ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ބޭނުންކުރަން ފަށާނެ ކަމަށް އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ދ. ކުޑަހުވަދޫގެ ހުރިހާ ގެތަކެއްގައި ބޭނުންކުރާ ކަރަންޓު މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި ރަށުގެ ގޭގޭގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތަށް ގެނައި އިންގިލާބީ ކުރިއެރުމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ތޯރިގު ވިދާޅުވީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކޮށް ނިމި ބޭނުންކުރަން ފެށޭނެ ކަމަށެވެ.
ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ ގަޑިތަކާއި އެއް ދުވަސްތެރޭ ކަރަންޓު ބޭނުން ކުރެވެނީ ކިހާ އަދަދެއް ކަން ވެސް އެ މީޓަރުތަކުން ބަލައިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސްމާޓް މީޓަރުން އެ ދުވަހެއްގައި ކަރަންޓު ބޭނުން ކުރެވުނު މިންވަރު އެނގިގެން ދާނެ. އަދި ކުރިއަށް އޮތް ތަނުގައި ގަޑިއިރަކު ބޭނުން ކުރަނީ ކިހާ ކަރަންޓެއްކަން ވެސް އެނގިގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.
މީގެ މާނައަކީ ހަކަތަ އިގްތިސާދު ކުރުމަށް އެޅިގެން ދިޔަ ފިޔަވަޅެކޭ މިއީ. ކަރަންޓު ލީކެއް އުޅޭ ނަމަ މީގެ ސަބަބުން އެނގޭނެ."
ސްމާޓް މީޓަރު ހަރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ މަޝްރޫއުއެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ފެނަކަ އާއި ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތްދޭ ރަށްރަށުގައި މިމަޝްރޫއު ނިންމުމަކީ އަމާޒެއް ކަމަށެވެ.
މިދިޔަ ފަސް އަހަރު ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އަހަރުން އަހަރަށް ކަރަންޓަށް އޮތް ޑިމާންޑު 10 ޕަސެންޓަށް އިތުރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.