ސްކޫލްތަކުގެ ކުދިން ބޭނުން ކުރުމަށްޓަކައި ސަރުކާރުން ސްކޫލުތަކަށް 71،000 ޓެބްލެޓް ހޯދުމަށް ފަހު، އެ މަސައްކަތުގެ އަގުގެ ތެރެއިން 23.6 މިލިއަން ރުފިޔާ ނުދީ ހިފަހައްޓާފައިވާތީ އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކޮށްފި އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލައިޒް ކުރުމަށް 2017 ވަނަ އަހަރު އޭރުގެ ސަރުކާރުން ފެށި މަޝްރޫއުގައި ޓެބްލެޓް ހޯދަން ހަވާލުކުރީ މެކްސްކޮމް ޓެކްނޮލޮޖީސްއާ އެވެ. އެ މަސައްކަތް ހަވާލުކުރީ 151 މިލިއަން ރުފިޔާއަށް ކަމަށް ވީ ނަމަވެސް މަސައްކަތް ނިންމަންޖެހޭ މުއްދަތަށް ވުރެ ލަސްކުރި ކަމަށް ބުނެ ޕެނަލްޓީއެއްގެ ގޮތުގައި 23 މިލިއަން ރުފިޔާ ދައުލަތުން އެ ކުންފުންޏަށް ނުދީ އޮތީ ހިފަހައްޓައިފަ އެވެ. އެހެންވެ، މެކްސްކޮމްއިން ދައުވާކުރީ އެ ފައިސާ ހޯދުމަށެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ އެ މަސައްކަތް ނިންމަންޖެހޭ މުއްދަތަށް ސަރުކާރުން އެކި ފަހަރު މަތިން ލުއިދީފައިވާ ކަމަށެވެ. މަސައްކަތް ނިންމަންޖެހޭ މުއްދަތު ޖޫން، 2018 އާ ހަމައަށް އިތުރުކުރި ފަހުން އެ މަސައްކަތް ލަސްވެގެން ސަރުކާރުން ޝަކުވާ ކޮށްފައި ނުވާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން އެ އެއްބަސްވުމާ އެއްގޮތަށް މެކްސްކޮމް އިން މަސައްކަތް ނިންމާފައިވެ އެވެ. އެހެންވެ، އަދި އެ ފައިސާ ނުދީ ހިފެހެއްޓުމަކީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެންވެ، އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން 23.6 މިލިއަން ރުފިޔާ ކޯޓަށް ދެއްކުމަށް އެ ހުކުމުގައި އަންގާފައިވެ އެވެ.