ހުޅުމާލެ 1 ގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮތް ބިދޭސީއަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހުޅުމާލޭގެ ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ.
އެ މީހާ ފެނުނީ އަމިއްލަ ކުންފުންޏެއްގެ ވެހިކަލެއްގެ ތެރެއިންނެވެ. ނޫކުލައިގެ އެ ވޭން ޕާކް ކޮށްފައި އޮތް ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހޯމަ ދުވަހު ވެސް މާލޭގެ ބަނޑޭރިކޮށީގައި ހުރި އެޕާޓްމަންޓަކުން މަރުވެ ކުނިވެފައި އޮތް ދިވެއްސަކު ފެނިފައި ވެ އެވެ.
އެ ތަނުން މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ މީހެކެވެ.
އޭނާގެ މަރުގެ ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމައިފަ އެވެ. އާންމު ގޮތެއްގައި މިފަދަ މަރުތަކުގައި އޮޓޮޕްސީ ހަދަނީ ފުލުހުންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.