ޚަބަރު / ކުދިންނަށް ޖިންސީ ގޯނާކުރުން

ކުށް ސާބިތެއް ނުވި، ގާޒީގެ ސުވާލަކީ ބެހެންދެން ކުއްޖާ ހުރީ ކީއްވެހޭ؟

ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ވިކްޓިމް ބްލޭމް ކުރުމާ ދެކޮޅަށް ޝުއޫރު ފާޅު ކުރަނީ: ޖިންސީ މައްސަލައެއްގައި އަނިޔާވި ކުއްޖަކާ މެދު ގާޒީ އުފެއްދި ސުވާލުތަކެއްގެ މައްސަލަ ވަނީ ބޮޑުވެފައި - ފޮޓޯ: މިހާރު

ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކާ މެދު އެހެން ފިރިހެނަކު ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތުވާ މައްސަލައެއްގައި ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، މެޖިސްޓްރޭޓަކު ކުރި ހުކުމުގައި އެ ކުއްޖާގެ އަމަލުތަކާ މެދު އުފެއްދި ސުވާލުތަކެއްގެ މައްސަލަ ބޮޑުވެއްޖެ އެވެ.

މި މައްސަލައިގައި، ދައުވާ ލިބުނު މީހާ ވަނީ ކުއްޖާގެ ފޮޓޯތަކެއް ނަގަން، އޭނާ މަސައްކަތްކުރާ ތަނަށް އެތަން އާންމުކޮށް ހުޅުވާފައި ނުހުންނަ ވަގުތެއްގައި ކުއްޖާ ގެންގޮސްފަ އެވެ. އެ ކުއްޖާ ޝަރީއަތަށް ކިޔައިދިން ގޮތުގައި އެ މީހާ ވަނީ ކުއްޖާގެ ޖިންސު ތެރެއިން އަތްލައި .... ހިފައިފަ އެވެ. އަދި އެ ކުއްޖާ އެ މީހާއާ މެދު ވެސް އެގޮތަށް އަމަލު ކުރުމަށް ބުނި ކަމަށް ދައުވާގައިވެ އެވެ.

އެ ވަގުތު ވަރަށް ބިރުގަތް ކަމަށާއި އެ ތަނުން އަވަހަށް ނުކުމެގެން ދިޔައީ ކަމަށް ކުއްޖާ ބުނެފައިވެ އެވެ. މިކަން އޭނާ ވަނީ އެކުގައި ކިޔަވާ ބައެއް ކުދިންނަށް ވެސް ކިޔައިދީފަ އެވެ. ސްކޫލްގެ ކައުންސިލަރަށް ވެސް ކިޔައިދިނެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުލަތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އާއި ޖިންސީ ގުނަވަނެއް ކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ދައުވާ ދައުލަތުން އުފުލި އެވެ. މި ދައުވާތަކަށް އޭނާ އިންކާރު ކުރި ނަމަވެސް، ދިފާއުގައި އެއްވެސް ހެއްކެއް ހުށައެއްނާޅަ އެވެ. އެކަމަކު ހުކުމްކުރީ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވާ ކަމަށެވެ.

ރަށު ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތަށް ސްކޫލްގެ ކައުންސިލަރާއި ކުއްޖާގެ މަންމަ އާއި ފެމެލީ އެންޑް ޗިލްޑްރެންސް ސާވިސްގެ ކޭސް ވޯކަރާއި ސައިކޮލޮޖިސްޓް އަދި އެކުވެރިއެއް ހެކިބަސް ދީފައިވެ އެވެ. ކުއްޖާ ތަހުގީގަށް ކިޔައިދިން ހާދިސާއާ ބެހޭގޮތުން ހެކިބަސް ދެމުން މި އެންމެން ކިޔައިދިން ކަންކަމުގައި ފުށުއެރުންތަކެއް ހުރި ކަމަށް ހުކުމުގައިވެ އެވެ. އަދި ކުއްޖާ ތަހުގީގަށް ދިން ބަޔާނާއި ޝަރީއަތުގައި ހެކިބަސް ދެމުން ދެއްކި ވާހަކަތަކުގައި ވެސް ފުށުއެރުންތަކެއް ހުރި ކަމަށް ފާހަގަކޮށްފައިވެ އެވެ.

ހުކުމްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ތަހުގީގަށް ދިން ބަޔާނުގައި، ދައުވާ ލިބޭ މީހާ އެ ކުއްޖާގެ ކިބައިން އެދުނު ޖިންސީ ބައެއް ކަންކަމުގެ ވާހަކަ ޝަރީއަތުގައި ހެކިބަސް ދެމުން ބުނެފައެއް ނުވެ އެވެ. އަދި ޖިންސީ މަންޒަރު ފެންނަ ވީޑިއޯއެއް ދެއްކި ކަމަށް ވެސް ކުއްޖާ ޝަރީއަތުގައި ނުބުނާ ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް، ކުއްޖާ ތަހުގީގަށް ދިން ބަޔާނާއި ސައިކޮލޮޖިސްޓްގެ ހެކި ބަހުގައި އެކަން ފާހަގަ ކޮށްފައިވެ އެވެ.

ޝަރީއަތަށް ހުށަހަޅާފައިވާ ބަޔާންތަކުގައިވާ ގޮތުން، އަނިޔާ ލިބުނު ކުއްޖާއަކީ މަންމައާ އެކުގައި ނޫނީ ބޭރަށް ގޮސް އުޅޭ ކުއްޖެއް ވެސް ނޫނެވެ. އެކަމަކު ހާދިސާ ހިނގި ރޭ އެކަނި ދިޔައީ ކަމަކާ ހިތްހަމަނުޖެހިފައި ހުރުމުން ކަމަށް ކުއްޖާ ބުނެފައިވެ އެވެ.

"ކުއްޖާ ހާދިސާ ކިޔައިދީފައިވާ ކިޔައިދިނުމުގައި ފުށުއެރުންތަކެއް ހުރިކަމާއި އެކި މީހުންނަށް ކިޔައިދީފައިވާ ކިޔައިދިނުމުގައި ބޭރު ފުށުން ބޮޑެތި ތަފާތުތަކެއް ހުރި ކަމަށް އަހަރެންނަށް ބުރަވެވެ އެވެ." ހުކުމްގައި މެޖިސްޓްރޭޓް ލިޔުއްވާފައިވެ އެވެ.

އެހެންވެ ކުއްޖާގެ ބަހަކީ މި މައްސަލާގައި ވަރުގަދަ ހެއްކެއްގެ ގޮތުގައި ބެލެން ނެތްކަން ގާޒީ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެއީ ކުއްޖާގެ ވާހަކަތަކާއި ހެކިބަސްތަކުގައި ހުރީ ބޮޑެތި ފުށުއެރުންތަކެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ހުކުމްގައިވެ އެވެ.

ކުއްޖާގެ އަހުލާގާއި އުޅުން ހުންނަ ގޮތް ބެލުމަށް އެސެސްމެންޓެއް ހަދާފައިވާއިރު، އޭގައި އޮތީ ކުއްޖާއަކީ އުޅުމާއި އަހްލާގުގައި މައްސަލަތަކެއް ހުރި ކުއްޖެއްކަން އެނގެން ނެތް ކަމަށެވެ. އެހެންވެ، ގާޒީ ދެން ބެއްލެވީ ތުހުމަތުވާ މީހާއާ ގުޅޭ ގޮތުން ކުއްޖާ އެ ވާހަކަތައް ދެއްކީ ނުނިޔަތެއް އޮވެގެންތޯ އެވެ.

ހުކުމްގައި ބުނީ ކުއްޖާ ނުބައި ނިޔަތެއްގައި ވަކި ކަމެއް ހާސިލް ކުރަން ދައުވާ ލިބޭ މީހާއޭ ކިޔައިގެން ވާހަކައެއް ދައްކަފާނެ ކަމަށް ތުހުމަތުވާ މީހާ ބުނެފައިނުވާ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގާފާނެ ކަމަށް ގަބޫލު ކުރެވޭ ކަހަލަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ޝަރީއަތަށް ނުބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް، ކުއްޖާގެ ނުރަނގަޅު ނިޔަތެއް އޮތްކަން ސާބިތު ނުވުމަކީ ކުއްޖާގެ ވާހަކަ އާދަޔާ ހިލާފަށް ތެދު ކަމަށް ގަބޫލު ކުރެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމްގައި ބުންޏެވެ. އެކަން ސާބިތުކޮށްދޭން ގާޒީ ވަނީ ދިފާއުގައި ފާހަގަކޮށްފައިނުވާ ކަންތައްތަކާ ގުޅޭ ގޮތުން ކުއްޖާއާ މެދު ސުވާލުތަކެއް އުފައްދާފަ އެވެ.

