ދެ މިލިއަން ރުފިޔާ ހޯދަން ނާޒިމްގެ އާއިލީ ކުންފުނިން މައުމޫންގެ ބޭފުޅުންނާ ދެކޮޅަށް ދައުވާކޮށްފި

ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުނިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޭފުޅުންނާ ދެކޮޅަށް ދައުވާކޮށްފި އެވެ.


ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ) އިން މައުމޫންގެ ހަތަރު ބޭފުޅުން ކަމަށްވާ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނާއި އަހުމަދު ފާރިސް މައުމޫން އަދި މުހައްމަދު ޣައްސާން މައުމޫންގެ މައްޗަށް ދައުވާކުރަނީ އިމާރާތެއް ކުރުމުގެ އަގު ނުދެއްކި ކަމަށް ބުނެ އެވެ.

ޕީޕީއެމުން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން، ޣައްސާންއާ ސަލާމް ކުރައްވަނީ: އިމާރާތެއް ކުރުމުގެ އަގު ނުދެއްކެވި ކަމަށް ބުނެ އާރްސީސީން ވަނީ ޣައްސާންގެ މައްޗަށް ވެސް ދައުވާ ކޮށްފައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެ ހަތަރު ބޭފުޅުންގެ ނަމުގައި ޗާންދަނީމަގުގައި އޮންނަ ބިމެއްގައި އާރްސީސީ އިން އިމާރާތެއް ކުރުމުން، އެ މަސައްކަތުގެ އަގަށްވާ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބޭ ކަމަށް އެ ކުންފުނިން ސިވިލް ކޯޓުގައި ކުރާ ދައުވާގައި ވެ އެވެ.

އެނގިފައިވާ ގޮތުގައި އެ އިމާރާތުގެ މަސައްކަތް ނިންމިތާ ހަތަރު އަހަރެއްހާ ދުވަސްވީއިރު ވެސް ފައިސާ ނުލިބޭ ކަމަށް އާރްސީސީގެ ދައުވާގައިވެ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ސިވިލް ކޯޓުގައި މިހާރު ކުރިއަށް އެބަގެންދެ އެވެ.

މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކަން ކުރެއްވި ނާޒިމްގެ އާއިލީ ކުންފުންޏަކުން އެ ދައުވާ ކުރިއިރު، މައުމޫނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި މައުމޫން ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެކަމަކު މައުމޫންގެ ދެ ބޭފުޅުންގެ ތެރެއިން ދުންޔާ މިހާރު ވެސް ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. ޣައްސާން އަދާކުރައްވަނީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމެވެ.