04 ޖެނުއަރީ 2025 - 00:23
މާލެ އަށް އިއްޔެ ކުރި ބޯ ވިއްސާރައިގައި މާފަންނުން މަޖީދީ މަގުގައި ބޮޑުވި ފެންގަނޑާ ހެދި މުދަލަށް އެތައް ގެއްލުމެއް ލިބެން ފެށުމުން، ފެންގަނޑު ހިންދުމަށްޓަކައި ރަސްފަންނާ ދިމާލުން ޕޭވްމަންޓް ކައިރިން ކޯރެއް ކަނޑައިފި އެވެ.
ކޯރު ކަނޑާފައި ވަނީ ސޯޝަލް ސެންޓަރު ކައިރިން ރަސްފަންނު ސަރަހައްދަށް ވަންނަ ދިމާލުންނެވެ. ތިރީހަށް ފޫޓުގެ ކޯރެއް މިހާރު ވަނީ ރަސްފަންނު މޫދާ ހިސާބަށް ކަނޑައިފަ އެވެ. ކޯރު ކެނޑުމުގައި އިސްކޮށް ހަރަކާތްތެރިވީ މާފަންނު ސަހަރާ ކައިރީގައި ކޮސްމެޓިކްސް ފިހާރައެއް ހިންގާ ރިލްވާން ލަތީފާއި އެ ސަރަހައްދުގައި ފިހާރަތައް ހިންގާ ބައެއް މީހުން އިސްވެ އެވެ. އަދި މާފަންނު ސަރަހައްދުން ފެން ހިންދުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ވެސް އެ ކަމަށް ބައެއް ސާމާނު ފޯރުކޮށްދިން ކަމަށް އެ ތަނުގައި އެ ވަގުތު ހުރި މީހަކު ބުންޏެވެ.
އެ ކޯރު ކެނޑީ އެ ސަރަހައްދުގައި ފެންބޮޑުވެ ގެތަކާއި ފިހާރަތަކަށް ފެން ވަދެ އެތައް ގެއްލުމެއް ލިބުނު އިރު ވެސް ފެން ހިންދުން ލަސްވުމުންނެވެ. އެމްއެންޑީއެފުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތް ކުރިޔަސް މާފަންނުކޮޅުގައި އެންމެ ބޮޑަށް ފެންބޮޑުވި ސަރަހައްދުގައި މިރޭ 12 ޖެހުމާ ހަމައަށް ވެސް ފެން ނުހިނދެ އެވެ.
އެހެންވެ، މާލެ އަށް މިއަދު ހަވީރާއި މިރޭ އެންމެ ބޯކޮށް ވާރޭ ވެހުނު ވަގުތު ކޯރު ކަނޑައިގެން ރަސްފަންނާ ދިމާލަށް ފެން ބޭރުކުރީ އެވެ. އޭރު ވެސް ޕަމްޕް ޖަހައިގެން އެމްއެންޑީއެފުން ފެން ބޭރުކުރަމުން ދިޔަ ނަމަވެސް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމުން ފެންގަނޑު ހިންދުން ވަރަށް ބޮޑަށް ލަސްވި އެވެ.
މާލެ އަށް އިއްޔެ ވެހުނު ބޯ ވާރޭގައި އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ މާފަންނުގެ ގެތަކަށާއި މަޖީދީ މަގުގައި ހިންގާ ފިހާރަތަކަށެވެ.
ރިލްވާން ލަތީފު މިރޭ ބުނީ މިދިޔަ ހަފުތާގައި ވެސް ވާރޭވެހި ފިހާރަތެރެއަށް ކޮންމެ ވެސް ވަރަކަށް ފެން ވަން ކަމަށެވެ. އެކަމަކު، މިރެއާ ހަމައަށް މެދުނުކެނޑި ވެހުނު ވާރޭގައި ފިހާރައިގެ އެންމެ އެތެރެއަށް ވެސް ފެން ވަދެ، ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަނުގައި ބަހައްޓާފައި ހުރި ކަބަޑުތަކުން ވެސް ބައެއް އެއްޗެހި އުކާލާފަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
ބޯ ވިއްސާރާގައި މާލޭގެ ފިހާރައަކަށް ވަން ފެންގަނޑު ބޭރުކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
"ގާތްގަނޑަކަށް ގަޑިއިރެއްފަހުން އަނެއްކާ ވާރޭވެހެން ފެށީ. އިރުއޮއްސި ހައެއް ނުޖަހަނީސް ފެން ހިއްކޭތޯ އެކްޓިވްވިން. އެކަމަކު، ވެހިކަލްތައް ދުއްވާ ވަރަކަށް ފިހާރައަށް ވެސް ފެން ވަންނަން ފެށީ،" އޭނާ ބުންޏެވެ.
