ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބަހުސްކުރާ ގަޑި މަދުކޮށް، އެމްޑީޕީ އަށް 14 މިނެޓް ލިބޭގޮތަށް ހަމަޖެއްސީ އިދިކޮޅު ފަރާތްތަކުގެ އަޑުކަނޑުވާލަން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ބިލްތަކަށް ކުރިން ބަހުސްކުރަނީ ތިން ގަޑިއިރަށެވެ. އެކަމަކު ރިޔާސަތުން މިއަދު އިއުލާންކުރި ގޮތުގައި، ރޯދަ މަސްވުމުން ބަހުސްކުރާ ގަޑި ވަނީ އެއް ގަޑިއިރަށް މަދުކޮށްފަ އެވެ. މި ބަދަލާ އެކު ޕާޓީތަކަށް ބަހުސްކުރަން ލިބޭ ވަގުތު ވަނީ ކުރުވެފަ އެވެ.
މަޖިލީހުގައި ބަހުސްކުރަން ޕާޓީތަކަށް ވަގުތު ކަނޑައަޅަނީ އެ ޕާޓީގައި މެމްބަރުން ތިބި އަދަދަށް ބަލައިގެންނެވެ.
މަޖިލިސް އިދާރާ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، އެ ނިންމުމަށް ފާޑުވިދާޅުވަމުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވީ އެ ބަދަލާ އެކު ބިލްތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު އެ ޕާޓީ އަށް ގެއްލިގެންދާ ކަމަށެވެ. މިއަދު ކުރިއަށް ގެންދިޔަ ވަރަށް މުހިއްމު ބިލަކަށް ވެސް ވާހަކަ ދެއްކުނީ އެ ޕާޓީގެ ތިން މެމްބަރުންނަށް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އެމްޑީޕީ އަށް މި ލިބެނީ 14 މިނެޓް. އާއްމު ކޮމެޓީގެ ބަދަލާ އެކު އަދާލަތު ޕާޓީ އަށް ލިބޭ ވަގުތު ދެ މިނެޓަށް ކުޑަވެގެން މިދިޔައީ. މިއީ އަޅުގަނޑުމެންގެ ބުއްދި އަށް ގަބޫލުކުރެވޭ ގޮތުން މަޖިލީހުގައި ބަހުސްކުރަން އެކަށީގެންވާ ވަގުތެއް ނޫން. --އިންތި
"މިހާރު އަޅުގަނޑުމެންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިފައި މިއޮތީ މަޖިލިސް ތެރެއިން އެކަނި، މުޒާހަރާއެއް ނުކުރެވޭ. ޖަލްސާތައް ބާއްވާނެ ތަނެއް ނުދޭ. މިހާލަތުގައި އޮއްވާ މަޖިލިސް ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވަން އޮތް ފުރުސަތު ވެސް ހަނިކުރެވިގެން މިދަނީ،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަހުސްކުރުމުގެ ވަގުތު ކުރު ކުރުމަކީ ހަމައެކަނި ރޯދަ މަހަށް ގެނައި ބަދަލެއް ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ. ރޯދަ މަސް ނިމުމުން ވެސް އެގޮތަށް ބާއްވާނެ ކަމުގެ ބިރު އޮތްއިރު ރޯދަ މަހު ވެސް މެމްބަރުންގެ ޒިންމާތައް ކުޑަވެގެން ނުދާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ވެރިކަން ކުރާ ޕީޕީއެމުން ބޭނުން ވަނީ ސަރުކާރުން ކުރާ ނޭއްގާނީ ކަންކަމުގެ ވާހަކަ މަޖިލީހުގެ ތެރޭގައި ދެއްކިޔަ ނުދިނުން ކަމަށެވެ. އެއީ ސަރުކާރުގެ "ހީލަތްތެރި ރޭވުމެއް" ކަމަށް އިންތި ތުހުމަތުކުރެއްވި އެވެ.
"އަޅުގަނޑުމެން އެމްޑީޕީ އަށް މި ލިބެނީ 14 މިނެޓް. އާއްމު ކޮމެޓީގެ ބަދަލާ އެކު އަދާލަތު ޕާޓީ އަށް ލިބޭ ވަގުތު ދެ މިނެޓަށް ކުޑަވެގެން މިދިޔައީ. މިއީ އަޅުގަނޑުމެންގެ ބުއްދި އަށް ގަބޫލުކުރެވޭ ގޮތުން މަޖިލީހުގައި ބަހުސްކުރަން އެކަށީގެންވާ ވަގުތެއް ނޫން،" އިންތި ވިދާޅުވި އެވެ.
މި މައްސަލާގައި މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވުމުގެ އިތުރުން އައިޕީޔޫ އާއި ސީޕީޔޫގައި ވެސް ކަންބޮޑވުންފާޅުކުރާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.