ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު ބާތިލްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޕާސްޕޯޓު ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފާ މަޝްވަރާކޮށް، އޭނާގެ ލަފާގެ މަތިން ކަމަށެވެ.
އެ މައްސަލައިގައި، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ހައްގު ނޫން ގޯތި ލިބުނު އޭނާގެ ބޭބެ، އެމްޑަބްލިއުސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.
ނަމަވެސް، ޕާސްޕޯޓު ދޫކޮށްލި މީހުންގެ ތެރޭގައި ފަޒުލް އާއި ފަޒީލް ނުހިމެނޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ މީހުންގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރުގައި ބިންވެރިޔާ ސްކީމްގެ 50 ގޯއްޗެއް ވިއްކި ކަމުގެ ތުހުމަތު ކޮށްފައިވެ އެވެ.
ގޯތި މައްސަލަ ފެންމަތިވި ފަހުން، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެކި މައްސަލަތަކާ އެކު އެޗްޑީސީން 15 މީހަކު މިދިޔަ ހަފުތާގައި ވަކިކުރި އެވެ. އެކަމަކު، އޭގެ ދެ ތިން ދުވަސް ފަހުން އެ އެންމެންނަށް ވަޒީފާ ދިނުމަށް ފަހު ވަނީ ސަސްޕެންޑުކޮށްފަ އެވެ.