ރިލްވާން ބުނީ އެ ސަރަހައްދުގެ އެހެން ތަންތަނަށް ވުރެ އުސްކޮށް ހަދާފައިވާ ޖެލީ ރެސްޓޯރެންޓުގެ ބަދިގެއަށް ވެސް ފެން ވަދެ އަދި ޖެހިގެން ހުންނަ ރެއިންބޯގެ ބައިސްކަލް ފިހާރައަށް ވެސް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ލިބުނު ކަމަށެވެ.
ރަސްފަންނާ ދިމާލުން ކޯރެއް ކަނޑާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ރޭގަނޑު 8 ޖެހިއިރު ވެސް ވެލި ބަސްތާއެއް ނާދޭ. އަދި ފެން ހިއްކަން މި ގެންގުޅެނީ ކުދި ކުދި ޕަމްޕު،" ރިލްވާން ބުންޏެވެ.
ރިލްވާނާއި އެހެން ވިޔަފާރިވެރިންގެ އެހީތެރިކަމާ އެކު، ކޯރު ކެނޑުމާއެކު ފެންތައް ބޭރުވެ، އެ ސަރަހައްދަށް ވަރަށް ބޮޑު ލުޔެއް ލިބުނެވެ. އެކަމަކު، މިރޭ ދަންވަރު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކޮށްފައިވާތީ އެ މީހުން ތިބީ ގޮތް ހުސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯދުބ
05 January 2025
ހުއްދަނުނަގާ ތިކޯރު ކެނޑި މީހުން ހޯދާ ސަރީއަތް ހިންގަން ނުޖެހޭނެތަ؟
މަގެއްގެ ނަމެއް
05 January 2025
ކޯރުކެނޑިމަގު!
ވާރޭފެން
04 January 2025
ގައިމު މުއިއްޒު ބުނި ހަނދާން މަ އެބަހުރި " މާލޭގެ މަގުތަކުގައި ދެން ފެނެއްބޮޑެއްނުވާނެއޭ އެއީ މާޒީއޭ". ބަޔަަކު ލައްކަ ބާރަށް އަތް ތެޅި އެހެން ބުނެގެން
އަރާރި
04 January 2025
ކަލޭމެން ކޮންމެ ސަރުކާރަކުން މިލިއަން ޑޮލަރުން ހިންގާ ގެއްލުން ބޮޑު ގޮނގުރެޓު މަސްރޫއުތަކުގެ ގެއްލުންމީ. ދެން ފެނބޮޑުވުން ހައްލުކުރާށޭ ކިޔާފަ މަގަށް ހެސްލިޔާފަ ވެލިއަޅަމުން ކޮންމެ ރަށެއްގެ މަގުތައް އުސްކޮށްފަ ގެތައް އެހާ ތިރި. ދެން ބޮޑު ލާރިގަނޑެއް ބަޔަކަށް ދީފަ ކާނު ހަދަން ކާނުތަކުގަ މި ޖަހަނީ ސާފުކުރަންވެސް މަތި ނުނެގޭ ވަރުގެ ބޮޑެތި ގޮނގުރެޓު ބުލޮކު. ވަށައިގެން މޫދު އޮއްވާ ފެންބޮޑުވުން ހައްލު ކުރަން ބަޔަކަށް ބޮޑު ލާރިގަނޑެއް ދީ ދެން!
ރެސިޑެންޓް އޮފް މާލެ
04 January 2025
ފެން ބޮޑުވުމުގެ އިތުރުން ނަރުދަމާ ޖަންކްޝަން ތަކުން ނަޖިސް އެރި އަދި ގްރައުންޑް ފްލޯގައި ހުރި ފާހާނާ ތަކުން ނަޖިސް އެރި! މިއީވެސް ހައްލު ކުރަން ޖެހޭ ކަންކަން!
ތިމާވެށި
04 January 2025
މިހާރު ގައުމު ހިންގަނީ ޕާޓީ އަކުންނެވެ. އެމީހުން ގެ މަސްލަހަތު ހިމާޔަތް ކޮށްފަ އެހެން ކަމެއް ކުރާ ކަށް ވަގުތެއް ނޯވެ އެވެ.