ގާޒީ އުފެއްދެވި ސުވާލުތައް:

● ހިދުމަތް ހޯދަން ދިއުމުން ކުއްޖާގެ ޖީންސުގެ ތެރެއަށް އަތްލައިގެން ... ތުހުމަތު ކުރެވޭ މީހާގެ ޖިންސު ބޭލުމަށް ފަހު، .... .... ކުއްޖާ އެ ތަނުގައި މަޑުކުރީ ކީއްވެ ހެއްޔެވެ؟

● ކުއްޖާގެ ޖީންސުގެ ތެރެއަށް ތުހުމަތު ކުރެވޭ މީހާ އަތްލައިގެން ކުއްޖާގެ .... އަތްލައި ނުވަތަ ނުވަތަ ފިތާލެވުނީ ކުއްޖާ ލައިގެން ހުރި ޖީންސު ދޫކަމުން އެދޭތެރެއަށް އަތްވަދެވޭ ވަރުގެ ޖާގަ އޮތީމާ ހެއްޔެވެ؟

● ގަދަކަމުން ކުއްޖާ އޮބާބަހައްޓައިގެން ޖީންސުގެ ތެރެއަށް އަތްލައިގެން .... އަތްލީ ހެއްޔެވެ؟

މެޖިސްޓްރޭޓް ވިދާޅުވީ އެއީ ކުއްޖާގެ ބަހުން ސާފު ނުވާ ކަންކަން ކަމަށާއި އާންމު އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ވެސް ކުޑަކުއްޖަކު ނުރުހޭ އަމަލެއް ކޮށްފި ނަމަ ނުރުހުން ފާޅުކުރާނެ ކަމަށެވެ. އަދި ނުރުހުން ފާޅުކުރުމުގެ ގޮތުން ހަޅޭއްލަވައި އެތަނަކުން ދާނެ ކަމަށާއި ބަލަން ބޭނުން ނުވާ ތަނެއް ދައްކައިފި ނަމަ ނުވެސް ބަލާނެ ކަމަށެވެ.

"އާންމު ގޮތެއްގައި ކުދިން ޖީންސު ލާނީ އުނަގަނޑަށް ހެޔޮވަރު ނުވަތަ ހެޔޮވަރު ނޫން ނަމަ ބެލްޓް ފަދަ އެއްޗެއް އަޅައިގެން ވިއަސް އުނަގަނޑަށް ބާރުވާ ގޮތަށް ހެޔޮވަރު ކޮށްގެންނެވެ. ހަމަ ހުރެފައި މީހަކަށް އެހާ ފަސޭހަކަމާ އެކު މި އުމުރުގެ ކުއްޖަކު އެއްވެސް ރިއެކްޓެއް ނުކޮށް ހުއްޓައި ޖީންސުގެ ތެރެއަށް އަތްލައިގެން --- އަތްލައި ފިތާ ހެދިދާނެ ކަމަށް އާންމު މީހަކު ވެސް ގަބޫލެއް ނުކުރާނެ އެވެ،" ހުކުމްގައިވެ އެވެ.

"އެހެންކަމުން ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގުނު ގޮތް ކަމަށް ބުނެ ކިޔައިދިން ގޮތަކީ ހަމަޖެހޭ ގޮތް ކަމަށް ބެލެވޭކަށް ނެތެވެ."

ފޮޓޯ ޕްރިންޓް ކުރާ ތަނަށް ކުއްޖާ ގެންދިއުމަށާއި އެ ކުއްޖާއާ ރައްޓެހިކަން ބޭއްވުމަށް ތުހުމަތުވާ މީހާ ކުއްޖާއަށް ކޮށްފައިވާ މެސެޖްތަކެއް ވެސް ދައުލަތުން ހެކީގެ ގޮތުގައި ޝަރީއަތަށް ހުށަހެޅި އެވެ. އެއީ އެ ކުއްޖާ އެ ތަނަށް ގެންގޮސް ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތް އެ މީހާގެ އޮތްކަން ސާބިތުކޮށްދޭށެވެ. ކުއްޖާގެ ފޯނު އެނަލައިޒްކޮށް ފުލުހުން ހެދި ރިޕޯޓްގައި ބުނެފައިވަނީ ތުހުމަތުވާ މީހާ ކުއްޖާއާ މުއާމަލާތްތައް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އަންހެން މެޖިސްޓްރޭޓްގެ ހުކުމްގައި ބުނީ ފޯނުން ފެނުނު މުއާލަމާތްތަކުގައި ބަދުއަހްލާގީ ވާހަކަތަކެއް ދައްކާފައިވާ ކަމަށް ޑިޖިޓަލް އެވިޑެންސް އެނަލައިސް ރިޕޯޓް ތައްޔާރުކުރި ފަރާތުން ބުނި ނަމަވެސް އެ މެސެޖްގައި ވާހަކަ ދައްކާފައިވަނީ ތުހުމަތުވާ މީހާކަން ޔަގީން ނުވާ ކަމަށެވެ. ވާހަކަ ދައްކާފައިވަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް މެދުވެރިކޮށް ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް މީހުންގެ ނަމުގައި ވާހަކަ ދައްކަން ފުރުސަތު އޮންނަ ޕްލެޓްފޯމެއް ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް، އެ ކުއްޖާ ވަނީ ވާހަކަ ދެއްކީ ތުހުމަތު ކުރާ މީހާއާ ކަމަށް ބުނެފަ އެވެ. އެ ބުނުމުގެ މައްޗަށް ބެލޭނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.

