ސްކޭމްގެ މައްސަލަތަކާ ގުޅިގެން ކަމާބެހޭ ހުރިހާ އިދާރާއެއް ޖަވާބުދާރީވުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަން މިއަދު ނިންމައިފި އެވެ.
އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސްކޭމްގެ މައްސަލަތައް ތިލަވީ ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލަ މިދިޔަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލައި ނިންމާފައިވާ ގޮތުގެ ރިޕޯޓާ މެދުގައި މަޝްވަރާކުރުމުގެ ތެރެއިންނެވެ.
ކުރީގެ ކޮމިޓީގެ ރިޕޯޓުގައި ހުރި ހުށަހެޅުންތަކަށް ބަލައި އެކަމާ ގުޅުން ހުރި އިދާރާތަކުން މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ހިސާބާއި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށްޓަކައި އެ މައްސަލަ ބެލުމަށް، މި ހިނގާ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެ މައްސަލާގައި ބީއެމްއެލް ހާޒިރުކޮށްގެން ސުވާލުކުރުމަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރެވެ.
ބައެއް މެމްބަރުން ވަނީ ބީއެމްއެލްއާ ގުޅުންހުރި އެހެން ބައެއް ޝަކުވާތައް ވެސް މިއަދުގެ ބައްދަލުވުމުގައި ހިއްސާކުރައްވައިފަ އެވެ. އޭގެ ތެރޭގައި ބީއެމްއެލްގެ ކްރެޑިޓް ކާޑާ ގުޅޭ މައްސަލައެއް ވެސް ހިމެނެ އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ވިދާޅުވީ ބީއެމްއެލް އަކީ ރައްޔިތުންގެ އިތުބާރު އޮތް ކުންފުންޏަކަށް ހަދަންޖެހޭ ކަމަށެވެ.
"ވަރަށް ގިނަ ސްކޭމް މައްސަލަތަކުގައި އެކި ފަރާތްތަކުން ބީއެމްއެލްއަށް އެބަ އިނގިލި ދިއްކުރޭ. ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮންނަ ކުންފުންޏެއް ކަމުން އަޅުގަނޑު ދެކެން ބީއެމްއެލް މިތަނަށް ހާޒިރުކޮށް، ރައްޔިތުންގެ އިތުބާރު ހިފޭ ކުންފުންޏަކަށް ހަދަން އެ ބޭފުޅުންނާ މަޝްވަރާކޮށްގެން ހައްލެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއާ އެކު ކަމާބެހޭ އެހެން އިދާރާތަކު އިސްވެރިން ވެސް ހާޒިރުކުރަން ހުށަހެޅުއްވީ ކޮމެޓީގެ މުގައްރަރި އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އޭނާ ހުށަހެޅުއްވީ ފުލުހުންނާއި ކަރެކްޝަންސް އަދި އެމްއެމްއޭގެ އިސްވެރިން ހާޒިރުކުރުމަށެވެ. ކޮމިޓީން ވަނީ އެގޮތަށް ނިންމައި، އެ އިދާރާތަކަށް ސިޓީ ފޮނުވަން ނިންމައިފަ އެވެ.