މާލޭގެ ކެފޭއެއްގެ ތެރޭގައި މިދިޔަ އަންގާރަ ދުވަހު މާރާމާރީ ހިންގި މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށް، ބަންދު މުއްދަތު ޖަހައިފި އެވެ.

މާވެޔޮ މަގުގައި ހިންގާ ކެފޭ ތާސީރުގެ ތެރޭގައި މާރާމާރީއެއް ހިންގީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު މެންދުރު މާރާމާރީ ހިންގީ އެ ތަނުގައި މަސައްކަތްކުރާ ނޭޕާލް ޝެފަކާއި ބަންގްލަދޭޝަށް ނިސްބަތްވާ އެހެން މުވައްޒަފަކާ ދެމެދު އެވެ. އެ ދެ މީހުންނަށް ވެސް އެ މާރާމާރީގައި އަނިޔާވި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ނޭޕާލަށް ނިސްބަތްވާ 24 އަހަރުގެ ފިރިހެން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާވެޔޮ މަގުގައި ހިންގާ ކެފޭ ތާސީރު--
މާވެޔޮ މަގުގައި ހިންގާ ކެފޭ ތާސީރު--

ނޭޕާލަށް ނިސްބަތްވާ މީހާ ފަރުވާއަށްފަހު ބަންދު ކޮށްފައިވާއިރު، ފުލުހުން ބުނީ ބަންގްލަދޭޝް މީހާއަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.

އެ މައްސަލާގައި މާރާމާރީ ހިންގި ސަބަބެއް އަދި ސާފެއް ނުވެ އެވެ.