކަަށް ފަސޭހައެއް ނޫނެވެ. މީހަކާ ގާތް ވާ ކޮންމެ ފަހަރަކު އެ މީހަކަށް ކެތް ނުކުރެވިގެން ދޫކޮށްފާ ދާ ތަން ބަލާކަށް ވެސް ބޭނުމެއް ނޫނެވެ.
ނަފްސާނީ ކޮންމެ ބައްޔަކީ ވެސް ހަގީގީ ކަމެކެވެ. ޖިސްމާނީ އަނިޔާތަކާއި ބޮޑެތި ބަލިތަކުގައި އަޅާ ވޭނަށް ވުރެ ވެސް މި ކަހަލަ ބަލިތަކުގެ އަސަރު ބައެއް ފަހަރު މާ ބޮޑެވެ. ބައެއް ފަހަރު ބޭރު ފުށުން ވެސް މިކަމުގެ އަސަރުތައް ފެނެ އެވެ. ބާރުގަދަ ބޭސް ކާން ޖެހެ އެވެ. ތެރަޕީ ވެސް ނަގަން ޖެހެ އެވެ. ރާއްޖެ ކަހަލަ ތަނެއްގައި ގިނަ މީހުންނަށް އެ އެހީތެރިކަން އަމިއްލަ އަށް ހޯދަން ނުކެރެނީ އެވެ. އަހަންނަށް ވެސް ވަނީ އެހެންނެވެ. އެހެން ވިޔަސް، ނަފްސާނީ ބަލިތަކުގެ ކްލިނިކުތައް ހުއްޓުމެއް ނެތި ހިންގޭނެ މަގު އޮންނަން ޖެހޭނީ ފަހިވެފަ އެވެ.
އޭރުން އަމިއްލަ އަށް މަރުވުން ފަދަ ކަންކަން ހުއްޓިދާނެ އެވެ. އެ ހިސާބަށް މީހަކު ދަނީ ވަރަށް ވަރު ވީމަ އެވެ. ގިނަ ފަހަރަށް އެ ގޮތަށް ނިންމަނީ ކައިރީގައި އުޅޭ މީހުންނަށް ބުރައަކަށް ވާން ބޭނުން ނުވާތީ އެވެ. އެހެންވެ، އެ ފަދަ ކަމަކުން އެ މީހާ ސަލާމަތް ކޮށްދެވޭނީ އަޅާލުމާއި ލޯބި ދީގެންނެވެ. އެ މީހަކު، އޭނާގެ ގޮތުގައި ބަލައިގަނެގެންނެވެ. އުނިކަންތައްތަކާއި މޫޑަށް އަންނަ ކުއްލި ބަދަލުތައް ގަބޫލުކޮށްގެންނެވެ. ކިތަންމެ ހަމަނުޖެހުނަސް، ދައްކާ ވާހަކަ ކެތްކޮށްލައިގެން އަޑުއަހައިގެންނެވެ. މި ހުރިހާ އިހުސާސްތަކެއް ފޮރުވިފައި ވިޔަސް މިއީ ހަމަ ހަގީގަތެވެ.