ރާއްޖޭން ހިމަބިހި ނައްތާލަން ސަރުކާރުން ހިންގާ ގައުމީ މަޝްރޫއު އަންނަ އާދިއްތަ ދުވަހު ފަށާ އިރު ކުރިން އެ ވެކްސިން ޖަހާފައި ހުއްޓަސް، ދެ ވަނަ ޑޯޒެއް ޖެހިކަން ޔަގީންނުވާ ކުދިން ވެސް އަލުން ޖަހަން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ރާއްޖެއަކީ ހިމަބިހިން މުޅިން ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅަން ފަށާ ކެމްޕެއިނުގައި ދޭނީ މީސަލްސް އަދި ރުބެއްލާ ވެކްސިން އެއްކޮށްލައިގެންނެވެ. މި ވެކްސިނަށް އާންމުކޮށް މިހާރު ކިޔާ ނަމަކީ އެމްއާރު ވެކްސިން އެވެ.
ހިމަބިހިން ސަލާމަތްވުމުގެ ވެކްސިން ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށީ 1981 ގަ އެވެ. އަދި 2010 ގެ ފަހުން ރާއްޖޭގައި ހިމަބިހި ޖެހުނުކަމުގެ އެއްވެސް ރިޕޯޓެއް ނެތެވެ.
މިއީ އިންޖެކްޝަނަކުން ދޭ ވެކްސިނެކެވެ. އިންޖެކްޝަން ޖަހާ ސަރަހައްދުގައި ކުޑަކޮށް ތަދުވުމާއި ބައެއް ކުދިން ކުޑަކޮށް ހުންއައުން ސައިޑް އިފެކްޓްސްގައި ހިމެނެ އެވެ.
އެޗުޕީއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހިމަބިހީގެ ވެކްސިން ކުރިން ޖަހާފައި ތިބި ކުދިންގެ ތެރެއިން އަށް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް އަލުން ވެކްސިން ދޭނީ، އޭގެ ދެވަނަ ޑޯޒެއް ނަގާފައިވާކަން ސީދާ ކަށަވަރުނުވެއްޖެ ނަމަ އެވެ. އޭގެ މާނަ އަކީ، މިސާލަކަށް، އެ އުމުރު ފުރައިގެ ކުއްޖަކަށް ދެ ޑޯޒް ދިންކަން އެނގޭނެ ރަސްމީ ލިއުމެއް ނެތުމެވެ.
"ވަރަށް މަދުވާނެ ދެ ޑޯޒް ނުދޭ ކުއްޖަކު ރާއްޖޭގައި،" އެޗުޕީއޭގެ އޮފިޝަލް ވިދާޅުވި އެވެ.
"އެކަމަކު ދެވުނުކަން ޔަގީންނުވަންޏާ އަޅުގަނޑުމެން ދޭނަން އެއް ޑޯޒް."
އެކަމަކު ހިމަބިހިން މުޅިން ސަލާމަތްވުމަށްޓަކައި ހިންގާ ކެމްޕޭންގައި 15 އަހަރާއި 25 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް އަލުން އެއް ޑޯޒް ދޭނެ ކަމަށް، އެޗުޕީއޭ އިން ބުންޏެވެ.
"މި ވެކްސިން އަލުން ދިނުމަކުން ސިއްހީ އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ވެކްސިން ދޭ އުމުރުގެ ކުދިންގެ ތެރެއިން ސްކޫލްތަކުގެ ދަރިވަރުންނަށް އަލުން ވެކްސިން ދޭނީ އެ ސްކޫލެއްގަ އެވެ. އެކަމަކު ސްކޫލްގައި ނުޅޭ ކުދިންނަށް ވެކްސިން ދޭނީ އެކަމަށް ކަނޑައަޅާ ތަންތަނުންނެވެ.
ރައީސް އަބްދުﷲ ޔާމީން ފައްޓަވާ ދެއްވާ މަޝްރޫއު އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖޭގައި ކުރިއަށް ދާނެ އެވެ.
އެޗުޕީއޭގެ އޮފިޝަލް ވިދާޅުވި ގޮތުގައި މި ވެކްސިން ދެނީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި ރާއްޖެއަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ގައުމަކަށް ވެފައި، ބަލިތަކުން ސަލާމަތްވެފައި އޮތް ގައުމަކަށް ރާއްޖެ ވުމަކީ ބޭރު މީހުންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ބައެއް ހިސާބުތަކުގައި މިހާރު ވެސް ހިމަބިހި ޖެހިގެން ކުދިން މަރުވެ އެވެ. އެގޮތުން މިދިއަ އަހަރު އެކަނި ވެސް ލައްކައަކަށް ވުރެ ގިނަ ކުދިން މަރުވެފައިވެ އެވެ. ކިނބިހި އެޅުމާއި ކެއްސުމުގެ ތެރެއިން އެކަކު އަނެކަކުގެ ގަޔަށް ވަރަށް ފަސޭހައިން މި ބަލި އަރަ އެވެ.