އެހެންވެ، މި މައްސަލައަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ މައްސަލައެއް ނޫން ކަމަށް މެޖިސްޓްރޭޓް ވަނީ ކަނޑައަޅުއްވައިފަ އެވެ.

މި ނިންމުމުގައި އަނިޔާ ލިބުނު ކަމަށް ތުހުމަތުވާ ކުއްޖާއާ މެދު ގާޒީ އުފައްދަވާފައިވާ ސުވާލުތަކާ ގުޅިގެން ގާޒީގެ ސުލޫކީ މައްސަލައެއް މިހާރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ހުށަހަޅައިފަ އެވެ. މި އަހަރު ޖުލައި މަހު ނިންމި މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީން މިހާތަނަށް ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ.

61 ކޮމެންޓް, 74 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 3%
icon angry icon angry 97%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1818

22 October 2024

އެ މެޖިސްޓްރޭޓަށް އަދި ރަށުގެ ރައްޔިތުންނަށް ތި ކުއްޖާ ވަރަށް ރަގަޅަށް އިގޭ! ބިހޭވިއަލް މައްސަލަތަކެއް ހުންނާތީ އެ ގޮތަށް މި ހުކުމް އަންނަން ޖެހުނީ!

The name is already taken The name is available. Register?

ވޯލް

22 October 2024

ކުޑަ ކުދިން ފޯން ގެންގުޅޭތަ؟ ކުޑަކުދިން ކުޑަކުދިންގެ ގޮތުގައި ގެންގުޅެ ބޮޑުކުރަންވާނީ. މީގައި ބެލެނިވެރިޔާގެ އިއުމާލު ހުރިކަން ފާހަގަ ކުރެވޭ. ރާއްޖޭގައި އެބަޖަހޭ ކުޑަކުދިންނަށް ފޯނު ދިނުން މަނާ ކުރަން ޤަނޫނެއް ނަމަވެސް ހަދަން.

The name is already taken The name is available. Register?

އުއްތަމަ އުސްތާޛް

22 October 2024

ޝަރިއަތަކީ ބޭރުފުށަށް ކުރާ އެއްޗެއް

The name is already taken The name is available. Register?

ސޭލް

22 October 2024

އަންހެން ފިރިހެން ކިޔާނެ ކަމެއް ނެތް، ގިނަ ފަނޑުޔާރުންނަކީ ގަނެވޭ ބައެއް

The name is already taken The name is available. Register?

އަބްޑޫޅް +

21 October 2024

ޕޯޝްޓަރުގަ އިގިރޭސިބަހުން ލިޔެފަ އޮތީ ކާކަށް އަންގަންތަ؟ ކަލޭމެންނަކީ އިގިރޭސީންނޭ ހީވަނީތަ؟

The name is already taken The name is available. Register?

ކުޑަމޫސަބޭ

21 October 2024

"ބެހެންދެން ހުރީ ކީއްވެތޯ" ފަނޑިޔާރަށް ސުވާލެއް ނުކުރެވޭނެ. ތިޔަ ފަނޑިޔާރު ތިޔަ ހުކުމް ކިރީ ކުށްކުރި މީހާ ކުށުން ބަރީއަކުރަން ވެގެންތަ. ކުރަންޖެހޭވެސް ކުރެވޭނެވެސް ސުބާލެއްނޫން. މިހެންވެގެން މިބުނަނީ ފަނޑިޔާރުން ނުބައިކޮށް ހުކުމް ކުރީމާ ފަނޑިޔާރަށްވެސް އަދަބު ދެވެން ޖެހޭނޭ. ފަނޑިޔާރު ވަކިކުރޭ.

