އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ބަދަލުކޮށް، އެކަޑަމިކް ކަލަންޑަރު ނެރެފި އެވެ.
ބޮޑު ޗުއްޓީ ޖޫން/ޖުލައި އަށް 2021 ގައި ބަދަލުކުރި ނަމަވެސް އެ ދުވަސްވަރު ދިމާވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރާ ކަމަށާއި އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާ ކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން ގިނަ ބަޔަކު އެދުނު އެއް ކަމަކީ ވެސް ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދިނުމަށެވެ. އެހެންވެ، ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލު ކުރުމަކީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ.
މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ޓެންޓެޓިވް (ވަގުތީ) އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ވަނީ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އެވެ. ނަމަވެސް ޓީޗަރުން އޭޕްރީލް 3 ވަނަ ދުވަހު ސްކޫލަށް ނިކުންނަން ޖެހޭނެ ކަމަށް އެ ކަލަންޑަރުގައިވެ އެވެ.
އެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ލިބެނީ ޖުލައި 28 އިން އޮގަސްޓު 7 ވަނަ ދުވަހާ ހަމައަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 10 ވަނަ ދުވަހު އެވެ. ނަމަވެސް ދެވަނަ ޓާމުގެ މެދު ތެރެއިން ސެޕްޓެމްބަރު 21 އިން 25 ޗުއްޓީއެއް ލިބޭނެ އެވެ.
އެ ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އަދި ރިޕޯޓް ކާޑު ދޫކޮށް، ރަސްމީކޮށް ޗުއްޓީ ފެށޭނީ ޑިސެމްބަރު 28 ވަނަ ދުވަހު ކަމަށް އެ ކަލަންޑަރުގައިވެ އެވެ. އަދި ޖެނުއަރީ 22 އާ ހަމައަށް ޗުއްޓީ ދިނުމަށްފަހު 2026 ވަނަ އަހަރުގެ ކިޔެވުން ފަށަން މިނިސްޓްރީން ނިންމާފައިވަނީ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.
ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ހަ މަސް ދުވަހަށް ދަންމާލައި، ދިރާސީ އަހަރު އޮގަސްޓް މަހު ފަށާ ގޮތަށް 2021 ވަނަ އަހަރު ބަދަލުކުރި އެވެ.
އޭގެފަހުން ވޭތުވެދިޔަ ތިން އަހަރު ވެސް ދިރާސީ އަހަރު ފެށީ އޮގަސްޓް މަހު އެވެ.
ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވާއިރު، ދިރާސީ އަހަރު ބަދަލު ނުކުރެވޭ ގޮތަށް ހެދުމަށް ތައުލީމާބެހޭ ގާނޫނަށް ބަދަލުތަކެއް ގެންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.