ހިމަބިހި ވެކްސިން ޖެހުމުގެ މުއްދަތު މި މަހުގެ 21 ގެ ނިޔަލަށް އިތުރުކޮށްފި

މީސެލްސް ނުވަތަ ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕޭންގެ ދަށުން އެމްއާރު ވެކްސިން ޖެހުމުގެ މުއްދަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިތުރުކޮށްފި އެވެ.


ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެޗްޕީއޭ ހިންގުމާ ހަވާލުވެ ހުންނެވި، އައިޝަތު ރަމީލާ ވިދާޅުވީ ވެކްސިން ޖެހުމުގެ މުއްދަތު އިތުރު ކުރީ ކަނޑައެޅި އަމާޒު ހާސިލް ނުވުމުން ކަމަށެވެ. އެހެންވެ އަންނަ ހަފުތާގެ އަންގާރަދުވަހާ ހަމައަށް ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަމީލާ ވިދާޅުވި ގޮތުގައި ކެމްޕެއިންގައި އެންމެ ބޮޑު އިސް ކަމެއް ދޭނީ ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުންނަށް ވެކްސިން ދިނުމަށެވެ. އެހެންވެ، ވެކްސިން ނުޖަހައި ތިބި މީހުން ގެނައުމަށް ކުރެވޭނީ ކޮން މަސައްކަތެއްތޯ ބެލުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެކްސިން ޖަހަން ބޭނުންވެގެން އައި މީހުން ޖަހައި ނިންމާފައިވާ ކަމަށް ގަބޫލުކުރަނީ،" ރަމީލާ ވިދާޅުވި އެވެ.

ނެޝަނަލް ވެރިފިކޭޝަން ކޮމެޓީގެ ޗެއާ ޑރ. އަބްދުލް އަޒީޒް ޔޫސުފް ވިދާޅުވީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާ އެކީގައި ކާމިޔާބު ކެމްޕެއިނަކަށް ވެފައިވާ ކަމަށެވެ. އަދި ބައެއް ރަށް ރަށުގައި ވެކްސިން ޖަހަން ޖެހޭ ހުރިހާ އެންމެންގެ ގަޔަށް ވެކްސިން ޖަހައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީސެލްސް ނުވަތަ ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕޭންގައި މިހާތަނަށް 62 ޕަސަންޓު މީހުންގެ ގަޔަށް ވެކްސިން ޖަހާފައިވާ ކަމަށް އަޒީޒް ވިދާޅުވި އެވެ. އެޗްޕީއޭ އިން ވަނީ އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ 75،000 މީހުންނަށް ވެކްސިން ޖަހަން އަމާޒު ހިފައިފަ އެވެ.

ރާއްޖެ ވެސް ހިމެނޭ ގޮތަށް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 11 ގައުމުން 2020 ވަނަ އަހަރު އަންނައިރު، ހިމަބިހި ނައްތާލަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ އަމާޒު ހިފައިފަ އެވެ. ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަން ކަނޑައެޅުމަށް ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަވެފައިވާ މި ސަރަހައްދުގެ ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އައިޖީއެމްއެޗާއި ހެލްތު މިނިސްޓްރީ އަދި ސެނަހިޔާ ހޮސްޕިޓަލާ އެކު މާލޭގެ އެކި ސަރަހައްދުތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެ އެވެ. ރަށްރަށުގައި އުޅޭ މީހުންނަށް ވެކްސިން ޖަހާނީ އެ ރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލުގަ އެވެ.

ރާއްޖޭން ހިމަބިހި ނައްތާލަން ސަރުކާރުން ހިންގާ ގައުމީ މަޝްރޫއުގެ ދަށުން އެ ވެކްސިން ޖަހާފައި ހުއްޓަސް، ދެ ވަނަ ޑޯޒެއް ޖެހިކަން ޔަގީން ނުވާ ކުދިން ވެސް އަލުން ޖަހަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ހިމަބިހިން ސަލާމަތްވުމުގެ ވެކްސިން ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށީ 1981 ގަ އެވެ. އަދި 2010 ގެ ފަހުން ރާއްޖޭގައި ހިމަބިހި ޖެހުނުކަމުގެ އެއްވެސް ރިޕޯޓެއް ނެތެވެ.