ދޮން
04 January 2025
ކޮބާތަ މާލޭބިމުން މިލިޔަށް ރުފިޔާ ލިބޭ މާލޭ ސިޓީ ކައުންސިލް ހަރާން ކުރާކަމެއް ، އެހެން ރައްރަށުގެ ކައުނސިލް ތަކުން ނުކުމެ ކޯރު ކަނޑާ ފެން ހިންދަށް އުޅުނީ ، މިވެރިން ތިބީ ސަރުކާރާއި އެމް އެންް ޑީ އެފް އަށް ރައްޔިތުން ބަވަން ފުރުސަތު ދީގެން ، ވެލިބަސްތާ ގެންނަށްދެން ކޮބާތަ ޒިންމާ ،،
ކުދިއަކުރު
04 January 2025
ހަނދާންހުރޭ މާލޭގެ މަގުތަށް ފުރަތަމަ ހުރީ ބީޗް މަގުތައް ވާޓަރުން ވާރޭފެން ފައިބަން ވާޓަރުން އާނގު ކަނޑާފައި. ޙުރިހާފެން ފައިގެންދަނީ މޫދަށް ޑިޕާރޓްމަންޓް އޮފް ގިއަރ 1 އަދި 2 އާ ދިމާހުން އަތިރީ ފަނޑިޔާރުގެ އާދިމާލުން މިހަނދާން ހުންނާނެ. ފަހުން ހެދި އިރު މިކަހަލަ ކަމެއް ނެތީމާ ފެން ނުފޭބި ބްލޮކްވެފައި ހުންނަނީ
މާހިރު
04 January 2025
ގުދުރަތީގޮތުން ފެންހިނދުމަށް އޮންނަ ނިޒާމް ހަލާކުކޮށްލާ ރަށުތެރެއަށްވެހޭ ފެން ރަށުތެރޭގައި ހިފެހެއްޓި، އެފެން ހިނދޭނެގޮތެއް ނުހެދޭހާހިނދަކު ފެން ބޮޑުވުމަކަށް ހައްލެއް ނާންނާނެއެވެ. އެގޮތަށް ބޮޑުވާ ފެނެއް ޕަންޕުޖަހައިގެން ހިއްކޭނީ ކިހިނެއްތޯއެވެ. ދެންވެސް އެކަމަށް ހައްލެއް ބޭނުންވާނަމަ ރަށުތެރޭގައި ހެދޭފެން އަމިއްލަ ޒާތުގައި މޫދަށް ފައިބައިގެންދާގޮތަށް ދާޢިމީ ކޯރުތަކެއް ހަދައިގެންނޫނީ ތިކަމަށް ހައްލެއް ލިބޭނެއެކޭ ބޭބެގެ ހިތެއް ހަމަނުބުނެއެވެ.
ތަރައްޤީ
04 January 2025
ތަރައްޤީޤެ ދަހިވެތިކަމުގައި ރަށުގެ ވަށައިގެން އުސްކޮށް ރާޅު ނާރާހެން ހިއްކައި އުސްކޮށް ތޮށިލައި ހެދީމަ ވާގޮތް. ބޭރު ތޮށި ލާފަ ގުދުރަތުން ލެއްވިހެން ބޭއްވިނަމަ. ކާނުތައްވެސް ސާފުނުކުރާތީ ވާގޮތް. އެތަނަށް އެޅޭ ވެއްޔާ ހިރަފުސް ހަފްތާއަކު އެއްފަހަރު ނަގައި ސާފުކުރާނަމަ މިވަރު ނުވީސް. މަގު ހަދާ މީހުންނަށްވެސް ފެން ބޭރުކޮށް އެތެރެ ނުވާގޮތް ހަދަން ނޭނގޭތީ ވާގޮތް. ދިވެހިން ދިވެހިންގެ ގޮތުގައި. އުދައަރަން ނުރުހޭ، ފެން ހިދެން ބޭނުންވޭ، ތާރު އަޅަން ބޭނުންވޭ
ސާޖިދާ
04 January 2025
މާފަންނު ފަޅުކުރަން ފެނޭ. މިވަރަށް ފެންބޮޑުވާތީ އިންސާނުން ދިރިއުޅެން އެކަށޭނަ ސަރަހައްދެއް ނޫން ކަމަށް ކަނޑައަޅާ މާފަންނުގެ ގެތައް ހުސްކޮށް މީހުން އެހެން ރަށްރަށަށް ބަދަލުކުރުން ކިހިނެތްވާނެ؟