ބީއެމްއެލްގެ އެޕަށް މިއަދު މެންދުރު ޓެކްނިކަލް މައްސަލައެއް ދިމާވެ، ގިނަ އިރުތަކެއް ވަންދެން ޑައުން ވެއްޖެ އެވެ.
މިއަދުގެ މެންދުރު 2:30 ވާން އުޅެނިކޮށް އެޕް ޑައުންވި ގޮތަށް މައްސަލަ ހައްލު ކުރެވޭ ވަރުވީ ހަވީރު 5:30 ވާން އުޅެނިކޮށެވެ. އެހެންވެ، އެ ބީއެމްއެލްގެ އެޕް މެދުވެރިކޮށް އެތައް ބަޔަކު ކުރަން ޖެހުނު ގިނަ މުއާމަލާތުތަކަކަށް ބުރޫ އަރައި މަސައްކަތްތައް ހުއްޓުނެވެ.
ރާއްޖޭގައި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކުން ބުނީ، މި މައްސަލަ ދިމާވީ މައިކްރޮސޮފްޓަށް ދިމާވެގެން އުޅޭ ސައިބަ އެޓޭކާ ގުޅިގެން ކަމަށެވެ. އެހެންވެ، ބީއެމްއެލްގެ ކާޑު މެދުވެރިކޮށް އޮންލައިން ޓްރާންސެކްޝަންތައް ހިންގުމަށް ވެސް ބުރޫ އެރި ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ގިނަ ކަސްޓަމަރުން ބޭނުން ކުރާ ބޭންކެވެ. އެ ބޭންކުގައި 345،000 ކަސްޓަމަރުން އެބަ ތިއްބެވެ.
މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ވެސް މައިކްރޮސޮފްޓްގެ ބައެއް ހިދުމަތްތައް މުޅި ދުނިޔޭގައި މެދުކެނޑި ހާސްކަމުގެ ތެރެއަށް ގޮސްފައި ވެ އެވެ. އެންމެ ފަހުން އިއްޔެ ވެސް އެފަދަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މި ފަހަރު ކުރިމަތިވި މައްސަލައިގައި މައިކްރޮސޮފްޓުގެ އީމެއިލް ސާވިސް ކަމަށްވާ އައުޓްލުކް އިން ފެށިގެން ގޮސް މަޝްހޫރު ގޭމް، މައިންކްރާފްޓް ވެސް ހުއްޓުނެވެ.