ސިއްހީ މާހިރުންގެ ބަސް ހިމަނައިގެން އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ބިލް އިތުރަށް އިސްލާހްކުރަން އޭޑީކޭގެ ޑޮކްޓަރު އަލީ ނިޔާފް ފާޅުކުރެއްވި ހިޔާލަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އާއި އިމްތިޔާޒް ފަހުމީ، ރޭ ފާޑުވިދާޅުވެއްޖެ އެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ޑރ. އަލީ ނިޔާފް ވިދާޅުވީ ސިއްހީ މާހިރުންގެ ބަހެއް ނޯންނާނެ ފަދަ ނުކުތާތަކެއް ބިލުގައި އެބަހުރި ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އޭނާ ދެކެވަޑައިގަތް ގޮތުގައި ސިއްހީ މާހިރުންނަށް ބާރު ނުފޯރުވޭ ފަދަ ގޮތަކަށް ބިލް ފާސްވުމަކީ ގޯހެކެވެ.
ޑރ. ނިޔާފް ވިދާޅުވަނީ މިސްކިތްތައް ހުއްޓުވޭ ފަދަ ހާލަތަކަށް ގައުމު ގޮސް އެކަން މަޖިލީހުން ނިންމާ ނަމަ، އެފަދަ ހާލަތެއްގައި މަޖިލިސް ވެސް ނުހުއްޓުވޭންވީ ސަބަބެއް ނެތް ކަމަށެވެ. ދެން އޭނާ ވިދާޅުވީ މުޅު ދުނިޔޭގައި ފެތުރެމުންދާ ޕެންޑަމިކާ މެދު ގޮތް ނިންމާއިރު އެކަމަށް ސިއްހީ ތަޖުރިބާކާރުންނަށް ގޮތް ނުކިޔޭ ގޮތަށް ބިލް ފަރުމާކޮށްފައި އޮތް އޮތުން ބަދަލުކޮށްދެއްވަން އޭނާ އެދިވަޑައިގަތެވެ.
ޑރ. ނިޔާފްގެ ވާހަކައަށް ތާއީދުކުރައްވަމުން ރޮޒައިނާ ވިދާޅުވީ ބިލް އިސްލާހުކުރާއިރު، ނިޔާފްގެ ކަންބޮޑުވުންތަކަށް ކޮމިޓީން ރިއާޔަތްކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މަޖިލީހުގައި 65 މެމްބަރުންނާ އެކު ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް، ރޮޒައިނާ އެގޮތަށް ހިޔާލު ފާޅުކުރެއްވުމުން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާޒިމް ހިތްހަމަޖެހިވަޑައެއް ނުގަތެވެ.
ރޮޒެއިނާ އަށް ރައްދުގައި ފޮނުވާލި ހަމަލާއެއްގައި އާޒިމް ވިދާޅުވީ މައްސަލަތަކާ މެދު އެމްޑީޕީގެ ޗީފް ވިޕް ދެކެވަޑައިގަންނަވާ ގޮތާ މެދު ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ހިޔާލުފާޅުކޮށް ބަހުސްކުރެއްވޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެކަންކަން ދޫކޮށްލައްވާނީ ސޯޝަލް މީޑިއާ އަށް ނޫން ކަމަށް ވިދާޅުވި އެވެ.
އާޒިމް ތުހުމަތުކުރެއްވި ގޮތުގައި ރޮޒައިނާ އެގޮތަށް ޓުވީޓް ކުރެއްވީ މަގްބޫލްކަން ހޯއްދަވާށެވެ.
އެއާއެކު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެކެވުނު ވާހަކަތައް ރޮޒައިނާއަށް އެނގިވަޑައިގެންނެވި ނަމަ ހުރިހާ ޖަވާބެއް ލިބިވަޑައިގަތީސް ކަމަށެވެ. އެހެންކަމުން އޭނާ އެދިވަޑައިގަތީ، ވަގުތު އޮތް ނަމަ އެ ވީޑިއޯ ބައްލަވާ ލެއްވުމަށެވެ.
އާޒިމް އާއި އިންތިގެ ރައްދާ ގުޅިގެން ރޮޒައިނާ އަނެއްކާވެސް ޓްވީޓެއް ކުރެއްވި އެވެ. ދަންވަރު 1249 ގައި ކުރެއްވި އެ ޓްވީޓްގައި އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް މީހަކު ފާޑުކިޔާ ކޮންމެ ފަހަރަކު އެކަން ބަލައިނުގަނެ، އަދި އަޑުނޭހުން ދޫކޮށްލަން ޖެހޭ ކަމަށެވެ.
އިންތި އެއަށް ރައްދުދެއްވީ، ރައްޔިތުންގެ މަޖިލިހަށް ރޮޒައިނާ ވަޑައިގަންނަވާ ގަޑިއަށް ނުސީދާކޮށް ފާޑުވިދާޅުވަމުންނެވެ.
"އަހަރެން މިހާރު މި އުޅެނީ ނިދަންވެގެންނެވެ. [ރޮޒައިނާ] އާންމުކޮށް މަޖިލިހަށް އަންނަ ގަޑި ކަމަށްވާ 11:30 ގައި އަންނަން، ނުނިދާ މަޑުކުރެވިދާނެ އެވެ،" އިނގިރޭސިން އިންތި ލިއުއްވި ޓްވީޓްގައި ވިދާޅުވި އެވެ.
"މިހާރު ޒާތީ ވާން ފެށީ އެވެ،" އިނގިރޭސިން، ކުރެއްވި ޓްވީޓްގައި ރޮޒައިޒާ، އިންތިއަށް ރައްދު ދެއްވި އެވެ.
މަޖިލީހަށް ހުށަހަޅާ ބިލްތަކާއި ކޮމިޓީތަކުން ނިންމާ ކަންކަމުގެ ތެރެއިން ހިޔާލުތަފާތުވާ މައްސަލަތަކުގައި ރޮޒައިނާ ގެންދަވަނީ ސޯޝަލް މީޑިއާގައި ފާޑުވިދާޅުވަމުންނެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންގެ ހިތްހަމަނުޖެހުން ކުރިން ވެސް އޮތް މައްސަލައެކެވެ.
އެންމެ ފަހުން، ހިތްހަމަޖެހިވަޑައިނުގެން ރޮޒައިނާ ޓުވީޓް ކުރެއްވީ އިމިގްރޭޝަންގެ ގާނޫނަށް ގެންނަ އިސްލާހުތަކާ މެދު އަލުން ވިސްނާވަޑައިގަތުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތް މައްސަލައިގަ އެވެ. ރާއްޖޭގައި 10 އަހަރަށް ކުއްޔަށް ތަނެއް ހިފާ މީހުންނަށް ރެސިޑެންސް ވިސާ ދިނުމަށް ނަޝީދުގެ ވިސްނުންފުޅާ ރޮޒައިނާ ދެކޮޅެވެ.