ލޯންޗެއް ވަގަށް ނަގައިގެން މ. އަތޮޅުން މާލެ އަށް އައި ކުޑަ ކުއްޖާ ހޯދައި އާއިލާ އާ ހަވާލު ކޮށްފި އެވެ.
އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު، މާލޭގައި ދިރިއުޅޭ އޭނާގެ ލޯބިވެރިޔާ އަނިޔާ އިން ސަލާމަތް ކުރަން ކަމަށް ބުނެ، އެ ރަށުގެ ބަނދަރުގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެ އައިސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު އެވެ.
އެ ކުއްޖާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ އިރު އެ ރަށު ބަނދަރުގައި އަޅާފައި އޮތް ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗު ގެއްލިގެން ވެސް ވަނީ ފުލުހުންނަށް ރިޕޯޓު ކޮށްފަ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ލޯންޗެއް ވަގަށް ނަގައިގެން މާލެ އައި ކުއްޖާ މިހާރު ވަނީ އާއިލާ އާ ހަވާލު ކޮށްފަ އެވެ.
ކުއްޖާ އެ ރަށުން މާލެ އައީ ދަބަހަކަށް ހެދުން އަޅައިގެން ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ. މާލެ އައި ލޯންޗު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި އަޅާފައިވާއިރު، އެ ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ލޯންޗުގެ ފަޅުވެރިއަކު ކޮށްފައިވާ ޕޯސްޓެއްގައި ވެ އެވެ.