ގެއެއްގައި ސިނގިރޭޓު އުފައްދާ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ވަނީ ވަދެފައި.
31 ޖެނުއަރީ 2025 - 15:47
ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން ބަލައި ފާސްކޮށް 103 ފޮށިގަނޑު އަތުލައިގަތް ކަމަށް ފުލުހުން ބުންޏެވެ.
ގެއެއްގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރެޓް އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ރޭގެ ވަގުތެއްގައި ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެފަ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ ގެއިން ކާޑްބޯޑް ފޮށިގަނޑުގެ ޖުމްލަ 103 ފޮށިގަނޑު އަތުލައިގަނެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ.
ހެލްތު މިނިސްްޓްރީން ވަނީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ނަމަ ހިފަހައްޓަން ކަސްޓަމްސް އަށް ވެސް އަންގައިފަ އެވެ.
ރާއްޖޭގައި ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ ނޮވެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ.
އެ އިސްލާހާ ހަވާލާދީ، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އަދި އެއިން އެއްވެސް ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް ހަފައިގެން ނުވަތަ ބޮއެގެން، ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އަދި ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ދުންފަތް އުފެއްދުން" ކަމަށް އެ ގާނޫނުގައި ބުނެފައި ވަނީ ވައި ނުވަތަ އަވި ނުވަތަ އަލިފާނުގެ ހޫނުން ދުންފަތް ހިއްކުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ދުންފަތް އުފެއްދުމުގައި ބޭނުން ކުރުމަށް ދުންފަތުގެ ތާޒާ ފަތް އެކި ގޮތްގޮތަށް ތައްޔާރު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
02 February 2025
މީގެކުރިން ނޫހުން ކީ ރާއްޖެއަށް އެތެރެކުރި ދުންފަތްތަކެއް ޤާނޫނު ހުރަސް ނާޅާކަމަށް ބުނެ ދޫކުރިކަމަށް. މިވާގޮތެއް ނޭނގުނު.
ޓިޕިކަލް ދިވެހިން
02 February 2025
ހުރިހާ އެންމެން ވަރަށް ރަގަޅު ކަމަކަށް ހަދާފަ ކޮމެންޓް ކުރަނީ، ބާރަށް އަތްޖަހަނީ، މީ މާ މޮޅު ކަމެއް ނޫން. މިއުޅެނީ ދުންފަތް ކޮންޓްރޯލް ކުރާކަށް ނޫން. އެހެންނަމަ ދުންފަތް އެތެރެ ކުރުން މަނާ ކުރާނީ. ސިގިރޭޓްވެސް ހިމަނައިގެން.
މަފާޒް ސަލީމް
01 February 2025
ގައުމާ ޒުވާނުންގެ މުސްތަގް ބަކަށް ކުރެވޭނެ އެއްމެ ރަނގަޅު ކަންތައް މިއީ. ދުންފަތުން ގައުމު ސަލާމަތް ކުރުން
ހަސަން އަޝްފާގް
01 February 2025
މި ސަރުކާރުން ކުރާ އެއްމެ ރަނގަޅު ކަމަކީ މިއީ. ފުރިހަމަޔަށް ތާއިދު
މަމްނޫހް
01 February 2025
ބަރާބަރު. ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ދުންފަތް ހުއްޓުވަން ޖެހޭ!
ތޫބާ ނާޒިމް
01 February 2025
ސިގެރެޓާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް އަހަރެން ވަރަށް ބަލައިގަންނަން.
ސަރަފީނާ
01 February 2025
ސިނގިރޭޓުކަމަށް ބެލެވޭ އެއްޗެހި ދެއްތޯ؟ ޕޮލިހުންގެ ޓިޕިކަލް ޖަވާބު!
ސޭކު
31 January 2025
ލޯ ކޮލިޓީ ދީގެން މީހުން ހަލާކުކުރަން ސަރުކާރުން ހެދި ގާނޫނެއް މީ. -/100 އަށް ޑިއުޓީ ދައްކާފަ ބޮވޭ ސިގިރެޓް މިހާރު ވަގަށް -/150 އަށް ކިހާ މޮޅު ތައްކަރެއް މިޖަހަނީ ބަޔަކު މުއްސަނދި ކުރަން
ހަސަދު
31 January 2025
ސިގިރޭޓް އުފެއްދުން ގާނޫނީ ކުށެއްތޯ. ނޭގޭތީ ހަމަ އަހާލީ.
ނާޑުވާ
01 February 2025
ސިނގިރޭޓް ބަންދު ކުރުމަކީ މިހާރު އަދި މިއޮތް ޤާނޫނުގަ މަނާ ކަމެއް ނޫން. އެކަން އޭޖީއަށް އެނގޭތީ ސިނގިރޭޓް އޮޅާ ކަރުދާސްތައް ކަސްޓަމްސް އިން ދޫކޮށްލީ. ސިނގިރޭޓް އޮޅާ ދުންފަތް އެތެރެ ކުރުން މަނައެއް ނޫން އެ އޮޅާ ކަރުދާސް މަނައެއް ނޫން. ދެން ބަޔަކު އެ އޮޅާފަ ފޮށްޓަކަށް އެޅުން މަނާވީ ގޮތެއް ނޭނގުނު.
އަހްމަދް
31 January 2025
މީ އަރަތެއް ކަހަލަ ކަމެއް. ސިނގިރޭޓް އުފައްދަން ބޭނުންވާ ހުރިހާ އެއްޗެއް އެތެރެ ކުރުން ހުއްދަ. އެކަމަކު އުފެއްދުން މަނާ. މީ ނަމެއްގަ ހަދާފައޮތް ގާނޫނެއް.
ކަން
31 January 2025
ހުރިހާ ކަމެއްވެސް ހުރީ ތިޔަހެން.