އަބުރާ ބެހުން މަނާކުރުމުގެ އުސޫލްތައް ކަނޑައަޅާ ބިލަކީ "ވައްކަން ކުރުމުގެ އުސޫލްތައް ކަނޑައަޅާ ބިލެއް"ގެ ގޮތުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ސިފަކުރައްވައިފި އެވެ.

އިންތި ވަނީ އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު އަލުން ހުށަހެޅުއްވި ބިލް ވަރަށް އަވަހަށް ފާސްކުރަން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާތީ އެކަމަށް ފާޑު ވެސް ވިދާޅުވެފަ އެވެ.

އިންތިގެ ފާޑުވިދާޅުވުމަށް ތާއީދުކުރައްވައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވީ ބިލުގެ ބޭނުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރާ ވައްކަންތަކުގެ ވާހަކަ ދައްކާ މީހުންނަށް އަދަބުދީ، ވައްކަންތައް ފޮރުވުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނެއް ހަދައި މަޖުބޫރުކޮށްގެން އަބުރު ރައްކާތެރިކޮށެއް ނުދެވޭނެ އެވެ. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ބިލެއް އެކުލަވާލާފައި ވަނީ ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ނެތިކޮށްލަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިލުގެ ބޭމުނަކީ އެއީ، ރައީސް ޔާމީންގެ ވައްކަންތައް ފޮރުވުން. މަގުމައްޗަށް ނިކުމެއްޖިއްޔާ ފުލުހުން ފޮނުވައިގެން ބިރުދައްކަނީ. މިހާރު ދެން އަނގައިން ބުނާ މީހާ ވެސް ހައްޔަރުކޮށް އަދަބު ދޭން މިއުޅެނީ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ޖަރީމާތައް ފޮރުވަން ހާއްސަކޮށްފައިވާ މި ބިލަކީ "ނުރައްކާތެރި" ބިލެކެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބިލަށް ތާއީދުނުކުރަން ނިންމި ނިންމުން ބަދަލު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުށަހެޅުއްވި ބިލަށް އަމާޒުކުރި ފާޑުކިއުންތަކާ ގުޅިގެން އެ ބިލް އަނބުރާ ގެންގޮސް، ޖައުފަރު ހުށަހެޅުއްވި ބިލްގައި ވެސް ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމަށް ހުރަސްއަޅައި އެތައް ކަމެއް ހިމަނާފައިވެ އެވެ.

އަބުރާ ބެހުން ބިލްގައި މާނަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދައްކާ ވާހަކައެއް، ނުވަތަ ބުނާ ބަސްތަކެއް، ލިޔާ ލިޔުމެއް، ދައްކާ ކުރެހުމެއް، ތަސްވީރެއް، ކުރާ އިޝާރާތެއް، ކުރާ ހަރަކާތެއް ހިމެނެ އެވެ. މިއީ ނިހާން ކުރިން ހުށަހެޅުއްވި ބިލުން ވެސް އުނިކުރަން މީޑިއާ ކައުންސިލުން ވެސް އެދިފައިވާ ބައިތަކެކެވެ.

އަބުރުގެ އާ ބިލްގައިވާ ގޮތުން ނަމަ އަބުރާ ބެހިއްޖެ މީހެއްގެ އަދަބަކީ 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ތިން މަހާއި ހަމަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާއިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.