ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ނުވަ ރަށެއްގައި މިއަދު ފެންބޮޑުވެއްޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ރަށްރަށަށް ލިބޭ ގެއްލުންތައް އެ އިދާރާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އިރުއޮއްސި 6:00 އާ ހަމައަށް، ނުވަ ރަށަކުން ފެންބޮޑުވުމާއި ވައިގަދަވުމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
"އެއްވެސް އާއިލާއެއް ބަދަލުކުރަން ޖެހޭ ފަދަ ހާލަތެއް އަދި ނެތް،" އެންޑީއެމްއޭ އިން ބުންޏެވެ.
ފެންބޮޑުވުމާއި ވައިގަދަވުމުން އެންޑީއެމްއޭ އަށް ރިޕޯޓްކުރީ ހއ. ބާރަށާއި ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށްޓާއި ޅ. ނައިފަރާއި އެ އަތޮޅު ކުރެންދޫގެ އިތުރުން ގއ. ދެއްވަދޫ އާއި ސ. މަރަދު އާއި ސ. ފޭދޫ އަދި ސ. ހިތަދޫންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިރޭ މެންދަމު 1:00 ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި އެ ހިސާބުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި ހަފުތާގައި މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މިދިޔަ ހަފުތާގައި އޮތީ ލަފާކޮށްފަ އެވެ.
ކުރިއަށް އޮތް ތިން ދުވަހު މާލެއަށް އެއް މަސްދުވަހުގެ ވާރޭވެހުން އެކަށީގެންވާ ކަމަށް އަލްޖަޒީރާއިން ވެސް މިއަދު ވަނީ ބުނެފަ އެވެ. ވިއްސާރަ މޫސުމުގައި އެވްރެޖްކޮށް ރާއްޖޭގެ ރަށްރަށަށް މަހަކު 100-200 މިލިމީޓަރުގެ ވާރޭ ވެހެ އެވެ.
މޫސުން ގޯސްވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެންޑީއެމްއޭ އާއި ފުލުހުން އަދި ކަމާބެހޭ އެހެން އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.