The name is already taken The name is available. Register?

ޛުހުދާ

21 October 2024

ގާޒީ ކަލޭގެ ތިހިރީ ގަނެލާފަ. ޢެހެން ނޫންނަމަ ޢާއްމު އުސޫލަކީ ކުދިން ލާނީ އުނަގަނޑަށް ހެޔޮވަރު ޖިންސޭ އަތެއް ނުކޮށްޕޭނެއޭ ކިޔާ ދިފާއީ ވަކީލެއްގެ ރޯލެއް ނުކުޅޭނެ. ޖުޑިޝަލް ކޮމިޝަނުން ދެން ބަލާ ހުކުމް ވިއްކާލި އަގު. މީހެއްގެ ޅަދަރިއެއް ސުންނާފަތި ކޮށްލަނީ ތިޔަ ގާޒީ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

21 October 2024

ބުނާބުނުމަކައް ހުކުން ކުރެވޭތޯ

The name is already taken The name is available. Register?

ވޯލް

22 October 2024

ބުނާ ބުނުން އެކަނިއެއް ނޫން. އެތަން ބަންދު ގަޑިއެއްގައި ކުޑަ ކުއްޖެ ބެލެނިވެރިޔަކު ނުލަ އެތަނަށް ވެއްދުމަކީ ނުބާ ބިޔަތެއް އޮތްކަމެއްގެ ގޮތިގައި ބެލުމުގެ ދުރުސަތު އެބައޮތް. މިފަދަ ކަންކަން ހިންގާ އިރި ގިނަފަހަރަށް ކާރީގައި އިތުރު މީހަކު ނުހުންނާނެ.

The name is already taken The name is available. Register?

ކުޑަކުއްޖާ

21 October 2024

ބަލަ އަހަރެމެން ވެސް ކުޑަވެގެންނޭ ބޮޑުވީ. ކުޑަ ބޮޑު ކިޔާނެ ކަމެއްނެތް އެކި މީހުން މިކަހަލަ ކަންކަމަށް ރިއެކްޓް ކުރާނީ އެކިގޮތަށް. އެކި މީހުން ތަފާތުވާނެ. ގާޒީއަށް ހަމަ ނޭނގޭތަ ބައެއް މީހުން ފްރީޒްވެސް ވާކަން. ހޭލުންތެރިކަން ކުޑަވުމުން ނުވަތަ ބިރުން ނުވަތަ ނުވިސްނޭތީ ވެސް އެފަދަ ހާލަތެއްގައި ސަލާމަތްވާން ކުރަންވީ ކަމެއް ނޭނގިދާނެ.

The name is already taken The name is available. Register?

ބަސްމާ

22 October 2024

ފްރޯޒްވާ ކަގަލަ ބިހެވިއާއެއް ހުރި ހެން ހިޔެއް ނުވޭ. މަންމަދެކެ ރުޅިއައިސްފަ ހުރީމަ އެކަނި ބޭރަށް ދިޔައީ. މިހުންނަނީ އުފެދޭ ސުވާލު. 16 އަހަރުގެ ކުއްޖެއް. މިފަދަ ކަންކަމުގެ ހޭލުންތެެިކަން ހުންނާނީ ކަމަށްބެލެވެނީ އެހެނީ އަމިއްލަ ފޯނެއްބެސް ދީފަ ވިއްޔަ.

The name is already taken The name is available. Register?

ފާފީ

21 October 2024

ރާއްޖޭގެ ރަށަކުން 25 ވަރަކަށް ކުދިންނާ އެކި ފަހަރު މަތިން 20 އަހަރުތެރޭ ބެހުނު ސްކޫލު ޓީޗަރަކު އަަދިވެސް މައްސަލަ ސާބިތުނުވޭ. ކޮންމެ ފަހަރަކު ސާބިތުނުވާ ކަމަށް ކޮންމެވެސް އެއް ކޯޓަކުން ނިންމާ އޭނާ ދޫކޮށްލާ. ދެން މިވަރަށް ބެހުނު ކަމަށް އެކި ކުދިން ބުނާނީ ހަމަ ބެހުނީމަކަން ގާޒީންނަށް ނޭނގެނީތަ. ފަހަރަކު ކުއްޖަކާ ބެހެނީ، ފަޅާ އެރީމަ އަނެއްކާ އެހެން ކުއްްޖެއް ހޯދަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454