ވެކްސިނާ ދެކޮޅު ވިސްނުންތައް އިތުރުވުމަކީ އެތައް އަހަރެއްގެ މަސައްކަތުން ރާއްޖޭގެ ސިއްހީ ދާއިރާ އިން ހޯދި ކުރިއެރުންތައް ފަހަތަށް ޖައްސާލާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"އިން ހުށަހެޅި ސުވާލުތަކަށް އެ އެޖެންސީން ދިން ޖަވާބުގައި ބުނީ ވެކްސިންނާ ދެކޮޅު ވާހަކަތަކަކީ ރާއްޖޭގެ އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި އެޗްޕީއޭ އަށް ކުރިމަތިވަމުންދާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. 

އޭގެ ސަބަބުން ބެލެނިވެރިންގެ މެދުގައި ބިރުވެރިކަން އުފެދި، ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް އޮންނަ އިތުބާރު އާއްމުންގެ މެދުގައި ކުޑަވާ ކަމަށް ވެސް ބުންޏެވެ. 

އެކަންކަމާ އެކު، ރާއްޖެ އިން ނައްތާލާފައިވާ ބަލިތައް އަލުން ފެނުމުގެ ފުރުސަތު ބޮޑުވުމަކީ އެޗްޕީއޭގެ ކަންބޮޑުވުމެކެވެ. 

އެ އެޖެންސީން ފާހަގަކުރި ގޮތުގައި، ރާއްޖެއަކީ ހިމަބިއްސާއި ޕޯލިއޯ ފަދަ ބަލިތައް ކާމިޔާބުކަމާއެކު ނައްތާލާފައިވާ ގައުމެކެވެ. ނަމަވެސް، ވެކްސިން ނުޖަހާ ކުދިންގެ އަދަދު އިތުރުވުމަކީ އާއްމުންގެ ތެރޭގައި އެ ބަލިތައް އަލުން ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމެއް ކަމަށް ބުންޏެވެ. 

ވައިގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ހިމަބިހި ރާއްޖެއިން ކޮންޓްރޯލްކުރި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން ވެސް ދޭތެރެދޭތެރެއިން ބިދޭސީންގެ ގައިން އެ ބަލި ފެނެ އެވެ.

މި ފަހަރު ހާލަތު ގޯސްވީ ދިވެހިންގެ ތެރޭގައި އެ ބަލި ފެތުރެން ފެށުމުންނެވެ. 

އެޗްޕީއޭ އިން ބުނީ މިހާރު ބަލި ޖެހިފައިވާ ނުވަ މީހުންގެ ތެރޭގައި ދެ ބިދޭސީން ހިމެނޭ ކަމަށެވެ. އެ ދެ މީހުންގެ ވެކްސިންގެ މައުލޫމާތެއް ސާފެއް ނުވެ އެވެ. ބާކީ ތިބި ދިވެހިން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. ދެ މީހަކު އެއް ޑޯޒު އަދި ފަސް މީހަކު ދެ ޑޯޒު ވެކްސިން ފުރިހަމަކޮށްފައިވެ އެވެ.

ހިމަބިހި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ދިފާއީ ބާރު 97 ޕަސެންޓު ފޯރުކޮށްދެ އެވެ. 

"ނަމަވެސް، މުޖުތަމައުގެ ތެރޭގައި ބަލި ފެތުރޭއިރު މަދު ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ. ވެކްސިން ފުރިހަމަކުރުމުން ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު ވެސް ކުޑަކޮށްދެ އެވެ،" އެ އެޖެންސީން ބުންޏެވެ. 

އެކަމުގައި އޮތް ދެ ވަނަ ކަންބޮޑުވުމަކީ ޖަމާއީ ދިފާއީ ބާރު (ހާޑް އިމިއުނިޓީ) ކުޑަވުމެވެ. 

ދިރާސާތަކުން ދައްކަނީ ބައްޔެއް ފެތުރުން ހުއްޓުވުމަށްޓަކައި މުޖުތަމައުގެ ބޮޑު ޕަސެންޓެއްގެ ކިބައިގައި އެ ބައްޔަކަށް ދިފާއީ ބާރު ހުންނަންޖެހޭ ކަމަށެވެ. އެކަމަކު، ވެކްސިނާ ދެކޮޅު މީހުން ގިނަވެ، ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވުމުން މުޖުތަމައުގެ ހުންނަންޖެހޭ ދިފާއީ ބާރު ދަށްވެ، ބަލިތައް ފެތުރުމުގެ ބާރު ގަދަވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

"މީގެ ސަބަބުން ހާއްސަކޮށް ބަލިކަށި މީހުންނާއި ޅަކުދިންނާއި މާބަނޑު މީހުން ނުރައްކަލަށް ހުށަހެޅެ އެވެ،" އެ އިދާރާ އިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުގައި ވެ ބުންޏެވެ. 

އެހެންވެ، ވެކްސިނަށް އާއްމުންގެ އިތުބާރު ހޯދަން ކަންތައްތަކެއް ކުރަމުންދާ ކަމަށާއި އަދި އެކަން އިތުރަށް ފުޅާކުރަން މަސައްކަތްކުރާ ކަމަށް ލިޔުމުން ދިން ޖަވާބުގައި ބުންޏެވެ. 

އެ އެޖެންސީން ބުނީ ވެކްސިންނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ނަގައިދިނުމާއި ޓީވީ/ރޭޑިއޯގެ އެކި ޕްރޮގްރާމްތައް މެދުވެރިކޮށް އާއްމުން ހޭލުންތެރިކުރުމުގެ މައުލޫމާތު ދިނުމާއި ވެކްސިނާ ބެހޭ ޕޯސްޓާއި ވީޑިއޯ ތައްޔާރު ކުރުމަކީ ވެސް ހޭލުންތެރިކުރުވަން ކުރާ މަސައްކަތުގައި ހިމެނޭ ކަމެއް ކަމަށް ބުންޏެވެ.

ރާއްޖޭގައި ގައުމީ ވެކްސިން ޝެޑިއުލްގައި ހިމެނޭ ވެކްސިންތައް، އާބާދީގެ 98 ޕަސެންޓަށް ވަނީ ދީފަ އެވެ.